ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު ދިވެހި އަސްކަރީ ޚިދުމަތާ ގުޅިވަޑައިގަތީ 1981 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު ސިފައިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ "މަނަދޫ" ގެ ނަމުންނެވެ. ދިވެހި އަސްކަެރިއްޔާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރެއްވި ޚިދުމަތުގެ ތެރޭގައި، އެމް.އެން.ޑީ.އެފް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސާރޖަންޓް ފަސްޓްކްލާސް ކަމާއި، ފަސްޓް ސާރޖަންޓް ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ.

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު، އެމް.އެން.ޑީ.އެފް.ގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެންމެ ފުރަތަމަ އަދާކުރެއްވި މަސްއޫލިއްޔަތުގެ ތެރޭގައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިމާވާ އެކިއެކި ހާދިސާތަކާ ގުޅިގެން ކަނޑުމަތީގައި ހަރަކާތްތެރިވެވަޑައިގެން މީހުން ސަލާމަތް ކުރެއްވުން ހިމެނެއެވެ. މިގޮތުން، ބެހިގެންދިޔަ ބައެއް އުޅަނދުފަހަރުންނާއި، ފަރުފަރަށް އެރި ބައެއް އުޅަނދުފަހަރުންނާއި، ކަނޑުމަތީގެ ބައެއް އެކްސިޑެންޓްތަކުގައި، މީހުން ސަލާމަތް ކުރައްވައިފައި ވެއެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި ބިރުވެރި ޢުދުވާނީ ޙަމަލާ ކަމަށްވާ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާއިން، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި ރައްޔިތުން ދިފާޢު ކުރެއްވުމުގައި އަޙްމަދު މުޙައްމަދު ކުރެއްވި ހިތްވަރުގަދަ ޖިހާދު ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރާއްޖޭގެ އެކި ރަށްރަށަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކުރަންޖެހުނު ކަންކަމުގައްޔާއި، އަދި ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރެއްވުމުގައިވެސް އަޙްމަދު މުޙައްމަދު އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގައި ބޭއްވުނު 11 ވަނަ ސާރކް ސަމިޓާއި، 17 ވަނަ ސާރކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހުނު ކަންކަމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ދިވެހި ސަލާމަތީ ބާރުގައި ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު މި ހޭދަކުރެއްވި ދިގު މުއްދަތުގައި ވަރަށްގިނަ ކާމިޔާބީތަކެއް ވަނީ ހާސިލު ކުރައްވައިފައެވެ. އެގޮތުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 9 ކުލައާއި، 5 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންނެވި ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލައިގެ އިތުރުން، ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، ތިންފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންނެވި މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17 ވަނަ ސާރކް ސަމިޓްގެ މެޑެލް، މިނިވަން 50ގެ މެޑެލް އަދި ޖުމްހޫރީ 50ގެ މެޑެލް ހިމެނެއެވެ.

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު 35 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައިވާތީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު - 2022 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.