ކަށި ކޮކާމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކަށި ކޮކާމަސް (ސައިންޓިފިކް ނަން: Centropyge multispinis)ނުވަތަ (އިނގިރޭސި ބަހުން: Many-spined angle fish)އަކީ ކޮކާ މަހުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގެ ފަރުފަޅުތަކުގައި އެންމެ ގިނައިން އުޅޭ އެއް ބާވަތެވެ. މިއީ އިސްކޮޅުން ކުޑަމަހެވެ. މިމަސް އެންމެ ބޮޑުވަނީ 12 ސެންޓި މީޓަރަށެވެ. އަދި މަހުގެ ކުލައަކީ ވެސް އެހާ އަޅައިގަންނަ ކަހަލަ ކުލައެއް ނޫންކަމުން ގިނަމީހުން މިއީ ކޮކާމަހުގެ ބާވަތެއް ނޫންކަމުގައި ދުށުމަކީ ވެސް ވެދާނެ ގޮތެކެވެ. މިއީ އެކްއޭރިއަމް ތަކުގައި ގެންގުޅެން ފަސޭހަ މަހެކެވެ. މިބާވަތުގެ މަސް އެކަހެރިކޮށްނާއި ޖޯޑްޖޯޑަށް ވެސް ފަރުފަޅުތަކުގެ ބޭރުގައި ފަރުމަތީގައި އުޅެއެވެ. މިމަހުގެ ކާނާއަކީ ގަލު ފެއްސެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 14 ހަރުކައްޓާއެކު 15 އާއި 17 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 16 ނުވަތަ 17 މަޑުކަށި ހުރެއެވެ. ކަރުތާފަތުގެ ތިރީބައިގައި ކަޅުކުލައިގެ ތޫނު ކައްޓެއް ހުރެއެވެ. މަހުގެ ކުލައަކީ ކަޅުކުލައަކަށްދާ ގަދަ މުށިކުލަ އެކެވެ. މަހުގެ ހުރަހަށް ހިމަކޮށް ހުންނަ ކަޅުކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ ކަރުތާފަތުގެ މަތީބައިގެ ފަހަތުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކައިރިފަށް ހުންނަނީ ބަލާލަން ވަރަށް ރީތި ނޫކުލައެއްގައެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިމަހަށްކިޔާ ޢިލްމީ ނަމާ، އިގިރޭސި ނަމާ ގުޅޭގޮތަށް ކަށި ކޮކާމަސް ކިޔާ ނަންދީފައި ވަނީއެވެ.