ކަށި ގޮނު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަށި ގޮނު

ކަށި ގޮނު (އިނގިރޭސި ބަހުން: Lactoria fornasini)ނުވަތަ (އިނގިރޭސި ބަހުން: Thorny-back Cowfish)އަކީ ރާއްޖޭގެ ފަޅުތަކުގައި ދިރިއުޅޭ ކުޑަ އިސްކޮޅެއް ހުންނަ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 23 ސެންޓި މީޓަރަށެވެ. މިބާވަތުގެ މަސްތައް އާންމުކޮށް އުޅެނީ އަޑީގައި ވެލި ހުންނަ ހިސާބުތަކުގަޔާއި، މުގުރިފައި ހުންނަ މުރަކަތައް ހުންނަ ހިސާބުތަކު ގައްޔާއި، މޫދުވިނަ ހެދިފައި ހުންނަ ހިސާބުތަކުގައެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. މިއީ މާބާރު ބާރަށް ދުވެއުޅުމުގެ ކުޅަދާނަކަން ލިބިގެންވާ މަހެއްވެސް ނޫންމެއެވެ. މިބާވަތުގެ މަސް ހިފުމަށް ރާއްޖޭގައި ވަކި ޚާއްޞަ ބާވަތެއްގެ މަސްވެރިކަން ކޮށެއް ނޫޅެއެވެ.

ކަށި ގޮނުގެ އާއްމު ސިފަ އެހެން މަސްމަހާ ވަރަށް ތަފާތެވެ. އާންމު ސިފަ ގޮނާއި ގާތް ގޮތެއް ހުރި ކަމުގައި ވިޔަސް ބަނޑުދަށަށް ފުޅާވެފައި، ބޮލުގެ މަތީން ދެދަޅު ފަޅާފައި ހުރެއެވެ. މަހުގެ ބުރަކަށި މަތީގައި ވަރަށް ވަރުގަދަ ހަރުކައްޓެއް ހުންނަކަން ފާހަގަ ކުރެވެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރި ބައިގައި ވެސް 9 މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 11 ނުވަތަ 12 މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މަހުގެ ކުލައަކީ ދޮން ރީނދޫ ކުލައެވެ. މުޅި މަހުގައި ނޫކުލައިގެ ރޮނގުތަކެއް އެކި ގޮތްގޮތަށް ހުރެއެވެ. ކޮތަރިތައް ހުންނަނީ ފަނޑު ކުލައެއްގައެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މަހުގެ އެންމެ ޚާއްޞަ ސިފަޔަށް ވިސްނާ، އަދި މަހަށް ކިޔާ އިގިރޭސި ނަމާވެސް ގުޅޭގޮތުން މިމަހަށް ކަށި ގޮނު ގެ ނަންދީފައި ވަނީ އެވެ.