ކަޅުކޮތަރި އަލަތަނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ކަޅުކޮތަރި އަލަތަނޑު (ސައިންޓިފިކް ނަން: Parapercis signata)ނުވަތަ (އިނގިރޭސި ބަހުން: Blackflag sandperch)އަކީ ރާއްޖޭގެ ތިލަފަޅުތަކުންނާއި ވިލުވިލުގެ ފުން ހިސާބުތަކުގައި އުޅޭ މަހެކެވެ. އާންމުކޮށް ފެނިފައި ހުންނަނީ ފަރުބޭރުންނާއި އެތެރެވަރީގެ ވެލި ހުންނަ ހިސާބުތަކުން ގާތްގަނޑަކަށް 30 – 35 މީޓަރާއި ދެމެދުގެ ފުންމިނުންނެވެ. މިއީ ފުން ސަރަހައްދުތަކުގައި އުޅޭ މަހެއް ކަމުން މޫދަށް އެރިއުޅޭ މީހުންނަށާއި ފީނާ މީހުންނަށް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއް ނޫންކަމުން މިބާވަތުގެ މަސް ހިފުމަށް ނުވަތަ ބޭނުމަށް ރާއްޖޭގައި ވަކި ޚާއްޞަ މަސްވެރިކަމެއް ކުރެވެމަކުން ނުދެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަ ބައިގެ ކުލައަކީ ކަޅުކުލަ އެވެ. މިކޮތަރިތަކުގެ ކައިރިފަށް ހުންނަނީ ރަތްކުލައިގައެވެ. ކޮތަރިތަކުގައި ކަޅުކުލައިގެ ތިކިތަކެއް ހުރެއެވެ. ބުޑުދަށުގައި ހުންނަ ތިކިތައް ބޮޑުވާނެއެވެ. މަހުގެ ހުރަހަށް އޮރެންޖް ކުލައިގެ ފުޅާ ރޮނގުތަކެއް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 5 ހަރުކައްޓާއެކު 21 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު 14 އާއި 22 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތްގަނޑުގެ ދަށުން ބަނޑުދަށް ފަރާތުގައި ހުންނަ 2 ކޮތަރީގެ ދޭތެރެ ވަރަށް ދުރެވެ. މިމަސް އެންމެ ބޮޑުވަނީ 13 ސެންޓި މީޓަރަށެވެ. މަހުގެ އާންމު ކާނާއަކީ ޑިނގާ ފާނޑުގެ ސޫތްޕާއި ކުދިމަހެވެ. މިބާވަތުގެ އަލަތަނޑަށް ވަކި ޚާއްޞަ ނަމެއް ކިޔާކަމަށް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހަށް ކިޔާ އިގިރޭސި ނަމަށް ގުޅުވައިގެން މަހުގެ ސިފަޔަށް ވިސްނާ ކަޅުކޮތަރި އަލަތަނޑު ކިޔާ ނަންދީފައިވަނީ އެވެ.