ކަށިވާލި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަށިވާލި

ކަށިވާލި ސައިންޓިފިކް ނަން: Scomberoides lysan) އަކީ ވާލީގެ އެހެނިހެން ގިނަ ބާވަތްތަކާއި ޚިލާފަށް ދިގުކޮށް ހުންނަ މަހެކެވެ. ދިވެހި މަސްވެރިން ނަނު ފައްތައިގެން ކުރާ މަސްވެރިކަމުގައި ފަރުފަރުގެ ބޭރުން މަދުމަދުން ބާނާ އުޅޭ މަހެކެވެ. އެހެނިހެން ގިނަ މަސްމަހެކޭ އެއްފަދައިން ކަށިވާއްޔަށް ވެސް ރާއްޖޭގައި ތަފާތު ނަންތައް ކިޔާފައި ހުރެއެވެ. އޭގެ ތެރޭގައި ހޮޑެލި ފަހާވާލި، އެކަވާލި ހިމެނެއެވެ. ކަށިވާލީގެ ނަމުން މިމަހަށް ނަންދީފައިވާ ކަމަށް ފެންނަނީ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި އެއްވަރަކަށް ހުންނަ ކަށިތަކެއް ހުރުމުގެ ސަބަބުން ކަމަށް ވިސްނެއެވެ. މަހުގެ ކަރުގަނޑުގެ ފުރަތަމަ ބުރުގައި 21 އާއި 27 އާއި ދެމެދުގެ އަދަދަކަށް ކަށި ހުރެއެވެ. މިއާއިލާގެ ގިނަ މަސްމަހާއި ޚިލާފަށް ކަށިވާލީގެ އަރިމަތީގައި އެއްވެސް ކަަހަލަ ކުރަލަފެއް ނުހުރެއެވެ. މަހުގެ ކުލައަކީ ރިހިއަޅި ކުލައެވެ. މަހުގެ އަރިމަތީގައި ދެބަރިއަކަށް ހުންނަ ކަޅުކުލައިގެ ލައްތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މިއިން ކޮންމެ ބަރިއެއްގައި 6 އާއި 8 އާއި ދެމެދުގެ އަދަދަކަށް ލައް ނުހުރެއެވެ.

މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި 6 ނުވަތަ 7 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ހަރު ކައްޓާއެކު 19 އާއި 21 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 17 އާއި 19 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ............