Jump to content

ކަރައިވަރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ކަރައިވަރު(އިނގިރޭސި ބަހުން: Electrolyte) އަކީ ހަށިގަނޑުގެ އެތެރޭގައި ދައުރުވާ ކަރަންޓްގެ އޮއިވަރު އެވެ. މިއޮއިވަރުގައި ވަނީ ޕޮޓޭސިއަމް، ސޯޑިއަމް، އަދި ކްލޮރައިޑް އެވެ. ޕޮޓޭސިއަމް، ސޯޑިއަމް، އަދި ކްލޮރައިޑް އަކީ ކަރަންޓް ދަތުރުކުރާ 3 މާއްދާ އެވެ. ކަރައިވަރު އުފެދެނީ ހަށިގަނޑުގައި ހުންނަ ޕޮޓޭސިއަމް އާއި ސޯޑިއަމް، ދިރު ތަކުގެ ތުނާލިން ނުވަތަ ބޭރުދުލިފަށުގެ ތެރެއިން ދެކޮޅަށް ފޭދެން ފެށުމުންނެވެ. ޕޮޓޭސިއަމް އާއި ސޯޑިއަމް ފެނަށް ގިރުމާއެކު، މިދެވައްތަރުގެ މޮލާރި އިން ކެރެވި(އިނގިރޭސި ބަހުން: ions) އެއް ދޫވެ(ބޭރުވެ) ޕޮޒިޓިވް ޗާރޖް ވެދެއެވެ. މީގެ އިތުރަށް ކްލޮރައިޑް ގިރުމާއިއެކު، އޭގެ މޮލާރި އާއި ކެރެވި އެއް ގުޅި ނެގެޓިވް ޗާރޖް ވެދެއެވެ. ޕޮޒިޓިވް ޗާރޖްވެފައިވާ ކެރެވި އަބަދުވެސް ދަތުރުކުރާނީ ނެގެޓިވް ޗާރޖްވެފައިވާ ކެރެވި އާއި އެކުގައެވެ. އެހެންކަމުން މިމާއްދާތައް ވަނީ ލާމެހިފައެވެ. ހަށިގަނޑުގެ އެތަންމިތާގައިވާ ދިޔަތަކުގައި ކަރައިވަރު ހިމެނެއެވެ. އޭގެތެރޭގައި ލޭ، ލިމްފް ގޮށް ތަކުގައިވާ ލޮނދިތަކުގަޔާއި، ދިރުތަކުގެ އެތެރޭގައި އަދި ދިރުތަކުގެ ބޭރުގައިވާ ދިޔަ ތައް ހިމެނެއެވެ. އަދި މިތަންތާގެ ތެތްކަމުގެ މިންވަރު ހިފަހައްޓައިދެނީ ވެސް ކަރައިވަރު އެވެ. ކަރައިވަރު އަކީ ހަށިގަނޑުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ކޮށްދޭ އެއްޗެކެވެ. އޭގެތެރޭގައި ހަށިގަނޑުގެ ތެރޭގައި އުފެދޭ ފެނާއި، އެތެރެވާ ފެން ރަމަތަކޮށް ކޮންޓްރޯލް ކުރުން ހިމެނެއެވެ. އަދި ގައިގެ މަސްފަށަލަތަކަށް ބޭނުންވާ ހިނދު ކުރުގަޅުވާދީ، ހިތުގެ މަސް ފަށަލަތަކަށް ފެން ފޯރުވައިދީ، ހަށިގަނޑު ހަމައަކަށް އަޅުވާލުމަށް މިބައި އެހީތެރިވެދެއެވެ. ހަށިގަނޑުގެ އެތަން މިތަނަށް އައިސް ގޮސްވާ ސިގުނަލް ދަތުރުކުރާ މަގު ގުޅުވައިދެނީ ވެސް ކަރައިވަރު އެވެ. ނާރު ތަކުގެ ދިރުތަކުގެ ތެރެއަށް ސޯޑިއަމް ވަނުމާއި، ޕޮޓޭސިއަމް ނިކުތުމުގައި ކަރަންޓް ކޮޅެއް އުފެދި، ނާރު ދިރުތަކުން މިކަރަންޓް ކޮޅު ދަތުރުކުރެއެވެ. މެސެޖްތައް ކޮޅުކޮޅަށް ދަތުރުކުރަނީ މިކަރަންޓްކޮޅާއެކު ނާރު ދިރުތަކުގެ ތެރެއިންނެވެ. ލޭގަޔާއި އެހެން ދިޔަތަކުގައި ސޯޑިއަމް ހުންނަންޖެހެނީ ވަރަށް ހަނި ރާޖީ(އިނގިރޭސި ބަހުން: Range) ( މަތީމިނާއި ތިރީމިނާއި ދޭތެރެ ) އެއްގައެވެ. މިކަން ހިފަހައްޓަނީ އަލްޑޮސްޓެރޯން ކިޔާ ހޯރމޯން އަކުންނެވެ. ސޯޑިއަމް އެތެރެވުން ގިނަވެއްޖެނަމަ މި ހޯރމޯން މަދުވެއެވެ. މިހެންވެއްޖެނަމަ ގުރުދާ އިން ފަހަރުވާގެ ތެރެއަށް ސޯޑިއަމް ބޭރުކުރާ އަދަދު ގިނަކޮށްލައެވެ. ސޯޑިއަމް އެތެރެވުން މަދުވެއްޖެނަމަ، މިހޯރމޯން ގިނަވެއެވެ. އެހިނދު ގުރުދާއިން ސޯޑިއަމް ބޭރުވިޔަނުދީ ހިފަހައްޓާލަ އެވެ. ޕްރޮޓީން، ބައިކާބޮނޭޓް، ފޮސްފޭޓް، ކްލޮރައިޑް، ކެލްސިއަމް، އަދި މެގްނީޒިއަމް ފަދަ މާއްދާ ތަކާއި، އެކުވެގެން ހަށިގަނޑުގައިވާ އެސިޑް އާއި އަލްކަލައި ހަމަހަމަކުރުމުގައި ސޯޑިއަމް މުހިއްމު ރޯލެއް އަދާކުރެއެވެ.

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003