ކަނޑު ކަޅުއޮށް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ

ކަނޑު ކަޅުއޮށް އަކީ ރާއްޖޭގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. އާންމު ގޮތެއްގައި އުޅެނީ ތިލަ ފަޅުތަކާއި ފުންވިލުތަކުގައެވެ. ރަށްރަށުގެ ފަޅުފަޅުގައި ހުއިފަޅާފައި ހުންނަ ހިސާބުތަކުގައި ވެސް މިބާވަތް އުޅެއެވެ. މިމަސް ކުދި އައިން ހަދައިގެން ބައިބަޔަށް ވެސް ރަށްރަށުގެ ފަޅުތެރޭގައި އުޅެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ. ކަނޑު ކަޅުއޮށް އެންގަނޑު ވަޅުލައިގެން ކުރާ ކެޔޮޅުކަމުގައި ވަރަށް ގިނައިން ބޭނެއެވެ. އަދި ފަޅުފަޅުގައި ދާއަޅައިގެން ވަރަށް ގިނައިން ހިފައެވެ. މިމަސް އެންމެ ބޮޑުވަނީ 32 ސ.މ އަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު، 6 މަޑުކަށި ހުރެއެވެ. މަހުގެ ތުނބުގައި ދިގުކޮށް ހުންނަ ދެނަރުވާ ހުރެއެވެ. މަހުގެ މަތީ ކޮތަރިބައިގެ ފުރަތަމަ ކަށި އެހެނިހެން ކަށިތަކަށްވުރެ ކުރުވާނެއެވެ.

މަހުގެ ކަންފަތްގަނޑު ކަރުތާފަތުގެ ތިރީގައި މަހުގެ ބަނޑުދަށް ފަރާތުގައި ހުންނަ ކޮތަރިބަޔަށްވުރެ ކުރުވާނެއެވެ. މަހުގެ މަތީބަޔާއި، ބަނޑުދަށް ފަރާތު ދެވަނަ ކޮތަރިބައިގެ އެންމެ ފަހަތުގައި ހުންނަ މަޑުކަށި ނިގޫފަތުގެ ބުޑާހަމައަށް ދިގުވެފައި ހުރެއެވެ. މަހުގެ ކުލައަކީ ކަޅު ރަތްކުލައެވެ. ބަނޑުދަށް ފަރާތުގައި މިކުލަ ހުންނަނީ ވަރަށް ފަނޑުކޮށެވެ. މަހުގެ ތުނބުން ފެށިގެން ލޯ ހުރަސްކޮށް ދެވަނަ ކޮތަރިބައި ނިމިފައިވާ ހިސާބަށް ކަޅުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މިރޮނގުގެ ފަހަތުން ނިގޫކޮޅުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ.