Jump to content

ކާލިގަނޑު މިޔަރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ކާލިގަނޑު މިޔަރު

ކާލިގަނޑު މިޔަރު (އިނގިރޭސި ބަހުން: Sphyrna lewini)ނުވަތަ (އިނގިރޭސި ބަހުން: Scalloped hammerhead shark) އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ މަސްވެރިން ދަންނަ މިޔަރުގެ ބާވަތްތަކުގެ ތެރޭގައި މަޝްހޫރު މިޔަރެކެވެ. މިމިޔަރުގެ ބޯ ހުންނަނީ ކާލިގަނޑެއް ހެން ދެފަރާތަށް ނިކުމެފައެވެ. މިޔަރުގެ ދަތްތައް ހުންނަނީ ތިންކަނަށް ވާގޮތަށް ކައިރިފަށް ރާޅުކޮށެވެ. ބުރަކަށިމަތީގެ ފުރަތަމަ ކޮތަރި ބޮޑުވާނެއެވެ. މިއީ އެތެރެވަރީގެ ކަނޑުތަކު ގައްޔާއި، މާކަނޑުތަކުގައި އުޅޭ މިޔަރެކެވެ. މިމިޔަރުގެ ޅަ އެއްޗެހި ގިނައިން އުޅެނީ އެތެރެވަރީގެ ކަނޑުތަކުގައެވެ. މީގެ ބޮޑެތި މިޔަރު ދަތުރުކޮށް އުޅެނީ އެކަހެރިކޮށް ނުވަތަ ޖޯޑްޖޯޑަށެވެ. ނަމަވެސް ޅަމިޔަރު ބޮޑެތި އައިން ހަދައިގެން ކަނޑުގެ އެކިހިސާބުތަކުގައި އުޅޭކަމަށް ވެއެވެ. މިމިޔަރު ވިހާ ކޮންމެ ފަހަރަކު 31-15 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. އަދި ވިހާ ޅަމިޔަރު ތަކުގެ ދިގުމިނުގައި ގާތްގަނޑަކަށް 50 ސެންޓިމީޓަރު ހުންނަކަމަށް ވެއެވެ.

ކާލިގަނޑު މިޔަރުގެ އާއްމު ކާނާއަކީ ކަނޑުގެ މަތީބައިގައި އުޅޭ ޒާތްޒާތުގެ މަހާއި، އެހެނިހެން ކުދި މިޔަރާއި، މަޑިއާއި، ބޯވަ ދިލަމަހާއި، ޑިނގާއެވެ. މިމިޔަރު އެންމެ ބޮޑުވާކަމަށްވަނީ 4.2 މީޓަރަށެވެ. ނަމަވެސް ގިނައިން ފެނިފައި ހުންނަ އެންމެ ބޮޑުމިނަކީ 3.6 މީޓަރެވެ. މީގެ ބޮޑެތި މިޔަރަކީ ނުރައްކާތެރި މިޔަރެއްކަމަށް ވަނީ ބެލެވިފައެވެ. މިމިޔަރު ގިނައިން ހިފާ އަދި ބާނާ އުޅެނީ ދާއަޅައިގެންނާއި، ލޭނުއަޅައިގެންނެވެ. މިއީ ކެއުމަށް ބޭނުންކޮށްއުޅޭ އަދި ވިޔަފާރިއަށް އުރަހަ ބޭނުން ކުރެވިދާނެ މިޔަރެކެވެ.