ކަލާނގެ ވޮޑިގެންވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކަލާނގެ

ކަލާނގެ އެއް ވޮޑިގެންވޭތޯ ނުވަތަ ވޮޑިގެން ނުވޭތޯ މިއީ ވަރަށް ކުރީއްސުރެ، ވަރަށް ދުވަސްވަންދެން ކުރެވެމުން އަންނަ ބަހުސްއެކެވެ. 'ކަލާނގެ' ކަމަށް މި ލިޔުމުގައި ބަލާފައިވާނީ، އެންމެ ކަލެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މައިގަނޑު 3 ދީން ކަމުގައިވާ ޔަހޫދީ ދީނާއި، ނަޞާރާ ދީނާއި، އިސްލާމްދީން ގައި، 'ކަލާނގެ' ކަމަށް އާންމުކޮށް ސިފަކުރާ ގޮތަށެވެ. އެއީ، ކާއިނާތު ޚަލްގުކުރެއްވި ފަރާތްކަމާއި، އެ ފަރާތަކީ، އެންމެ ކުޅުދުންވަންތަ، އެންމެ މޮޅަށް ދެނެވޮޑީގެންވާ، އަދި އެންމެ މާތްވެގެންވާ ފަރާތްކަމަށެވެ. މި ސިފަތަކަކީ އޭގައި،'ލޮޖިކަލީ' ނުކުރެވޭނެ ކަންތައްތައް ފިޔަވައި އެއްވެސް ހައްދެއް ކަނޑައެޅިފައިނުވާ ސިފަތަކެކެވެ.

މި ލިޔުމުގައި ކަލާނގެ ވޮޑީގެންވާ ކަމުގެ ބަހުސް ބިނާކޮށްފައިވަނީ ހުޅަނގުގެ ފިލޯސީފަގައި އެ ބަހުސް ކުރެވެމުންދާ ގޮތަށެވެ.

ކަލާނގެ ވޮޑިގެންވާކަން

ހުޅަނގުގެ ފަލްސާފާގައި ކަލާނގެ ވޮޑީގެންވާކަމަށް ދަޢުވާކޮށް ގިނަ ހުތްޖަތް ދެއްކޭތޯ ފިލޯސަފަރުން ވަނީ މަސައްކަތްކޮށްފައެވެ. މި ގޮތުން ފާހަގަކޮށްލެވޭ ބައެއް ބަހުސް ތަކުގެ ތެރޭގައި 'ކޮސްމޮލޮޖިކަލް' 'އޮންޓޮލޮޖިކަލް' އަދި 'ޓިލިއޮލޮޖިކަލް' ނަންނަމުގައިވާ ބަހުސް ފާހާގަ ކޮށްލެވެ އެވެ. މިތަނުން ކޮސްމޮލޮޖިކަލް ބަހުސްގައި ކަނލާގެ އެއް ވޮޑިގެންވާކަމަށް ބަހުސްކޮށްފައިވަނީ ކާއިނާތުގެ ހަގީގަތްކަމަށް އަހަރަމެން ގަބޫލުކުރާ ކަންކަމަށް ބަލައިގެންނެވެ. މިސާލަކަށް ކޮސްމޮލޮޖިކަލް ބަހުސްގެ ގެތެރޭގައި އަންނަނިވި ގޮތަށް ކަލާނގެ އެއް ވަކާކަމަށް ބައެއް ފިލޯސޮފަރުން ވަކާލާތުކުރެ އެވެ: އުފެދޭ ކޮންމެ އެއްޗެއް އުފެދެނީ ކޮންމެވެސް އެއްޗެއް މެދުވެރިވެގެންކަމަށް އަހަރަމެންގެ ތަޖުރިބާ ބުނެއެވެ. ކާއިނާތް ނެތުމުގެ ތެރެއިން އަމިއްލައަށް އުފެދިދާނެކަމަކަށް ބުއްދިގަބޫލެއް ނުކުރެވެއެވެ. އެކަމަކު ކާއިނާތް އުފެދުނީ އެހެން ކާއިނާއަތުން ކަމާއި، މި ކާއިނާތް އުފެދުނީ ދެންވެސް އެހެން ކާއިނާއަތަކުން ކަމަށް ބުނާނަމަ، ކާއިނާއަތް ވާ ވުމަށް، ސަބަބެއް ނުވަތަ އެކްސްޕްލަނޭޝަނެއް ދެވެނީކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެހެންކަމުން، ކާއިނާތް އުފައްދަވާނެ ފަރާތެއް ވެއެވެ. މި ފަދަ ގޮތަކަށް ބަހުސްކޮށްފައިވާ ބައެއް ފިލޯސަފަރުންގެ ތެރޭގައި ޕްލޭޓޯ އާއި އެރިސްޓޯޓްލް އާއި ތޯމަސް އެކްވިނަސް ހިމެނެ އެވެ.

ކަލާނގެ ވޮޑީގެން ނުވާކަން

ކަލާނގެ އެއް ވޮޑިގެން ނުވާކަމަށް ވަކާލާތުކުރާ އެންމެ މަޝްހޫރު ބަހުސް ބިނާވެފައިވަނީ ކާއިނާތުން އަހަރަމެންނަށް ތަޖުރިބާކުރެވޭ ކަމަށް ބުނާ، ނުބައި، ނުލަފާ، ގޯސް ކަންތައްތަކާއި، އަދި ވޭނާ ކެކުޅުންތަކުގެ މައްޗަށެވެ. މި ބަހުސްއަށް އިނގިރޭސިވަހުން ކިޔަނީ 'ޕްރޮބްލަމް އޮވް އީވލް' އެވެ. މިގޮތަށް ވަކާޅާތު ކުރާމީހުން ބުނާ ގޮތުގައި ކަލާނގެއަކީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތްކަމުގައިވާނަމަ، ދުނިޔޭގައި މިފަދަ ކަންކަންވާކަން ދެނެވޮޑިގެންވާނެ އެވެ. އަދި އެންމެ މާތްފަރާތްކަމުގައިވާނަމަ، މިކަންތައްތައް ނައްތާލަން ނުވަތަ ހުއްޓުވަން ބޭނުންވެވޮޑީގަންނަވާނެ އެވެ. އަދި އެންމެ ކުޅަދުންވަންތަ ފަރާތް ނަމަ، މިކަންތައްތައް ނައްތާލުމުގެ ކުޅަދުންވަންތަކަށް ލިބިވޮޑީގެން ވާނެ އެވެ. ނަމަވެސް މިކަންތައްތައް ވާކަމީ އަހަރަމެން ތަޖުރިބާ ކުރާ ކަންތައްތަކެވެ. އެހެން ކަމުން ކަލާނގެ އެންމެ މޮޅަށް ދެނެވޮޑިގެންނެއް ނުވެއެވެ. ނޫނީ، އެންމެ މާތެއް ނޫނެވެ. ނޫނީ، އެންމެ ކުޅަދުންވަންތެއް ނޫނެވެ. ވީމާ، ކަލާނގެ ވޮޑިގެންނެއް ނުވެއެވެ. މި ބުނެވުނީ މި ބަހުސްގެ ލޮޖިކަލް ވައްތަރެވެ. މި ގޮތަށް ވާހާކަދައްކާފައިވާ މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ޖޯން ލެސްލީ މެކީ(1917-1981) ހިމެނެ އެވެ.