ކުޅަދުރު ފާނަ
ކުޅަދުރު ފާނަ (ސައިންޓިފިކް ނަން: Epinephelus chlorostigma)ނުވަތަ (އިނގިރޭސި ބަހުން: Brownspotted grouper)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ދިރިއުޅޭ، ނަނު ފައްތައިގެން ކުރާ މަސްވެރިކަމުގައި ބޭނޭ، ކޮށި ފައްތައިގެން ކުރާ މަސްވެރިކަމުގައި ހިފޭ މަހެކެވެ. މިއީ ކެއުމަށް މީރު މަހެކެވެ. މިމަހަށް ކުޅަދުރު ފާނަ ކިޔާފައިވަނީ މަހުގެ ހަށިގަނޑުގައި ހުންނަ ކުދިކުދި ފިތްތަކަށް ބަލާފައެވެ. މިފިތްތައް ނުވަތަ ލައްތައް ހުންނަނީ ކުޅަދުރު ހަތާ ހުންނަ ގޮތާއި، ވަރަށް އެއް ސިފައަކަށެވެ. މަހުގެ ކަރުތާފަތުގެ ކުރީބައި ހުންނަނީ ކަށިކޮށްނެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 16 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 8 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 17 މަޑުކަށި ހުރެއެވެ. މަހުގެ މުޅި ހަށިގަނޑުގައި މުށިކުލައިގެ ކުދި ލައްތަކެއް ވަރަށް ކައިރިކައިރީގައި ހުރެއެވެ. މިލައްތަކުގެ އެންމެ ބޮޑެތި ލައްތައް ވެސް މަހުގެ ލޮލުގެ ކަޅީގެ ½ އަށްވުރެ ބޮޑެއް ނޫނެވެ. ނިގޫފަތުގެ ކައިރިފަށް ހުންނަނީ ހުދު ކުލައިގައެވެ. މިއީ ތަފާތު ފުންމިނުގައި ދިރިއުޅޭ މަހެކެވެ. މިގޮތުން 4 މީޓަރާއި 280 މީޓަރާއި ދެމެދުގެ ފުންމިނުގައި މިމަސް ދިރިއުޅޭ ކަމަށް ވެއެވެ. މިއީ 75ސމ އަށް ބޮޑުވާ މަހެކެވެ.