ކަޅިހި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަޅިހި

ކަޅިހި(ސައިންޓިފިކް ނަން: Lethrinus rubrioperculatus)ނުވަތަ (އިނގިރޭސި ބަހުން: Spotcheek emperor)އަކީ ވަރަށް ރާއްޖޭގެ މަސްވެރިން ފަރުމަހުގެ މަސްވެރިކަމުގައި ޚާއްޞަކޮށް އަޑިއަށް ނަނު ފައްތައިގެން ކުރާ ކެޔޮޅުކަމުގަޔާއި ފަޅުފަޅުގައި ދާއަޅައިގެން ނުވަތަ ރޮނދުލައިގެން ހިފާއުޅޭ ބާވަތެކެވެ. ކަޅިހި އާންމު ގޮތެއްގައި އުޅެނީ އަޑީގައި ވެލި ނުވަތަ މުގުރިފައިހުންނަ ގާ ހުންނަ ހިސާބުތަކުގައެވެ. މިބާވަތުގެ މަސް 160 މީޓަރުގެ ފުން ސަރަހައްދު ތަކުން ވެސް ފެނެއެވެ. މިމަސް އެންމެ ބޮޑުވަނީ 50 ސމ އަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 9މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 8މަޑުކަށި ހުރެއެވެ.މަހުގެ ކަރުތާފަތްގަނޑާއި ބޮލުގެ މަތީ ބައިގައި ހުޅުނބެއް ނުހުރެއެވެ. މަހުގެ ބުރަކަށިމަތީގެ ކޮތަރިބައިގެ ދެވަނަ ކަށި ތިންވަނަ ކައްޓަށްވުރެ ކުރުވާނެއެވެ. މަހުގެ ކުލައަކީ މަޑު ވައިލެޓް ކުލައަކާ ގުޅޭ މުށި ކުލައެކެވެ. މަހުގެ ދެފަރާތުގައި ތަފާތު ގޮތަކަށް ހުންނަ ތަންކޮޅެއް ގަދަކޮށް ހުންނަ ކުރެހުން ތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ތުންފަތް ހުންނަނީ ފިޔާތޮށި ކުލައިގައެވެ. ނިގޫފަތް ވައިލެޓް ކުލައެއްގައެވެ. މަހުގެ އެންމެ ޚާއްޞަ ފާހަގަ އަކީ އޭގެ ކަރުތާފަތްގަނޑުގެ މަތީބައިން ކޮޅުގައި ހުންނަ ރަތްކުލައިގެ ލަފެކެވެ. މިއީ ފިލޮޅުގެ ބާވަތެކެވެ. މިމަހުގެ ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި މަހާއި ހިޔަމައިގެ ބާވަތްތަކާއި ބޮލީގެ ވައްތަރު ތަކެވެ.