ބާލިޣުވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބާލިޣުވު(puberty)މަކީ އެންމެ ތިލަ ބަހުން ބުނާނަމަ ބޮޑުވުމެވެ. ދިވެހި ބަހުގެ ރަދީފުގައި ވާގޮތުން ބާލިޣުވުމަކީ "ފިރިހެން ކުއްޖާ ނުވަ އަހަރު ފުރުމަށްފަހު ނިދީގައި ނުވަތަ އެހެން ވެސް ހާލެއްގައި މަނިބޭރުވުން"، ނުވަތަ " އަންހެން ކުއްޖާއަށް ނުވަ އަހަރު ފުރުމަށްފަހު ޙައިޟުވުން" މިއެވެ. ބާލިޣުވުމަކީ އިންސާނާގެ ހަށިގަނޑުގައި ހޯރމޯންގެ މިންވަރަށް އަންނަ ބަދަލާ ގުޅިގެން ކުރިމަތިވާ ކަމެކެވެ. ފިރިހެންކުދިންނާ އަންހެންކުދިންނަށް ބާލިޣުވާ އުމުރު ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ބާލިޣުވާ އުމުރު ބަރޯސާވަނީ ކުއްޖާގެ ޖިންސު، ކެއުމަށް ބޭނުންކުރެވޭ ކާނާ، އަދި ހަށިގަނޑުގައި ހުންނަ ވިރާސީބަހާ ގެ މައްޗަށެވެ. އެހެންކަމުން އަންހެންކުދިންނާ ފިރިހެންކުދިން ބާލިޣުވާ އުމުރު ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. އަންހެންކުދިން ބާލިޣުވުން އަންހެން ކުދިން ބާލިޣުވިކަން އެނގޭނެ ގޮތަކީ ޙައިޟުވުމެވެ. ނުވަތަ މައްސަރު ކަންތައް ޖެހުމެވެ. ބާލިޣުވުމުން އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ގުނަވަންތައް ފުރާ ފުރިހަމަވެއެވެ. އަންހެން ވަންތަ ސިފަތައް އަންހެނާގެ ހަށިގަނޑުން ފާޅުވާން ފަށާނެ އެވެ. އާންމު ގޮތެއްގައި އަންހެން ކުދިން ބާލިޣުވަނީ އުމުރުން 14-12 އަހަރާ ދެމެދުގައެވެ. ނަމަވެސް ތަންކޮޅެއް ޞިއްޙަތު ރަގަޅުކޮށް ތިބޭކުދިން އެއަށްވުރެ ކުރިން (އުމުރުން 9 އަހަރުގައި) ބާލިޣުވުމަކީ ވެދާނެ ގޮތެކެވެ. މިއީ ދަރިމައިވުމުގެ ގާބިލިއްޔަތު އަންހެނުންނަށް ލިބެން ފަށާ އުމުރު ވެސް މެއެވެ. ބާލިޣުވުމަށްފަހު މައްސަރު ކަންތައް ގަވާޢިދުން ޖެހެމުންދާނެ އެވެ. ސިކުނޑީގައި ޕިޓޫއިޓަރީ ގްލޭންޑުން ދޫކުރާ ގޯނަޑަޓްރޮޕިން ހޯރމޯން ތައް ކަމުގައިވާ ފޮލިކަލް ސްޓިމިއުލޭޓިން ހޯރމޯން އަދި ލޫޓީނައިޒިންގ ހޯރމޯން ގެ ސަބަބުން އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ބިސް އުފައްދާ ތަން ހީވާގިވެ، މުރާލިވެ އެތަނުގެ މަސައްކަތްތައް ހިންގަން ފަށާނެ އެވެ. އެގޮތުން ބިސް އުފައްދާ ތަނުން "އެސްޓްރަޖަން"(estrogen) ހޯރމޯން އުފައްދަން ފަށާނެ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ވަކި އުސޫލަކުން ކޮންމެ މަހަކު އެއްފަހަރު މައްސަރު ކަންތައް ޖެހެމުންދާނެ އެވެ.