ކަޅުކޮތަރި ދަންބޮޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަޅުކޮތަރި ދަންބޮޑު

ކަޅުކޮތަރި ދަންބޮޑު(ސައިންޓިފިކް ނަން: Myripristis melanosticta)ނުވަތަ (އިނގިރޭސި ބަހުން: Blacktip soldier fish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ފުނުގައި އުޅޭ މަހެކެވެ. މިމަސް އާންމު ގޮތެއްގައި އުޅެނީ 25 މީޓަރަށްވުރެ ފުނުގެ ހިސާބުގައި ކަމަށްވުމުން ފަރުފަޅުތަކުގެ ބޭރަށް މޫދަށް އެރިއުޅޭ މީހުންނަށް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. މިއީ ދަންބޮޑުގެ އާއިލާގައި ހިމެނޭ ގިނަ މަސްތަކާއި އަޅާބަލާއިރު އިސްކޮޅުން ބޮޑު މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓި މީޓަރަށެވެ. މިއީ ކެއުމަށް ރަގަޅު މަހެއް ކަމުގައި ވިޔަސް ދިވެހިން މިބާވަތުގެ މަސް ކެއުމަށް ލޯތްބެއް ނުކުރެއެވެ. މިއީ ފަރުފަޅުތަކުގެ ބޭރަށް ނަނުފައްތައިގެ ކުރާ ކެޔޮޅުކަމުގައި ބޭނޭ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 11 އާއި 12 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ފަނޑު ފިޔާތޮށި ކުލައެކެވެ. މަހުގެ ކަރުތާފަތުގެ ހުރަހަށް ކަޅުރަތްކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ ތުންކޮޅާއި. ކޮތަރިތަކާއި ނިގޫފަތް ހުންނަނީ ގަދަ ރަތްކުލައެއްގައެވެ. އަދި ބައެއް ކޮތަރިތަކާއި ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅުކުލައެއްގައެވެ. މިމަހަށް ކަޅުކޮތަރި ދަންބޮޑު ކިޔާ ނަންދީފައިވަނީ ދިވެހިންގެ ތެރޭގައި މިމަހަށް ކިޔާއުޅޭ ވަކި ޚާއްޞަ ނަމެއް ނެތުމާއެކު، މިމަހަށް ކިޔާ އިގިރޭސި ނަމާ ގުޅޭގޮތުންނެވެ.