ކަސް ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަސް ފާނަ

ކަސް ފާނަ(ސައިންޓިފިކް ނަން: Epinephelus fuscoguttatus)ނުވަތަ (އިނގިރޭސި ބަހުން: Brown-marbled grouper) އަކީ ދިވެހިންގެ ގިނަމީހުން ދަންނަ ފާނަ އެކެވެ. މިމަހަށް ކަސް ފާނަ ކިޔަނީ މަހުގައި ހުންނަ ކުރެހުމެއް ސިފަކުރެވޭ ގޮތަކުން ކަމަށް ބެލެވިދާނެއެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި، ހާހަލާއި ތިލަތިލައިގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިމަސް ގިނައިން ބޭނިފައި ހުންނަނީ އިރުއޮއްސޭ ވަގުތު ނަނު ފައްތައިގެންނެވެ. މިއީ ބަރު އަދި ކަންނެތް ހަށިގަނޑެއް ލިބިފައިވާ ފާނައެކެވެ. މަހުގެ ލޮލާއި ދިމާއިން ބޮލުގެ މަތީގައި އަޑިގަނޑެއް ހުރެއެވެ. މަހުގެ ބޮލުގެ މަތިން ދެލޮލުގެ ދެމެދުގައި ހުންނަނީ އެއްވަރަކަށް ފަތާކޮށެވެ. މަހުގެ ކަރުތާ ފަތުގެ ކުރީބައި ހުންނަނީ އެއްވަރަކަށް ރާޅުކޮށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 14 ނުވަތަ 15 މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 8 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 18 އާއި 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.

މަހުގެ ކުލައަކީ ފަނޑު މުށިކުލަ އެވެ. މުޅި ހަށިގަނޑުގައި ކުދިކުދި ތިކިތަކެއް ޖަހާފައި ހުރެއެވެ. މިތިކިތަކުގެ އިތުރަށް މަހުގެ ބޮލުގަޔާއި، ހަށިގަނޑުގެ ބައެއް ހިސާބުތަކުގައި ގަދަކުލައެއްގެ ލައްތަކަކުން އެކި ގޮތްގޮތަށް ކުރެހިފައި ހުރެއެވެ. ނިގޫފަތުގެ ބުޑުދަށުގެ މަތީ ކައިރީގައި ކަޅު ކުލައިގެ ލަފެއް ފާޅުކޮށް ފެންނަށް ހުރެއެވެ.