ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވަނަވަރު[އުނިއިތުރު ގެންނަވާ]

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ ގ. ކަނޑިތޮޅިއާގެ ބޭފުޅެކެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވާ 5 ވަނަ ބޭފުޅާއެވެ. ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް، ދިވެހި ޢަސްކަރިއްޔާގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަނުކުރައްވައިފައި ވަނީ 11 ޑިސެންބަރު 2018 ގައެވެ. މި މަގާމަކީ 2016 ވަނަ އަހަރުން ފެށިގެން ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް އަދާކުރައްވަމުން ގެންދަވާ ޑައިރެކްޓަރ ޖެނެރަލް އޮފް ޑިފެންސް އިންޓެލިޖަންސް ސަރވިސްގެ އިތުރުން ޙަވާލުކުރެވުނު މަގާމެކެވެ. މީގެއިތުރުން، ޤައުމީ ދިފާޢީ ބާރުގެ މާލީ ޒިންމާދާރު ވެރިޔާގެ މަގާމު އަދާކުރައްވަމުން ގެންދަވަނީވެސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

ސިފައިންގެ ޚިދުމަތް[އުނިއިތުރު ގެންނަވާ]

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް، ސިފައިންގެ ޚިދުމަތް ފެށްޓެވީ 18 ފެބްރުވަރީ 1985 ގައެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ ސިފައިންގެ ކޮމިޔުނިކޭޝަން ސެކްޝަންގައި ރޭޑިއޯ އޮޕަރޭޓަރެއްގެ ގޮތުގައެވެ. ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމަކީ އެންލިސްޓެޑް ރޭންކުތަކުން ވަޑައިގެން ކޮމިޝަން އޮފިސަރަކަށް ވެވަޑައިގެންނެވި ބޭފުލެކެވެ.

ތަމްރީނުތައް[އުނިއިތުރު ގެންނަވާ]

އެމެރިކާއިން ރޭޑިއޯ ރިޕެއަރ ކޯހެއް ފުރިހަމަކުރައްވައި އެ ކޯހުން 1 ވަނަ ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު، 1989 ވަނަ އަހަރު ހާސިލުކުރެއްވިއެވެ.

މަސައްކަތް ކުރެއްވި ދާއިރާތައް[އުނިއިތުރު ގެންނަވާ]

އެމްއެންޑީއެފްގައި ތަފާތު ގިނަ ދާއިރާތަކުގައި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޚިދުމަތް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ އެމް.އެން.ޑީ.އެފް.ގެ ކޮމިއުނިކޭޝަން ތަރައްޤީ ކުރެއްވުމަށް ޢަބްދުއްރަޙީމް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކެވެ. މިގޮތުން، ސިފައިންގޭގެ ބޭރުން ފަންނީ މީހުން ގެނެސްގެން ކުރަމުންގެންދިޔަ މަރާމާތުކުރުމުގެ އެކިއެކި މަސައްކަތްތައް ސިފައިންގެއިން ކުރައްވަން ފެށްޓެވުމާއި، ކޮމިއުނިކޭޝަން ވާރކްޝޮޕެއް ޤާއިމުކުރެއްވުމަށްފަހު، އެތަން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގައި، ޢަބްދުއްރަޙީމްގެ ހިއްސާ ވަރަށްބޮޑެވެ. އަދި އޭރު ރައީސުލްޖުމްހޫރިއްޔާއާއި، ޑިފެންސް މިނިސްޓަރުގެ ނައިބު، ރާއްޖޭގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ކޮމިއުނިކޭޝަންގެ ކަންތައް ބެލެހެއްޓެވުމުގައި، އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީވެސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މިގޮތުން، ރާއްޖެތެރޭގެ ރަށްރަށުންނާއި، ދަތުރުފުޅު ކުރައްވާ އުޅަނދުފަހަރުން ޓެލެފޯނާއި، ރޭޑިއޯ ޓެލެފޯނުން މާލެއާ ގުޅޭނެގޮތް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރައްވައިފައި ވެއެވެ.

ޚާއްޞަ ޚިދުމަތްތައް[އުނިއިތުރު ގެންނަވާ]

ސިފައިންގެ އިންޓެލިޖެންސްގެ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ސިފައިންގެ ހެވިކަމާއި ކުޅިވަރު ތަރައްޤީ ކުރެއްވުމަށް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް އިސްނަންގަވައިގެން ކުރައްވައިފައިވާ މަސައްކަތްޕުޅުތައް ފާހަގަ ވެއެވެ. މީގެއިތުރުން، ސާރކް ސަމިޓުގެ ސެކިއުރިޓީއާބެހޭ މަސައްކަތާއި، ސުނާމީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ ބަދަލުގައި ގއ.މާމެންދޫގައި އިމާރާތްކުރި ގެތަކުގެ މަސައްކަތާއި، ކޯވިޑް19-އާ ގުޅިގެން ހުޅުމާލޭގައި ޢިމާރާތްކުރި ކޯވިޑް ފެސިލިޓީގެ މަސައްކަތްތަކާއި، 1988 ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގެ މަސައްކަތްފަދަ ޤައުމީ ބޮޑެތި މަސައްކަތްތަކުގައި، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ވަރަށް އިސްދައުރެއް ވަނީ އަދާކުރައްވައިފައެވެ.

އެޕޮއިންޓްމަންޓްތައް[އުނިއިތުރު ގެންނަވާ]

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ފުރުއްވައިފައިވާ އިސް މަގާމުތަކުގެ ތެރޭގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގެ އިތުރުން ސަދަން އޭރިޔާގެ ކޮމާންޑަރުގެ މަގާމާއި، ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގެ ކޮމަޑާންޓުގެ މަގާމާއި، މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، އޯޑްނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، ސްޕެޝަލް އެސެސްމަންޓް ޔުނިޓުގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، ޑައިރެކްޓްރޭޓް އޮފް މިލިޓަރީ އިންޓެލިޖެންސްގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑައިރެކްޓަރުގެ މަގާމާއި، އެމް.އެން.ޑީ.އެފް. ވެލްފެއަރ ބޯޑުގެ ޗެއަރމަންކަމުގެ މަގާމުގެ އިތުރުން، އެމް.އެން.ޑީ.އެފް. ގްރީވަންސް ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަގާމާއި، އެމް.އެން.ޑީ.އެފް.ގެ ސްޕޯކްސްޕާރސަން ކަމުގެ މަގާމު ހިމެނެއެވެ.އަދި ސިފައިންގެ ލަފާދޭ މަޖިލީހާއި، އެކިއެކި ކޮމިޓީތަކާއި، ބޯޑުތަކާއި، މަޖިލިސްތަކުގައިވެސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ޝަރަފުގެ ނިޝާން[އުނިއިތުރު ގެންނަވާ]

ސިފައިންގެޔަށް ކުރައްވައިފައިވާ އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ 10 މެޑެއްޔާއި، ޝަރަފުގެ 8 ކުލަ ވަނީ ހާސިލުކުރައްވައިފައެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެލް ހިމެނެއެވެ. ހާސިލު ކުރައްވައިފައިވާ ކުލަތަކުގެ ތެރޭގައި، ކާމިޔާބުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން، އަޚްލާޤީ ކުލަ ތިންފަހަރު އަދި ޚާއްޞަ ޚިދުމަތުގެ ކުލަ، ދެފަހަރު ހާސިލު ކުރައްވައިފައި ވެއެވެ.