ކުލަ ބޮއްމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ކުލަ ބޮއްމަސް

ކުލަ ބޮއްމަސް(ސައިންޓިފިކް ނަން: Antennarius coccineus)ނުވަތަ (އިނގިރޭސި ބަހުން: Scarlet frogfish) އަކީ ރާއްޖޭގެ ފަރުތަކުގެ ބޭރުގަޔާއި އެތެރެވަރީގެ ކަނޑުތަކުގެ އަޑީގައި އުޅޭ މަހެކެވެ. މިއީ ކަނޑުގެ އަޑީބައިގައި އުޅޭ ވަރަށް ހަރަކާތްމަދު ފޮއްމަހެކެވެ. ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިބާވަތުގެ މަހަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްޞަ ނަމެއް ކިޔާނޫޅޭތީ މަހުގެ ސިފައަށާއި ކިޔާއުޅޭ އާންމު އިގިރޭސި ނަމަށްބަލާ މިމަހަށް ކުލަ ބޮއްމަސް ކިޔާ ނަންދީފައިވަނީ އެވެ. މިއީ އާދަޔާ ޚިލާފަށް މޮޅަށް އެސޮރު އުޅެމުންދާ މާހައުލާ އެއްގޮތަށް މަހުގެ ކުލަ ބަދަލުކުރާ މަހެއްކަމުން އަޑިއަށް ފީނާއުޅޭ މީހުންނަށް ވެސް މިބާވަތުގެ މަސް އަޑީގައި އުޅެނިކޮށް ދެނެގަތުމަކީ އުދަގޫ ކަމެކެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ވަކިވަކިން ހުންނަ 3 ހަރުކަށި ހުރެއެވެ. ފުރަތަމަ ކަށި އެހެނިހެން މަސްމަހާ ޚިލާފަށް ވަދެއްގެ ގޮތަށް އުފެދިފައި ހުރެއެވެ. މިވަދުން އެހެން ކުދި މަސްމަހާމެހި އޭގެ ކައިރިއަށް ގެނުވާފަދަ ކުދި ލުއްކިތަކެއް ޖަހާ މަސް ގާތްވުމުން މަހުގެ މައްޗަށް ވާގޮތަށް ހުންނަ ބޮޑު އަނގައިން ކާނާއެކުގައި ޝިކާރަކޮށްލައެވެ.

މަހުގެ ލޯ ކުޑަވާނެއެވެ. އަދި ލޯ ހުންނަނީ މަހުގެ ބޮލުގައި ހުންނަ ވަދުގެ ތިރިން ބޮލުގެ މަތީބައިގައެވެ. މިއީ އަޑީަގއި އުޅޭއިރު ތަފާތު ކުލަތަކެއް ގެންނަ މަހެކެވެ. ގިނައިން ފެނިފައި ހުންނަނީ ރަތްމުށި ކުލައިގައެވެ. އަދި މުށިކުލައިގެ ތަފާތު ކުލަތަކުން ލައްތަކެއް ޖަހާފައި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 13 ސމ އަށެވެ.