ކޯބިޔަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ކޯބިޔަ އަކީ ރާއްޖޭއިން އާންމުކޮށް ފެންނަ މަހެއް ނޫނެވެ. ކޯބިޔަ މިނަން ދެވިފައިވަނި އިގިރޭސި ބަހުން ކިޔާ ކޯބިއާ ނަމާގުޅޭގޮތުން އަނގަބޮޑުވެފައި ކޯބޮޑުކަމަށް ފާހަގަކުރެވޭތީ އެވެ. އެހެން ކަމުން ވަކި ޚާއްޞަ ނަމެއްވެސް މިމަހަށް ދެވިފައި އެއް ނުވެއެވެ.

މިއީ ބޯފަތިކޮށް އަނގަ ވަރަށް ފުޅާކޮށް ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ވަކިވަކިން ކުރުކޮށް 7 އާއި 9 އާއި ދެމެދުގެ އަދަދަކަށް ހަރުކަށިތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 2 މީޓަރަށެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ހަނދުފަޅި ބުރަށް ކަފިކޮށެވެ. ނަމަވެސް ޅަމަހުގެ ނިގޫފަތް ހުންނަނީ ކޮޅަށް ވަށްކޮށެވެ. މިއީ މާކަނޑުތަކުގެ މަތީބައިގައި އުޅޭ މަހެކެވެ. ނަމަވެސް ބައެއް ފަހަރު ކުދިކުދި އައިން ހަދައިގެން ފަރުތަކުގެ ބޭރުގައި އުޅެއެވެ.

ކޯބިޔަ އަކީ އައްޓަމަހުގެ އާއިލާ އާއި ކޮންމެވެސް ވަރަކަށް ގުޅުންހުރި މަހެކެވެ. މިމަހުގެ އާންމު ސިފަތައް އައްޓަ މަސް އާއި ވަރަށް އެއްގޮތެވެ. ނަމަވެސް އައްޓަ މަސް ގެ ބޮލުގެ މަތީގައި ހުންނަ ތަތްކުރާތަށި މިމަހަކު ނުހުރެއެެވެ. މަހުގެ ބުރަކަށިމައްޗާއި އަރިމަތީގެ ކުލައަކީ މުށިކުލައެވެ. މަހުގެ ދެއަރިމަތީގައި އަލިކޮށް ހުންނަ ފުޅާ ދެރޮނގު ފާޅުކޮށް ފެންނަށް ހުރެެެއެވެ. ބަނޑުދަށް ފަރާތް ހުންނަނީ ފަނޑު ރީނދޫކުލައަކަށެވެ. މަހުގެ އާންމު ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި މަސްމަހާ މެއްސާއި ބޯވަ ދިލަ މަހެވެ.