ކިރުޅިޔަ މަސް
ކިރުޅިޔަ މަސް(ސައިންޓިފިކް ނަން: Kyphosus cinerascens)ނުވަތަ (އިނގިރޭސި ބަހުން: Blue seachub)އަކީ ރާއްޖޭގައި ގިނައަދަދަކަށް އުޅޭ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ ފަރުމަހުގެ ބާވަތެކެވެ. ރާއްޖޭގެ ފަޅުފަޅުން ދާއަޅައިގެންނާއި ރޮދުލައިގެން އަދި ބުޅީގައިވެސް މިމަސް ބާނާ ހިފައިހަދާ އުޅެއެވެ. ކިރުޅިޔަ މަހަކީ ހަންބޯ އަދި ހަރުމަސްގަނޑެއް އޮންނަ މީރު މަހެއްކަމުން ވަރަށް ގިނަ ދިވެހިން މިމަސް ކެއުމަށް ޝައުގުވެރިކަން ދެއެވެ. އަދި ގިނައިން ހިފައިގެން ލޮނުއެޅުމަށް ވެސް ބޭނުން ކުރެއެވެ. މިމަސް ކުދި އައިން ހަދައިގެން ފަޅުތެރޭގަޔާއި ވިލުވިލުގައި އަދި ފަރުމަތީގައި އުޅެއެވެ. ނަމަވެސް ރޭގަނޑުގެ ވަގުތުތަކުގައި މިބާވަތުގެ މަސް ގިނައިން އުޅެނީ މޫދުގެ އަޑީބައިގައި އެކަހެރިކޮށެވެ. މިމަހުގެ މައިގަނޑު ކާނާއަކީ މޫދު ފެއްސެވެ. ނަމަވެސް މަދުމަދުން އެހެން ފާނޑުފާނޑުގެ ކާނާވެސް ކައިއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 45 ސެންޓި މީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 އާއި 12 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތުގެ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 11 މަޑުކަށި ހުރެއެވެ. މަހުގެ މަތީ ކޮތަރިބައިގެ މަޑުކަށިތައް ހަރުކަށިތަކަށްވުރެ ދިގެވެ. މަހުގެ ކަންފަތް ގަނޑު ކުރެވެ. މަހުގައި ހުންނަނީ ކުދިކުދި ހުޅުނބު ތަކެކެވެ. މަހުގެ ކުލައަކީ ގަދަ އަޅިކުލައެކެވެ. ބަނޑުދަށް ފަރާތުގެ ކުލަ މަތީބަޔަށްވުރެ ފަނޑެވެ. މަހުގެ ދިގަށް ހުންނަ ހުޅުނބު ބަރި ދެމެދުގައި ރަންކުލައިގެ ރޮނގެއް ހުރެއެވެ.