ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު
ޝަޚްސީ ތަޢާރަފު
[އުނިއިތުރު ގެންނަވާ]ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު އުފަންވެވަޑައިގަތީ 1961 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 09 ވަނަ ދުވަހު ނިލަންދެއަތޮޅު ދެކުނުބުރީ ރިނބިދޫއަށެވެ. ބައްޕައަކީ ރިނބިދޫ އިބްރާހީމް ކަލޭފާނެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު ދެ ކައިވެންޏެއް ކުރެއްވިއެވެ. ލިބިވަޑައިގެންފައިވަނީ ދެ ދަރިކަލުންނެވެ.
ތަޢުލީީމީ ހަޔާތް
[އުނިއިތުރު ގެންނަވާ]ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު ފުރަތަމަ ތަޢުލީމު ހާސިލުކުރެއްވީ ދ. ރިނބިދޫގައި ހުރި "މަކުތަބުލް މުބާރަކު" އިންނެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރަށް ރަނގަޅު ތަޢުލީމެއް ދެއްވުމަކީ ބައްޕަގެ ވަރަށް ބޮޑު އުންމީދެކެވެ. އެގޮތުން 1973 ވަނަ އަހަރު، އުމުރުން 12 އަހަރުގައި ތަޢުލީމު ދެއްވުމަށް މާލެ ގެންނެވިއެވެ. އެފަހަރު މާލޭގައި ބެހެއްޓެވީ ގ. ސިލިވަރުގޭގައި ކެރަފާ ތުއްތުމަނިކާއި ބެރުގޭ ނަޖީބާގެ އަރިހުގައެވެ. އެ ދުވަސްވަރު މަދަރުސަތުލް އާލިޔާއަށް ކިޔަވަން ވަޑައިގަތެވެ. ގެއަށް ގެނެސްދެއްވި ޓީޗަރުންގެ ކައިރިން ވެސް ކިޔަވާ ވިދާޅުވިއެވެ.
ދުވަސްކޮޅަކުން ރަށަށް ދާހިތުން ބައްޕައަށް ދެންނެވިއެވެ. އެކަމަށް ބައްޕަ އެއްބަސްވެވަޑައި ނުގެންނެވުމުން މީހަކު މެދުވެރިކުރައްވައި މަންމައަށް ދަންނަަވައިގެން 1975 ވަނަ އަހަރު ރަށަށް ވަޑައިގަތެވެ. ރަށަށް ވަޑައިގެންނެވިތަނުން ބައްޕަ ވިދާޅުވިއެވެ. "ދަރިފުޅު ހިތުން ރަށަށް ތިޔައައީ ކުޅެ މަޖާކޮށްލައި ހަދަން ރަށުގައި ހުންނަންތާއެވެ. އެކަަމަކު އެކަން އޮތީ އެހެންނެއް ނޫނެވެ. އަވަހަށް ފުރައިގެން ދާންވީއެވެ. މާލޭގައި ހުންނާނެ އެހެން ގެއެއް ބައްޕަވާނީ ހަމަޖައްސާފައެވެ." އެހެން ވިދާޅުވެ 1976 ވަނަ އަހަރު މާލެ ގެންނަވައި ބެހެއްޓެވީ ގ. ކަންޒުދިށުގޭގައި ނ.ތ އަޙްމަދު ދީދީގެ ދެކަނބަލުންގެ އަރިހުގައެވެ.
އެފަހަރު އެންމެ ފުރަތަމަ އިނގިރޭސި މީޑިއަަމަށް ކިޔަވައިދޭ ސްކޫލަކަށް ވެންނެވޭގޮތް ނުވެގެން ވަންނަވަން ޖެހިވަޑައިގަތީ އަމިއްލަ ފަރާތަކުން ހިންގެވި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ތޮއިބާ ސްކޫލަށެވެ. 1978 ވަނަ އަހަރު ސަރުކާރުން އެ ސްކޫލް އުވާލެއްވިއެވެ. އެ ސްކޫލުގެ ދަރިވަރުންނަށް އިމްތިހާނެއް ދެއްވައި ފާސްވި ދަރިވަރުން ސަރުކާރުގެ ސްކޫލު ތަކަށް ބަދަލުކުރެއްވިއެވެ. ގްރޭޑް 5 އަށް ބަދަލުވާ އިމްތިހާނުން ފާސްވެގެން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު މާލޭގައި ހުރި އެންމެ ފަޚުރުވެރި އަދި އެންމެ ގިނަ ދުވަސްވީ އެއް ސްކޫލު ކަމަށްވާ މަޖީދިއްޔާ ސްކޫލަށް ވަދެވަޑައިގަތެވެ. 1977 ވަނަ އަހަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރުގެ ބައްޕަ ނިޔާވުމުން ތަޢުލީމުގެ ހުރިހާ ކަމެއް ބަލަހައްޓަވައި ކިޔަވައިދެއްވުމުގެ ޒިންމާ އުފުއްލެވީ ނ.ތ އަޙްމަދު ދީދީ އެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު ޖީސީއީ އޯލެވެލް އިމްތިހާނު ހެއްދެވީ 1984 ވަނަ އަހަރުއެވެ.
މަޖީދިއްޔާ ސްކޫލްގައި ހޭދަކުރެއްވި މުއްދަތުގައި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރަކީ އަދަބީ ހަރަކާތްތަކުގައާއި އެހެނިހެން ހަރަކާތްތަކުގައި ވެސް ވަރަށް ބޮޑަށް ފާހަގަކުރެވުނު ދަރިވަރެކެވެ. ކެޑޭޓާއި ދިވެހި އަދަބީ ޖަމްޢިއްޔާ އެކުވެރިންގެ ގުޅުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. ޑެޕިއުޓީ ހެޑް ޕްރިފެކްޓްކަމާއި ކްލާސް މޮނީޓަރކަން ކުރެއްވިއެވެ.
ސްކޫލު ދައުރަށްފަހު
[އުނިއިތުރު ގެންނަވާ]ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު ވަރަށް ކުޑައިރުއްސުރެ ދެކިވަޑައިގެންނެވި ހުވަފެންފުޅެއް އޮތެވެ. އެއީ މާލެއިން ކިޔަވާ ވިދާޅުވެގެން ރަށަށް ވަޑައިގެން ހެޑްމާސްޓަރެއްގެ ގޮތުގައި ރަށުގައި ޚިދުމަތް ކުރެއްވުމެވެ. އެހެންކަމުން ސްކޫލް ނިމުމާއެކު އެދާއިރާއިން ކުރިއަށް ދިއުމުގެ ޢަޒުމުގައި މުދައްރިސުން ތަމްރީނުކުރާ ކޯހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެކަަމަކު ތިން މަސް ވެސް ނުވަނީސް ސިފައިންގެ ޚިދުމަތަށް ގެންނެވީއެވެ. އެންމެ ކުޑައިރުއްސުރެ ދެކެމުން ދިޔަ ހުވަފެނުގައި ހަގީގީ ކުލަ ނުޖެހި އަސްކަރީ ފަހުލަވާނަކަށް ބަދަލުވެ ޤައުމުގެ ދިފާޢުގައި ނުކުމެވަޑައިގަންނަވަން މަޖުބޫރުވީއެެވެ.
ސިފައިންގެ ޚިދުމަތާ ގުޅުން
[އުނިއިތުރު ގެންނަވާ]ތަޢުލީމީ ޒުވާނުން އަސްކަރީ ޚިދުމަތަށް ގެންނެވުމަށް ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތަކާ އެއްގޮތަށް މަޖީދިއްޔާ ސްކޫލުން 1984 ވަނަ އަހަރު ޖީސީއީ އޯލެވެލް ނިންމި ކުދިން ވެސް ސިފައިންގެ ޚިދުމަތަށް ގެންނެވިއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ވެއްދެވީ ލާންސް ކޯޕްރަލް ރޭންުކުގައި، 1984 ވަނަ އަހަރުގެ މާރިޗުމަހުގެ 13 ވަނަ ދުވަހުއެވެ، ސިފައިންގެ މީހެއްގެ ގޮތުގައި އެންމެ ފުރަތަމަ ޚިދުމަތް ކުރަން ޖެހިވަޑައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑުގައި ކަލާސީއެއްގެ ގޮތުގައެވެ.
ފުރިހަމަ ކުރެއްވި ކޯސްތަކާއި ތަމްރީނުތައް
[އުނިއިތުރު ގެންނަވާ]ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި ޗައިނާއިން 1989 ވަނަ އަހަރު ފުރިހަމަ ކުރެއްވި މެރިޓައިމް ސާރޗް އެންޑް ރެސްކިޔު ކޯސް
1990 ވަނަ އަހަރު ދިވެހި އަސްކަރިއްޔާގައި ފުރިހަމަ ކުރެއްވި އެންސީއޯ ކޭޑަރ ތަމްރީނު ކޯސް
1990 ވަނަ އަހަރު އެމެރިކާއިން ފުރިހަމަކުރެއްވި އިންޓަރނޭޝަނަލް ރިވަރައިން އެންޑް ކޯސްޓަލް އޮޕަރޭޝަން ކޯސް
1991 ވަނަ އަހަރު އިނގިރޭސިވިލާތުން ފުރިހަމަ ކުރެއްވި އޮއިލް ސްލިޕް އެންޑް ކްލިއަރަންސް ކޯސް
1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބްރިޓޭނިއާ ރޯޔަލް ނޭވަލް ކޮލެޖުން ފުރިހަމަ ކުރެއްވި އިންޓަރނޭޝަނަލް މިޑްޝިޕްމަންސް ކޯސް
1994 ވަނަ އަހަރު ޕާކިސްތާނުން ފުރިހަމަ ކުރެއްވި ބޭސިކް ސްޓާފް ކޯސް
1995 ވަނަ އަހަރު އޮސްޓްރޭލިއާއިން ފުރިހަމަ ކުރެއްވި އިންޓަރނޭޝަނަލް އެއަރ ސާރޗް އެންޑް ރެސްކިޔު ކޯސް
2000 ވަނަ އަހަރު އެމެރިކާއިން ފުރިހަމަ ކުރެއްވި ނޭވަލް ސްޓާފް ކޮލެޖް ފޮރ އިންޓަރނޭޝަނަލް އޮފިސަރސް ކޯސް
2014 ވަނަ އަހަރު އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގައި ނޭޝަނަލް ސެކިއުރިޓީގެ ދާއިރާއިން މާސްޓަރސް ހާސިލުކުރައްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާފައިވާ ތަފާތު ގިނަ ސެމިނަރތަކާއި ވޯކްޝޮޕްތަކާއި ބައްދަލުވުންތަކުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކޮށް ދެއްވާފައިވެއެވެ.
ޚާއްޞަ ޚިދުމަތްތައް
[އުނިއިތުރު ގެންނަވާ]ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ. ދިވެހި އަސްކަރިއްޔާގައި މިއަދު މިދެކޭ ކޯސްޓްގާޑުގެ ޚިދުމަތް ތަރައްޤީވެ ފުޅާވެގެން ދިއުމުގައި، ޚާއްޞަކޮށް އިންސާނީ ވަސީލަތް ތަރައްޤީކޮށް ކުރިއެރުވުމުގައި ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައާއި ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އަދި ކޯސްޓްގާޑުގެ ކޮމަޑާންޓުގެ ހައިސިއްޔަތުން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ކުރައްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގައި އަދާކުރެއްވި އިސް މަޤާމުތަކުގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުކަމާއި، ސިފައިންގެ އެކުވެރި ކުންފުންޏާއި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖްމަންޓް ކޮމެޓީގެ ޗެއަރމަންކަމާއި، ޓްރޭނިންގ ރިސަރޗް އެންޑް އިވެލުއޭޝަން ކޮމެޓީގެ މެންބަރުކަމާއި، ދިވެހި ސިފައިންގެ ކުލަބުގެ ހިންގާ ކޮމެޓީގެ މެންބަރުކަމާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރކަމާއި، އެމްއެންޑީއެފްގެ ޗީފް ސްޕޯކްސްޕާސަންކަން ހިމެނެއެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު މިހާރު އަދާކުރައްވަމުން ގެންދަވާ އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްކަމާއި އެމްއެންޑީއެފް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، އެމްއެންޑީއެފް ޕްރޮމޯޝަން ބޯޑުގެ ވައިސް ޗެއަރމަންކަމާއި، އެމްއެންޑީއެފް ގްރީވަންސް ބޯޑުގެ ޗެއަރމަންކަމާއި، އެމްއެންޑީއެފްގައި އުފައްދަވާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވާ ކޮމެޓީގެ ޗެއަރމަންކަން ހިމެނެއެވެ.
ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 1988 ނޮވެންބަރު 3ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން އަމިއްލަ ފުރާނައަށް ބެލުމެއްނެތި ޤައުމަށްޓަކައި ކުރެއްވި އަގުހުރި ޚިދުމަތް ފާހަގަކުރެވެއެވެ. އަދި 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ޢަމަލީ ގޮތުން ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާއިން ދިވެހި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ބޭރުގެ ޤައުމުތަކާ ގުޅުން ބަދަހިކުރައްވައި، ކަމާބެހޭ ދިރާސާތައް ހައްދަވައި، ޢަމަލީ ގޮތުން ކުރައްވަމުން ގެންދަވާ އަގުހުރި މިންނަތް މަސައްކަތްތައް ފާހަގަކުރެވެއެވެ.
ޚިދުމަތުގެ ޝަރަފުގެ ނިޝާންތައް
[އުނިއިތުރު ގެންނަވާ]ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. މިގޮތުން ލިބިވަޑައިގެންފައިވާ މެޑެލި ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، 3 ނޮވެންބަރުގެ މެޑެލި، ސައްތައިގެ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި، މިނިވަން 50ގެ މެޑެލި އަދި ޖުމްހޫރީ 50ގެ މެޑެއްޔެވެ. ޝަރަފުގެ ނިޝާނުގެ ކުލައިގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ 2 ވަނަ ފަހަރަށް، އަޚްލާޤީ ކުލަ ދެވަނަ ފަހަރަށް އަދި ހިތްވަރުގަދަކަމުގެ ކުލަ ލިބިވަޑައިގެންފައިވެއެވެ.
ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދިވެހި ދައުލަތުން 2021 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު ދެއްވި ޝަރަފުވެރި އިނާމު ދިވެހި އަސްކަރިއްޔާގައި 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު ކުރެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި ދިވެހި ދައުލަތުން ރައީސުލްޖުްމޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ދެއްވާފައެވެ.
ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުން
[އުނިއިތުރު ގެންނަވާ]ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ ސިފައިންގެ ޤާނޫނުގެ ދަށުން އުމުރުން 60 އަހަރު ފުރިހަމަވެގެން 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އެކަމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިންޓަރގްރޭޓެޑް ހެޑްކްއޯޓާރޒްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. ސިފައިންގެ ޤާނޫނުގެ ދަށުން ސިފައިންގެ ޚިދުމަތުން ޝަފަރުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރުގެ ނަން ބޭނުންކުރައްވާއިރު "ރިޓަޔަރޑް" މި ލަޤަބު ބޭނުންކުރެވޭނެއެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ މަޤާމަށް ހަމަޖައްސަވާފައެވެ.