ކަޅު ދުންފަތް މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ކަޅު ދުންފަތް މަސް

ކަޅު ދުންފަތް މަސް(ސައިންޓިފިކް ނަން: Zebrasoma scopas)ނުވަތަ (އިނގިރޭސި ބަހުން: Brown tang)އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި އުޅޭ ދުންފަތް މަހުގެ ބާވަތެކެވެ. މިބާވަތުގެ މަސް ގިނައިން ފެންނަނީ ފަރުފަޅުތަކުގެ ބޭރުމަތީންނާއި ފަރުމަތީގައި ނިވާލާ މަޑުކޮށް އޮންނަ ހިސާބުތަކުންނެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. މަހުގެ ތުންކޮޅު ހުންނަނީ ކޮޅަށް އޫކޮށެވެ. މަހުގެ އަނގަ ކުޑައެވެ. ބުރަކަށިމަތީ ކޮތަރިބަޔާ ބަނޑުދަށް ފަރާތު ކޮތަރިބައި ހުޅުވާލާފައި ހުންނައިރު ވަރަށް ފުޅާކޮށް އުސްކޮށް ފެންނަށް ހުރެއެވެ. މިއީ ފަތި ފުޅާ ހަށިގަނޑެއް ލިބިފައިވާ މަހެކެވެ. މިމަސް އާންމު ގޮތެއްގައި އުޅެނީ 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 4 ނުވަތަ 5 ހަރުކައްޓާއެކު 23 އާއި 25 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 3ހަރުކައްޓާއެކު 19 އާއި 21 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ދެއަރިމަތިން ނިގޫކޮޅުގައި ހުންނަ ތޫނު ކަށީގެ ކައިރިން މަހުގެ ދެފަރާތުގައި ކުކުޅު ބިސް ބުރަށް ހުންނަ ކެހެރި ލަފެއް ހުރެއެވެ. މަހުގެ ކުލައަކީ ގަދަމުށި ކުލައެވެ. މަހުގެ ދެއަރިމަތީގައި ހިމަ ރޮނގުތަކަކާއި ކުދި ތިކިތަކެއް ހުރެއެވެ. މަހުގެ އާންމު ކާނާއަކީ މޫދު ފެއްސެވެ.

މިއީ ދުންފަތް މަހުގެ ބާވަތަކަށް ވެފައި މިބާވަތުގެ މަހަށް ކިޔާ ވަކި ނަމެއް ނެތުމުން މިމަހުގެ ކުލައަށް ބަލާ ކަޅު ދުންފަތް މަސް ކިޔާ ނަންދީފައި ވަނީ އެވެ. މިމަސް އެންމެ ބޮޑުވަނީ 18.5 ސެންޓި މީޓަރަށެވެ.