ކަނޑުއުނިޔަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަނޑު އުނިޔަ

ކަނޑު އުނިޔަ(ސައިންޓިފިކް ނަން: Gymnocranius griseus)ނުވަތަ (އިނގިރޭސި ބަހުން: Grey large-eye bream)އަކީ ރާއްޖޭގެ ފަރުތަކުގެ ބޭރުގައްޔާއި އެތެރެވަރީގެ ކަނޑުތަކުގައި އުޅޭ ފިލޮޅުގެ ބާވަތެކެވެ. މިއީ އާންމުކޮށް ދިވެހިން ކައިއުޅޭ މަހެއް ނޫން ކަމުގައި ވިޔަސް މިއީ ކެއުމަށް ރަގަޅު މަހެކެވެ. އާންމު ގޮތެއްގައި ކަނޑު އުނިޔަ އުޅެނީ 20 މީޓަރާއި 80 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. އަދި ބައެއް ފަހަރު އައިން ހަދައިގެން ދަތުރުކޮށް އުޅެއެވެ. ކަނޑު އުނިޔަ އަކީ އުނިޔަ އާއިލާގެ މަހެއް ނޫނެވެ. ފިލޮޅުގެ އާއިލާގެ މިމަހަށް ދިވެހިން ކަނޑު އުނިޔަ ކިޔާ އުޅެނީ މަހުގެ ކުލަވަރަށް ބަލާ އެސޮރުމެން އުޅޭ މާހައުލާއި ގުޅުވައިގެން ކަމަށް ލަފާކުރެވެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 10 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 10 މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓި މީޓަރަށެވެ. މަހުގެ ލޯ ބޮޑުވާނެއެވެ. އަދި ހަށިގަނޑު ފުޅާވެފައި އަނގަ ކުޑަވާނެއެވެ. މަހުގެ ކުލައަކީ ރިހިއަޅި ކުލައެވެ. މަހުގެ ކަރުތާފަތް މަތީގަޔާއި ތުންކޮޅުގައި ނޫކުލައިގެ ތިކިތަކެއް ހުންނަކަން ފާހަގަ ކުރެވެއެވެ. މިމަހުގެ އާންމު ކާނާއަކީ އަޑީގައި އުޅޭ ތަފާތު ފަނިފަކުސަ އެވެ. މަހުގެ ލޯމަތިން ދަމާލެވިފައިވާ ފުޅާ ގަޅިއެއް މަތިން ތިރިއަށް ކަރުތާފަތުގެ މަތީގައި ފެންނަން ހުރެއެވެ.