Jump to content

ކަފިހި މަސް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ކަފިހި މަސް

ކަފިހި މަސް(ސައިންޓިފިކް ނަން: Naucrates ductor)ނުވަތަ (އިނގިރޭސި ބަހުން: pilot fish) އަކީ އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މަހެކެވެ. ދިވެހި މަސްވެރިންނަށް ކަފިހި މަސް ގިނައިން ފެނިފައި ހުންނަނީ ކަނޑުގައި ދަތުރުކުރާ ބޮޑެތި މަސްމަހާއެކު ޚާއްޞަކޮށް ބޮޑެތި މިޔަރުގެ ނިވަލުގައި އުޅެނިކޮށެވެ. އަދި މީގެ އިތުރަށް ކަނޑުގައި އޮޔާދާ އޮއިވާލި އެތިގަނޑުތަކުގެ ހިޔަނީގައިވެސް މިބާވަތުގެ މަސް އުޅެއެވެ. މިއީ ކެއުމަށް ރަގަޅު މަހެކެވެ. ކަފިހި މަހުގެ ކުދިމަސް މާކަނޑުތަކުގެ މަތީބައިގައި އުޅޭ ފިރުޢައުނު މުދާ ނުވަތަ ޖެލީ ފިޝް ގެ ނިވާކަން ލިބި އޭގެ ދަށުގައި ތިބެގެން ދަތުރުކޮށް އުޅެއެވެ.

ކަފިހި މަހުގެ ތުންކޮޅު ހުންނަނީ މޮއްކޮށެވެ. މަހުގެ ދަތްތައް ވަރަށް ކުއްޖެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ކުރީކޮޅުގައި 4 ނުވަތަ 5 ހަރުކަށި ހުރެއެވެ. އަދި މީގެ އިތުރުން 1 ހަރުކައްޓާއެކު 25 އާއި 29 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 15 އާއި 17 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތާއި ދިމާލުން ދެފަރާތުގައި މަޑު ކުރަގަނޑެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 70 ސެންޓި މީޓަރަށެވެ.

ދިރޭ ކަފިހި މަހުގެ ހަށިގަނޑު ހުރަހަށް ކަޅުކުލައިގެ 6 ނުވަތަ 7 ގަޅި ފާޅުކޮށް ފެންނަން ހުރެއެވެ. އަރިމަތީގައި ރިހިވިދުން ކުލައެއް ހުރެއެވެ. މަހުގެ މަތީބައިގައި ނޫކުލައިގެ ލައްތަކެއް ހުރެއެވެ. ނިގޫފަތުގެ މަތީކޮޅާއި ތިރީކޮޅުގައި ހުދުކުލައިގެ ލަފެއް ހުރެއެވެ.