ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހިމް މުޙައްމަދު ދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

1979 ޑިސެމްބަރު 7 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދު ދީދީ އަކީ ސިފައިންގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަ ފަންނީ ދާއިރާއަކީ ކޮމިޔުނިކޭޝަން ދާއިރާއެވެ. ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން 2012 ޖުލައި 17 ވަނަ ދުވަހު އެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ މާލޭ އޭރިއާގެ ކޮމާންޑަރުގެ މަޤާމުގައެވެ.

ސިފައިންގެ ޚިދުމަތް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1979 ޑިސެމްބަރު 7 ވަނަ ދުވަހު އެވެ. ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި 27 އަހަރު މަސައްކަތް ކުރައްވާފައިވަނީ ކޮމިއުނިކޭޝަން ދާއިރާ ގައެވެ. އެއީ މިހާރުގެ އެމްއެންޑީއެފް ކޮމިއުނިކޭޝަން އިލެކްޓޯނިކްސް އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ސާރވިސް (ސީޓްސް) އެވެ. ސިފައިންގެ ކޮމިއުނިކޭޝަން ސެކްޝަނަށް މިހާރު އައިސްފައިވާ ތަރައްޤީއާ ކުރިއެރުމުގެ ޙަޤީޤީ މޭސްތިރިއަކީ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް ދީދީއެވެ. އިބްރާހީމް ދީދީ ސިފައިންގެ ޚިދުމަތަށް ގެންނެވީ އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ވަޔަރލެސް އޮޕަރޭޓަރއެއްގެ ވަޒީފާ ހުންނަވަނިކޮށް ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އޭރު ސިފައިންގޭގައި މުއާސަލާތީ ޚިދުމަތް ދިނުމަށް ހުރީ 4 ސީ.ބީ ވޯކީޓޯކީ އެކަންޏެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް ދީދީއަކީ 1988 ނޮވެމްބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން ވަރަށް ހިތްވަރުފުޅު ގަދަ މަސައްކަތެއް ކުރައްވާފައިވާ ބޭފުޅެކެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީ އަކީ ނޮވެމްބަރު ތިނެއްގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި ހިތްވަރާއި ޢަޒުމާއެކު ދީނާއި ޤައުމަށްޓަކައި ކެރިގެން ނިކުންނެވި ޤައުމީ ބަޠަލެކެވެ. ޓެރަރިސްޓުންނާ ދެކޮޅަށް ސިފައިން ޙަމަލާދެމުންދިޔަ ނުރައްކާތެރި އަދި ބިރުވެރި ދަނޑިވަޅުގައި ސިފައިންގެއިން ވަޒަން ހުސްވަމުން ދަނިކޮށް، ބަޑިގުދަނުގެ ތަޅުދަނޑިފަތި ކިނބިގަސްދޮށުގެއިން ގެނެސް ސިފައިންގެއަށް ފޯރުކޮށްދެއްވީ އެމަނިކުފާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެދުވަހު އެމަނިކުފާނު ކުރެއްވި މަސައްކަތަކީވެސް ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ.

އެމަނިކުފާނަކީ ސިފައިންގޭގައި ޕެރޭޑް ކުރިއަރުވާ ތަރައްޤީ ކުރުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ ޝަރަފުގެ ގާޑްތަކުގައި މިހާތަނަށް އެންމެ ގިނަފަހަރު ކޮމާންޑުކުރި ކަމުގެ ޝަރަފު ލިބިވަޑައިގެންފައިވަނީވެސް އެމަނިކުފާނަށެވެ. އެމަނިކުފާނުގެ ކޮމާންޑްގެ ދަށުން ނެރޭ ޝަރަފުގެގާޑުތަކުގެ ފެންވަރު ހިފެހެއްޓުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.

ސިފައިންގެ އޭރިއާ ކޮމާންޑްތައް ޤާއިމުކުރުމަށްފަހު އެންމެ ފުރަތަމަ އުފެއްދި އޭރިއާ ކޮމާންޑް ކަމުގައިވާ "އެމް.އެން.ޑީ.އެފް ސަދަން އޭރިއާ" ގެ ފުރަތަމަ ކޮމާންޑަރަކީވެސް އެމަނިކުފާނެވެ.

ސިފައިންގެ ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ކުރައްވާފައިވާ ޚާއްޞަ މަސައްކަތްތަކަށް ބަލާއިރު ރާއްޖެތެރޭގައި ބޭއްވި ފުރަތަމަ ސާރކް ސަމިޓަށް ތައްޔާރު ވުމުގެގޮތުން އައްޑޫސިޓީގައި ކުރެވުނު ހުރިހާ ކަމެއް ހިނގަމުންދިޔައީ ސީދާ އިބްރާހީމް ދީދީގެ ބެއްލެވުމުގެ ދަށުންކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ހަމައެހެންމެ އެންމެފަހުން ރާއްޖޭގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށްޓަކައި ސިފައިން ރެއާދުވާލު އަރާމެއްނެތި މަސައްކަތްކުރަމުންދިޔައިރު އެމަނިކުފާނަކީވެސް އަމަލީގޮތުން އާދަޔާޚިލާފު ބުރަ މަސައްކަތްތަކެއް ކުރެއްވި އެއްބޭފުޅާއެވެ. އިބްރާހީމްދީދީގެ މިފަދަ އެތައް ޚިދުމަތްތަކެއް ލިޔެވިދާނެއެވެ. މާލޭ އޭރިއާގެ ކޮމާންޑަރުކަމާއި، ސަދަން އޭރިއާގެ ކޮމާންޑަރުކަމާއި، ސީޓްސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމުގެ އިތުރުން އެމަނިކުފާނުވަނީ ޑިއުޓީ ސެކްޝަނާއި، އެން.އެސް.އެސް އޮފީހުގައި މަސައްކަތް ކުރައްވާފައެވެ، އަދި ސީ.އެމް.އެސް، ކިއު.އެމް.އެސް އަދި އާމަރީގެ ކޮމާންޑަރުގެ އެހިތެރިޔާ ކަމާއި، ސަޕޯޓް ބެޓޭލިއަން 1 އަދި 2 ގެ ކޮމާންޑަރުކަން ވެސް ކުރައްވާފައެވެ.

މިޒާޖުފުޅު ބްރިގޭޑިއާރ ޖެނެރަލް (ރޓ) އިބްރާހީމް ދީދީއަކީ ދީނަށް ލޯބިކުރައްވާ، މަޑުމައިތިރި ބޭފުޅެކެވެ. ފަސްޖެހިވަޑައި ނުގެން ޚިދުމަތްކުރެއްވި އިޚްލާޞްތެރިއެކެވެ. އެއީ އަމުރަށް ކިޔަމަންތެރިވުމުގައި ލާމަސީލު މިސާލެކެވެ. އެފަހަރަކު ޙަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގެން ކޮންމެ އެޕޮއިންޓްމަންޓަކާވެސް ކެރިވަޑައިގެން ޙަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.

ހައްދަވާފައިވާ ތަމްރީނުތައް ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދު ދީދީރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަފާތު ގިނަ ކޯސްތަކެއް ފުރިހަމަ ކުރައްވާފައެވެ. މިގޮތުން އިންގްލިޝް ލޭންގުއޭޖް ކޯސް، ރޭޑިއޯ ރިޕެއަރ ކޯސް، ލީބިއާ ޓްރޭނިންގ، ޕެރޭޑް އިންސްޓްރަކްޓަރ ޓްރޭނިންގ، އެން.ސީ.އޯ ކޭޑަރ، ސިގްނަލް އޮފިސަރ ބޭސިކް ކޯސް، އެޑްވާންސް ކޯސް، ބޭސިކް ސްޓާފްކޯސް. ސެކިއުރިޓީ ސްޓަޑީޒް ކޯސް، ޕާކިސްތާނު އާމީ ކޮމާންޑް އެންޑް ސްޓާފް ކޯސް ވިތް ބީ.އެސް.ސީ އޮނރަސް ވޯރ ސްޓަޑީސް، ނޭޝަނަލް ޑިފެންސް ކޯސް ވިތު އެމް.ފިލް އިން ޑިފެންސް އެންޑް ސްޓްރެޓެޖިކް ސްޓަޑީސް އަދި މެލޭޝިޔާ އިން އިމާމް ޕްރޮފެޝަނަލް ކޯސް ހިމެނެއެވެ. މީގެ ތެރެއިން އެމެރިކާއިން ފުރިހަމަ ކުރެއްވި އިންގްލިޝް ލޭންގުއޭޖް ރޭޑިއޯ ރިޕެއަރ ކޯހުން އެމަނިކުފާނު އޮނަރ ގްރެޖުއޭޓްގެ ދަރަޖަ ހޯއްދަވާފައިވާއިރު، މާސްޓާރސް އޮފް ފިލޯސަފީ އަށް ހުށަހެޅުއްވި ތީސީސްއަށް އެކްސެލެންޓް އެންޑް އައުޓް ސްޓޭންޑިންގެ ދަރަޖަ ލިބިލައްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތައް ސިފައިންގެ ޚިދުމަތުގައި ބްރިގޭޑިއާރ ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދު ދީދީ ވަނީ ހުރަވީ ރަންމެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، މަތިވެރި ޚިދުމަތުގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އަޚްލާޤީ މެޑަލް، ޚާއްޞަ ޚިދުމަތުގެ މެޑަލް ،ނޮވެމްބަރު ތިނެއްގެ މެޑަލް، ސައްތައިގެ މެޑަލް އަދި ސާރކް މެޑަލް، ލިބިވަޑައިގެންފައެވެ.