ކުޑަކަމުދާހޮޅި އާދަޔާޚިލާފަށް ހިމަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކުޑަކަމުދާހޮޅި އާދަޔާޚިލާފަށް ހިމަވުން(އިނގިރޭސި ބަހުން: Urethral stricture) އަކީ ކުޑަކަމުދާތަކެތި ބޭރުނުވެ ބަންދުވާގޮތް މެދުވެރި ކުރުވާ ސަބަބެކެވެ. ގިނަފަހަރު މިކަން މިގޮތަށް މެދުވެރިވަނީ ކުޑަކަމުދާހޮޅި ހިމަވާގޮތްވެ ނުވަތަ ކުޑަކަމުދާހޮޅީގައި ސްޓްރިކްޗަރ އުފެދުމުންނެވެ. ސްޓްރިކްޗަރއަކީ ކުޑަކަމުދާހޮޅިއަށް އަނިޔާއެއް ލިބުމުގެ ސަބަބުން ނުވަތަ އިންފެކްޝަންއެއް އުފެދުމަށްފަހު ހޮޅިތެރެ ފާރުވެ ފަސޭހަ ވުމަށްފަހު މަސްއަރާ ބޯވުމުގެ ސަބަބުން އުފެދޭ ހަރު ލަކުނެކެވެ. ބައެއް ފަހަރު މިގޮތަށް ލަކުނެއް އުފެދިއްޖެނަމަ ކުޑަކަމުދާހޮޅި ވަރަށް ބޮޑަށް ބެދި ކުޑަކަމުދާ އެއްޗެތި އެންމެ ފުރިހަމަ ގޮތުގައި ބޭރުވުމަށް ހުރަސް އަޅައެވެ.

ސަބަބުތައް[އުނިއިތުރު ގެންނަވާ]

ސްޓްރިކްޗަރ ނުވަތަ ކުޑަކަމުދާ ހޮޅި ހިމަވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކުރިމަތިފަރާތަށް ލިބޭ ގެއްލުމަކަށް ފަހު ނުވަތަ ކަށިވަތް ބިންދައިގެން ދިއުމުގެ ސަބަބުން ކުޑަކަމުދާ ހޮޅިއަށް އަނިޔާއެއް ލިބުން ހިމެނެއެވެ. ދިވެހިރާއްޖޭގައި ޢާއްމުކޮށް މިފަދަ އަނިޔާ ލިބެނީ ބައިސްކަލް ދުއްވުމުގެ ތެރޭގައި ވެއްޓުމުން އަދި ދޯނިފަހަރުގެ ވަތުތެރެއަށް ވެއްޓުމުންނެވެ. މީގެ އިތުރުން، ކުޑަކަމުދާ ހޮޅި އިންފެކްޓްވުމުގެ ސަބަބުން ހާއްސަކޮށް ޖިންސީ ގުޅުން ހިންގުމާއި ގުޅިގެން ފެތުރޭ ޖަރާސީމް އަށަގަނެ ރަނގަޅުވުމަށްފަހު ސްޓްރިކްޗަރ އުފެދޭ ގޮތްވެއެވެ. އަދި، ވަރަށް ގިނަފަހަރު ކުޑަކަމުދާ ހޮޅި ވަށައިގެން ބޭރުން އުފެދޭ ޓިއުމަރ އެއްގެ ސަބަބުން ކުޑަކަމުދާ ހޮޅި ފިތި ހިމަވާގޮތް މެދުވެރިވެއެވެ.

ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު[އުނިއިތުރު ގެންނަވާ]

ދުނިޔެއަށް އުފަންވާއިރު ކުޑަކަމުދާހޮޅި ބެދިފައިވާތަން ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް ބައެއް މީހުންގެ ކުޑަކަމުދާ ހޮޅީގެ ކުރީކޮޅު ނުވަތަ ބޭރު ލޯވަޅު ކުޑަކޮށް އިންނާތީ ފެނެއެވެ.

ކުޑަކަމުދާހޮޅީގައި ސްޓްރިކްޗާރ އުފެދުމުގެ ފުރުސަތުބޮޑީ އެއްވެސްމިންވަރަކަށް ކުރިމަތިފަރާތަށް އަނިޔާއެއް ލިބިފައިވާނަމަ އެވެ. ނުވަތަ ކުޑަކަމުދާހޮޅިއަށް އެއްވެސް އާލާތެއް ލައްވައިގެން އޮޕަރޭޝަނެއްކުރެވި ނުވަތަ ކުޑަކަމުދާނިޒާމަށް ކެތިޓަރއެއް ލެއްވިފައިވާނަމައެވެ. މީގެ އިތުރުން ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އަށަގަނެ ކުރިމަތިފަރާތުން ދޮސްއައިސްފައިވާ މީހުންގެ ވެސް ކުޑަކަމުދާހޮޅީގައި ސްޓްރިކްޗާރ އުފެދުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ފެނިދާނެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ކުޑަކަމުދާހޮޅީގައި ސްޓްރިކްޗަރއެއް އުފެދިއްޖެނަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާއިރު ތަދުވުން/ އުނދަގުލެއް ހުރުން، ކުޑަކަމުދާތަކެތި ބޭރުވާ ޕްރެޝަރ ދަށްކޮށް ހުރުން، ކުޑަކަމުދާއިރު ދެކަފިވުން ނުވަތަ ސްޕްރޭވުން، ކުޑަކަމުދާތަކެތި ބޭރުވާ މިންވަރު މަދުވުން، އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން، ކުޑަކަމުދިއުން ހިފެހެއްޓުމަށް ދަތިވުން، އުނަގަނޑު މަތީގައި ރިއްސުން، ކުޑަކަމުދާތަކެތީގައި ލޭހުރުން ނުވަތަ ކުލަގަދަކޮށް ހުރުން، ކުޑަކަމުދާ ހޮޅިން ލޭ ނުވަތަ ދޮސް އައުން، މަނީގައި ލޭހުރުން، ކުރިމަތިފަރާތް އުރަވަޅިއާއިއެކު ދުޅަވުމުގެ އިތުރުން އެއްގޮތަކަށްވެސް ކުޑަކަމު ނުދެވުން ފަދަ އަލާމާތްތައް ހިމެނެއެވެ.

ބަލި ދެނެގަތުން[އުނިއިތުރު ގެންނަވާ]

ބަލި ޖެހިފައިވާކަން ސާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތީގެ އާދައިގެ ޓެސްޓެއް ހެދުމުގެ އިތުރުން ކަލްޗަރ ޓެސްޓެއްވެސް ހަދަންވާނެއެވެ. އެއަށްފަހު، ކުޑަކަމުދާ އެއްޗެތި ބޭރުވާ މިންވަރާއި ސްޕީޑް ބެލުމަށްޓަކައި ޔޫރޮފްލޮވްމެޓްރީ ހަދަން ޖެހިދާނެއެވެ. އަދި މީގެ އިތުރުން ބަނޑުގެ އަލްޓްރާ ސައުންޑް ސްކޭންއެއް ކޮށްގެން އިތުރު ބައްޔެއް ހުރިތޯއާއި ކުޑަކަމުދާތަކެތި ހުސްނުވެ ހުންނަ މިންވަރު ބަލާނެއެވެ. އެހެނިހެން ޓެސްޓްތަކުގެ ތެރޭގައި ކޮންޓްރާސްޓް ބޭސް ބޭނުންކޮށްގެން ރެޓްރޮގްރޭޑް ޔުރެތްރޮގްރަފީ ނުވަތަ ވޮއިޑިންގ ސިސްޓޮޔުރެތްރޮގްރަފީ ހެދުމަށްފަހު ސިސްޓޮސްކޮޕީ ފަދަ ޓެސްޓްތައް ހިމެނެއެވެ.

ފަހުން ދިމާވެދާނެ މައްސަލަތައް[އުނިއިތުރު ގެންނަވާ]

ސްޓްރިކްޗަރ އުފެދުމަށްފަހު ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ކުޑަކަމުދާނިޒާމުގައި ޖަރާސީމް އަށަގަތުން، މަނި ބޭރުވުމުގައި އުނދަގޫތަކެއް އިހްސާސް ކުރަން ޖެހުން، ކުރިމަތިފަރާތުން ލޭ އައުން، ކުޑަކަމުދާ ނިޒާމުގައި ހިލަ އުފެދުން، ކުޑަކަމު އެއްގޮތަކަށްވެސް ނުދެވުމުގެ އިތުރުން ކިޑްނީ ފެއިލްވުމަކީ ވަރަށް ގާތް ކަމެކެވެ.

"މިބަލި ޖެހިއްޖެނަމަ މުޅި އުމުރަށްވެސް ދުވަސް ދުވަސްކޮޅުން ކުޑަކަމުދާހޮޅި ފުޅާކުރުމަށްޓަކައި ކުޑަކަމުދާނިޒާމާއި ބެހޭ ޑޮކްޓަރުންނާއި ބައްދަލު ކުރަންޖެހޭނެއެވެ. އެކަން އެގޮތަށް ނުކުރެވޭނަމަ ނުވަތަ ފަރުވާ ލިބުން ލަސްވެއްޖެނަމަ ކިޑްނީއަށް އަސަރުކޮށް ކިޑްނީ ފެއިލްވެގެން ދިއުން ވަރަށް ކައިރިއެވެ."

ފަރުވާ[އުނިއިތުރު ގެންނަވާ]

ސްޓްރިކްޗަރއެއް އުފެދުމަށްފަހު ކުޑަކަމުދާހޮޅި ގަވާއިދުން ފުޅާކުރުމަށްޓަކައި އަމިއްލައަށް ހޮޅިއެއްގެ އެހީގައި ޑައެލެޓޭޝަން ހަދަން މަޖްބޫރުވެއެވެ. ނޫންނަމަ ކަމާއި ބެހޭ ހާއްސަ ޑޮކްޓަރަކަށް ދައްކައިގެން ޔުރެތްރަލް ޑައެލެޓޭޝަން ހަދަން ޖެހޭނެއެވެ. އަދި މީގެ އިތުރުން ކުޑަކަމުދާނިޒާމުގައި ޖަރާސީމް އަށަގަތުމުގެ ފުރުސަތު ބޮޑުކަމުން ގަވާއިދުން ޑޮކްޓަރަށް ދައްކައިގެން ކުޑަކަމުދާތަކެތި ޓެސްޓްކޮށް ކަލްޗަރ ކުރުމަށްފަހު ބޭސް ބޭނުންކުރަން ޖެހިދާނެއެވެ. މާބޮޑަށް ކުޑަކަމުދާހޮޅި ބެދޭގޮތްވެ ނުވަތަ ތަކުރާރުކޮށް ކުޑަކަމުދާނިޒާމުގައި ޖަރާސީމް އަށަގަންނަނީނަމަ އޮޕަރޭޝަންކުރުން ބުއްދިވެރިއެވެ. އަދި، ސްޓްރިކްޗަރ އުފެދި ގިނަ ދުވަސްވުމުން ކިޑްނީގެ މަސައްކަތަށް ބުރޫ އަރާ ފެއިލްވެދާނެކަމުގެ ނިޝާންތަކެއް ފެންނަން ފަށައިފި ހިނދެއްގައި މަސާނާއިން ކުޑަކަމުދާ އެއްޗެތި ބޭރުކުރުމަށްޓަކައި އޮޕަރޭޝަނެއް ކުރަން ޖެހިދާނެއެވެ.

ސްޓްރިކްޗަރއެއް އުފެދި ކުޑަކަމުދާހޮޅި ބެދުމުގެ ކުރިން ސްޓްރިކްޗަރގެ އެއްވެސް އަލާމާތެއް ފެނިއްޖެ ހިނދެއްގައި ކުޑަކަމުދާ ނިޒާމުގެ ޑޮކްޓަރަކަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ދައްކައިގެން ކުރިއަށް ގެންދާށެވެ. އަދި މީގެ އިތުރުން ނޭދެވޭ ޖިންސީ ގުޅުން ހިންގުމުން ދުރުހެލިވާށެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ދުވަހު ނޫސް ރާއްޖެ ގެ 25 އޮގަސްޓު 2008ގެ އަދަދުގައި ޑރ އަޙުމަދު އަޝްރަފް ޢަލީ ލިޔުއްވާފައިވާ ލިޔުމެއް