ބޯރީނދޫ ކޮކާމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ބޯރީނދޫ ކޮކާމަސް (ސައިންޓިފިކް ނަން: Pomacanthus xanthometopon)ނުވަތަ (އިނގިރޭސި ބަހުން: Blue-faced angle fish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައި އުޅޭ ކޮކާމަހުގެ ބާވަތެކެވެ. މިއީ ވަރަށް ރީތި ކުލަތަކަކުން ކުރެހުން އެޅިފައި ހުންނަ އެކުއޭރިއަމް ތަކުގައި ގެންގުޅުމަށް މީހުން ވަރަށް ޝައުގުވެރިކަން ހުންނަ މަހެކެވެ. މިބާވަތުގެ މަސް އާންމު ގޮތެއްގައި އުޅެނީ އެތެރެވަރީގެ ފަރުތަކުގެ ގުންޑޮޅިތަކުގައެވެ. އާންމު ގޮތެއްގައި 5 މީޓަރާއި 25 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިމަސް އެންމެ ބޮޑުވަނީ 45 ސެންޓި މީޓަރަށެވެ. މިބާވަތުގެ ޅަމަސް ހުންނަނީ ބޮޑެތިމަހާއި މުޅިން ތަފާތު ކުލައެއްގައެވެ. ކަޅުކުލައިގެ މަހެއްގައި ހުދާއި މަޑުނޫކުލައިގެ ކުރެހުންތަކެއް މަހުގެ ހުރަހަށް ވާގޮތަށް އަޅާފައެވެ. މިބާވަތުގެ މަސް އާންމު ގޮތެއްގައި އުޅެނީ އެކަހެރިކޮށެވެ.

މަހުގެ ލޮލާއި ނިއްމަތި ހުންނަނީ ރީނދޫ ކުލައިގައެވެ. މަހުގެ ތުނބާއެކު ކޯމަތި ހުންނަނީ ނޫކުލައިގެ ކަޅާއި ރީނދޫ ކުލައިގެ ތިކިތަކެއް ޖަހާފައެވެ. މަތީ ކޮތަރިބައިގެ ފަހަތުގައި ކަޅުކުލައަކަށްދާ ގަދަ ނޫކުލައިގެ ލަފެއް ހުރެއެވެ. ނިގޫފަތާއި މަތީ ކޮތަރިބައި ހުންނަނީ ރީނދޫކުލައިގައެވެ. އަދި ކޮތަރިތަކާއި ނިގޫފަތުގެ ކައިރިފަށް ހުންނަނީ ވަރަށް ރީތި ނޫކުލައެއްގައެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގެ އިގިރޭސި ނަމާއި އަދި ޢިލްމީ ނަމާއި ގުޅޭގޮތަށް މަހުގެ ސިފައަށް ވިސްނާ ބޯރީނދޫ ކޮކާމަސް ކިޔާފައި ވަނީއެވެ.