ކިރުޅި ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކިރުޅި ފާނަ

ކިރުޅި ފާނަ(ސައިންޓިފިކް ނަން: Epinephelus ongus)ނުވަތަ (އިނގިރޭސި ބަހުން: White-streaked grouper) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި، އެތެރެވަރީގެ ތިލަ ހިސާބުތަކުގައި އުޅޭ މަހެކެވެ. މިބާވަތުގެ މަސް އަޑިއަށް ފައްތައިގެން ކުރާ ކެޔޮޅުކަމުގައި އަދި ކޮށި ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި އަދި ފަރުމަތީ ދާއަޅައިގެން ވެސް ހިފެއެވެ. މިބާވަތުގެ މަސް ދިރިއުޅެނީ 5-30 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ.

މަހުގެ މަތީ ކޮތަރިބައިގައި 11 ހަރުކައްޓާއި، 15 ނުވަތަ 16 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތު ކޮޅު ހުންނަނީ ވަށްކޮށެވެ. ކަންފަތް ބޮޑެވެ.

މަހުގެ ކުލައަކީ ގަދައަޅި ނުވަތަ މުށި ކުލައެވެ. މަހުގެ ކޮތަރިތަކާއެކު މުޅި ހަށިގަނޑުގައި ފަނޑުއަޅި ނުވަތަ ނޫއަޅި ކުލައިގެ ލައްތަކެއް ހުރެއެވެ. މިއީ ދިވެހި މަސްވެރިން ގިނައިން ބާނާ އުޅޭ މަހަކަށް ނުވުމާއެކު މިމަހަށް ކިޔާ ވަކިނަމެއް ނެތުމުން މަހުގައި ހުންނަ ކިރުޅިޔަ ކުލައަށް ބަލާ މިމަހަށް ކިރުޅި ފާނަ ކިޔާ ނަންދީފައި ވަނީ އެވެ.