ބިސް ރޮނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބިސް ރޮނޑު

ބިސް ރޮނޑު (އިނގިރޭސި ބަހުން: Balistoides conspicillum) އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ގިނައިން އުޅޭ ރީތި މަހެކެވެ. މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރު އަދި ކެއުމަށްވެސް ބޭނުންކޮށް އުޅޭ ރޮނޑެކެވެ. މިމަހުގެ ޚާއްޞަ ކަމަށްޓަކައި، ދިރޭމަހުގެ ވިޔަފާރީގައި ޚާއްޞަ ގަދަރެއްދެވި، ރަގަޅު އަގުގައި ވިކެއެވެ. އާއްމު ގޮތެއްގައި ބިސް ރޮނޑު އުޅެނީ ފަރުގެ ބޭރުފަރާތުގައި އެކަހެރިކޮށެވެ. ފަރުބޭރުން ވަރަށް ފުނުންވެސް މިބާވަތް ފެންނަ ކަމަށް ވެއެވެ. މިމަސް އެންމެ ބޮޑުވަނީ 45 ސެންޓި މީޓަރަށެވެ.

ބިސް ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 24 އާއި 26 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 21 އާއި 23 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ލޮލުގެ ކުރިން ތުނބާ ދިމާލުން އަޑިވުމެއް ހުރެއެވެ. ތުނބުގެ ވަށައިގެން ހުންނަނީ ގަދަ ރީނދޫ ކުލައެވެ. މަހުގެ ލޮލުގެ ކުރިން މޫނު މަތީގައި ކައްޗަށްވާގޮތަށް ރީނދޫކުލައިގެ ކުރެހުމެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ހަރު ކޮތަރިބައިގެ ތިރިން މަހުގެ ބުރަކަށިމަތި ހުންނަނީ ރީނދުލާއި މުށިކުލައިން އެކުލެވޭ ކުރެހުމެއް އަޅާފައެވެ. މަހުގެ މަޑު ކޮތަރިބައިތަކުގެ ބުޑުދަށް ހުންނަނީ ރީނދޫ ކުލައިގައެވެ. ނިގޫފަތުގެ ބުޑުދަށާއި، ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ. މަހުގެ ނިގޫކޮޅު ހުންނަނީ ހުދާއި ރީނދޫކުލައިގެ ކުރެހުމެއް އަޅާފައެވެ. މިބާވަތުގެ ޅަމަސް ހުންނަނީ މާބޮޑަށް ކަޅުކޮށް ހުދުކުލައިގެ ގިނަ ލައްތަކެއް ޖަހާފައެވެ. މިއީ ދެނެގަންނަށް ފަސޭހަ މަހެކެވެ. މަހުގެ ކާނާއަކީ އަޑީގައި އުޅޭ ކުދި ދިރުންތަކެވެ.