ކިލަނބު ގުރުވަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ

ކިލަނބު ގުރުވަ އަކީ ރާއްޖޭގައި އަދި ހިފާއުޅޭ ކަނޑުގުރުވައެއް ނޫނެވެ. މިބާވަތުގެ ގުރުވަ ބޭނުމަކަށް ވަކި ޚާއްޞަ ގޮތްތަކެއް ދިވެހިން ނުގެންގުޅެއެވެ. މިއީ އާންމުކޮށް އަޑި ކިލަނބު އަދި ނުސާފު ސަރަހައްދު ތަކުގައި އުޅޭ ކަނޑު ގުރުވައެކެވެ. މިއީ އަޅައިގަންނަ ކުލައެއްގައި ހުންނަ މަހެއް ވެސް ނޫނެވެ. މިބާވަތުގެ ކަނޑު ގުރުވައަށް ދިވެހިން ވަކި ޚާއްޞަ ނަމެއް ކިޔާނޫޅޭތީ މަހުގެ ސިފައަށާއި އެސޮރު އުޅޭ ސަރަހައްދަށް ވިސްނާ ކިލަނބު ގުރުވަ ކިޔާ ނަންދީފައި ވަނީއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ނުވަތަ 10 ހަރުކައްޓާއެކު 17 އާއި 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 މަޑުކަށި ހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ފުރަތަމަ ހަރުކަށި ކުރުވެފައި އެއާއި ޖެހިގެން ހުންނަ ހަރުކަށިތައް މާބޮޑުތަން ދިގުކަން ފާހަގަކުރެވެއެވެ. މަހުގެ ހުޅުނބުތައް ކުއްޖެވެ. މިމަސް އެންމެ ބޮޑުވަނީ 90 ސމ އަށެވެ. މަހުގެ ކުލައަކީ ފަނޑު އަޅި ކުލައެކެވެ. މިބާވަތުގެ ކަނޑުގުރުވައިގެ ޅަމަހުގައި އެކިގޮތްގޮތަށް ދެމިފައި ހުންނަ ކަޅާއި ހުދުގެ ރޮނގުތަކެއް ހުރެއެވެ. މިރޮނގުތައް މަސް ބޮޑުވީވީހެން ކެނޑެމުން ގޮސް ބޮޑެތި މަހުގައި ހުންނަނީ ކަޅުކުލައިގެ ލައްތަކެކެވެ. މިބާވަތުގެ ގުރުވަ 80 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅެއެވެ. މަހުގެ ކާނާއަކީ އަޑީގައި އުޅޭ ތަފާތު ބާވަތްތަކުގެ ކަކުނި ޑިނގާ ފާނޑުގެ ސޫތްޕާއި ކުދި މަހެވެ.