ކަޅުކޮތަރި ރައިވެރިމަސް
ކަޅުކޮތަރި ރައިވެރިމަސް (ސައިންޓިފިކް ނަން: Neoniphon opercularis)ނުވަތަ (އިނގިރޭސި ބަހުން: Blackfin squirrelfish)ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގެ މުރަކަތަކުގެ މާހައުލުގައި 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިންއުޅޭ ރައިވެރިމަހުގެ ބާވަތެކެވެ. މިބާވަތުގެ މަސް ދުވާލުގެ ވަގުތުތަކުގައި އާންމު ގޮތެއްގައި އުޅެނީ ފަރުފަރުގެ ގުންޑޮޅިތަކުގެ ދަށުގައްޔާއި ހޮހަޅަތަކައި ބޮޑެތި ގާގަލާއި ހަތާތަކުގެ ދަށުގައި ބައިބަޔަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 12 އާއި 14 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 8 އާއި 9 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަރުތާފަތުގެ ކުރީބަޔާއި ފަހަތުބައިގެ ކައިރިފަށް ހުންނަނީ ވަރަށް ރާޅުކޮށެވެ. ކަރުތާފަތުގެ ކުރީބައިގެ ތިރީގައި ވަރަށް ހަރުކައްޓެއް ހުރެއެވެ. މަހުގެ ތިރީ ތުން މަތީ ތުނބަށްވުރެ ދިގުވާނެއެވެ. މަހުގެ ކުލައަކީ ރިހި ފިޔާތޮށި ކުލައެވެ. މަހުގެ ހުޅުނބުތަކުގެ މެދު ހުންނަނީ ފަނޑު ރަތްކުލައަކަށެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތަކުގެ މަތީބަޔާ ތިރީބައި ފިޔަވައި މުޅި ކޮތަރިބައި ހުންނަނީ ކަޅުކުލައެއްގައެވެ. ރައިވެރިމަހުގެ ގިނަބާވަތްތަކަށް ވަކި ނަމެއް ދިވެހިންގެ ތެރޭގައި ކިޔާ ނޫޅޭތީ މިމަހުގެ އިގިރޭސިނަމާ ގުޅޭގޮތުން މަހުގެ ސިފަޔަށް ވިސްނާ ކަޅުކޮތަރި ރައިވެރިމަސް ކިޔާ ނަންދީފައިވަނީ އެވެ. މިމަސް އެންމެ ބޮޑުވަނީ 32 ސެންޓި މީޓަރަށެވެ.