ކަނޑު ގުރުވަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކަނޑު ގުރުވަ އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު އަދި ރީތި މަހެކެވެ. މިއީ ދަގަނޑު ޖަހައިގެން ހިފަން ފަސޭހަ މަހެކެވެ. އާންމުކޮށް ފަރުމަތީ ގައްޔާއި އުރަފަށުގެ ގާތުގައި ހުންނަ ގަލާއި ހަތާތަކުގެ މާހައުލުގައި ބައިހަދައިގެން އުޅޭ މަހެކެވެ. މިމަސް ބޮޑެތި އައިން ހަދައިގެން ފަރުމައްޗަށް ނިކުމެއުޅެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ދެކެންބޭނުންވާ ރީތި މަހެކެވެ. މިބާވަތުގެ ޅަމަހުގެ ސިފައާއި ކުލަވަރު ބޮޑެތި ކަނޑުގުރުވައާއި ތަފާތެވެ. ކަނޑު ގުރުވަ އަކީ ބޯ ހަންގަނޑެއް ލިބިފައިވާ ކުދިކުދި ހުޅުނބުތަކެއް ހުންނަ މަހެކެވެ. ދިވެހިން ދަތުރުގޮސް އުޅޭއިރު ފިހެގެން ކެއުމަށް ޝައުގުވެރިކަން ހުންނަ މަހެއް ވެސް މެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކައްޓާއެކު 17 އާއި 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 ނުވަތަ 8 މަޑުކަށި ހުރެއެވެ. މަހުގެ ތުންފަތް ވަރަށް ބޯވާނެއެވެ. ބޮޑެތި މަހުގެ ދިގަށް ކަޅު ނުވަތަ ގަދަމުށިކުލައިގެ ފުޅާ ރޮނގުތަކެއް މަހުގެ މަތީބައިގައި ހުރެއެވެ. ތުންފަތާއި ކޮތަރިތައް އަދި މަހުގެ މަތީ ބައިތައް ހުންނަނީ ދޮން ރީނދޫ ކުލައިގައެވެ. ކޮތަރިތަކާއި ނިގޫފަތުގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތް ހުންނަނީ ރިހި ހުދުކުލައެއްގައެވެ. ކަނޑުގުރުވައިގެ ކުދި ގުރުވަ ދިރޭމަހުގެ ގޮތުގައި ރާއްޖެއިން ބޭރުކޮށް އުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 55 ސމ އަށެވެ.