ކަޅު ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ކަޅު ފާނަ

ކަޅު ފާނަ (ސައިންޓިފިކް ނަން: Epinephelus septemfasciatus)ނުވަތަ (އިނގިރޭސި ބަހުން: Convict grouper)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރު ފުންކަނޑުތަކުގައި ދިރިއުޅޭ މަހެކެވެ. ދިވެހިންކުރާ ކެޔޮޅު ކަމުގައި ބޭނިފައި ހުއްޓާ ވަރަށް ނުފެންނަ މަހެކެވެ. ސަބަބަކީ މިބާވަތުގެ މަސް އުޅެނީ ވަރަށް ފުނުގައި ކަމަށްވާތީ އެވެ. މިމަސް ރާއްޖޭގައި އުޅޭކަމަށް ފުރަތަމަ ރިކޯޑްކުރެވުނީ 25 އޮކްޓޯބަރ 1988 ގައި މާލެ އަތޮޅުގެ ހުޅަގުން އަތޮޅުން ބޭރުގައި 140 މީޓަރާއި 170 މީޓަރާއި ދެމެދުގެ ފުންމިނުގައި ލޭނު އަޅައިގެން ކުރެވުނު ކެޔޮޅު ކަމުގައެވެ. މިއީ ކެއުމަށް ރަގަޅު މަހެކެވެ.

މަހުގެ ކަރުތާފަތުގެ ކުރީބައިގެ މަތީ ކައިރިފަށް ހުންނަނީ ކަށިކޮށެވެ. މަހުގެ މަތީ ކޮތަރިބައިގައި 11 ހަރުކައްޓާއި، 13އާއި 15އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 9 ނުވަތަ 10 މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތު ކޮޅު ހުންނަނީ ވަށްކޮށެވެ.

މަހުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުކުލައެވެ. މަހުގައި މުށި ކުލައިގެ ފުޅާ 7 ނުވަތަ 8 ރޮނގު ހުރަހަށް ހުރެއެވެ. މިއީ ދިވެހި މަސްވެރިން ގިނައިން ބާނާ އުޅޭ މަހަކަށް ނުވުމާއެކު މިމަހަށް ކިޔާ ވަކިނަމެއް ނެތުމުން މަހުގައި ހުންނަ ކުލައަށް ބަލާ މިމަހަށް ކަޅު ފާނަ ކިޔާ ނަންދީފައި ވަނީ އެވެ. މިއީ ވަރަށް ބޮޑެތި ފާނައެކެވެ.