ބަލިވެ އިނުމާއި ގުޅިގެން ކުރިމަތިވާ ހަކުރު ބަލި
ހަކުރު ބަލި(އިނގިރޭސި ބަހުން: diabetes mellitus) ގެ މާނައަކީ ލޭގައި ހަކުރު(އިނގިރޭސި ބަހުން: glucose) ގެ މިންވަރު މަތިވުމެވެ. ގުލުކޯޒަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަސްދަރެވެ. ގުލުކޯޒުގެ މިންވަރު ލޭގައި މަތިނަމަ ނުވަތަ ކޮންޓްރޯލް ނުކުރެވޭނަމަ ސިއްހީ މައްސަލަަތައް ކުރިމަތިވެއެވެ. ހަކުރު ބަލި ހުރުމަކީ މާބަނޑު ދުވަސްވަރު އެކަމަށް ޚާއްޞަ އިނާޔަތް ބޭނުންވާ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތިވާ ހަކުރުބައްޔަށް ޖެސްޓޭޝަނަލް ޑައެބެޓީސް(އިނގިރޭސި ބަހުން: gestational diabetes)އޭ ކިޔައެވެ.
ހަކުރުބަލި މެދުވެރިވާ ސަބަބުތައް
[އުނިއިތުރު ގެންނަވާ]ހަކުރު ބަލި ކުރިމަތިވަނީ ހަށިގަނޑުގައި އިންސުލިން(Insulin) ބޭނުންކުރާގޮތް ނުވަތަ އުފައްދާގޮތަށް މައްސަލައެއް ދިމާވުމުންނެވެ.( މިސާލަކަށް ޕެންކްރިއާސް އިން ލޭގެތެރެއަށް އެކަށޭނަ ވަރަށް އިންސުލިން ފޯރުކޮށް ނުދިނުން ) އިންސުލިން އަކީ ކާނާގެތެރޭގައި ހިމެނޭ ގުލުކޯޒު ހަކަތައަށް ބަދަލުކުރުމުގެ ޒިންމާ އުފުލާ ހޯރމޯން އެވެ. އެހެންގޮތަކަށް ބުނާނަމަ އެއީ ކާނާގައި ހިމެނޭ ހަކުރުގެ މާއްދާތައް ހަށިގަނޑަށް ބޭނުންކުރެވޭގޮތަށް ބަދަލުކޮށްދޭ މައިގަނޑު ހޯރމޯންއެވެ.ހަށިގަނޑަށް ފުދޭވަަރަށް އިންސުލިން އުފައްދައި ނުދޭ ހާލަތުގައި، ނުވަތަ ހަށިގަނޑުގައި އިންސުލިންގެ ބޭނުން އެކަށޭނަ ވަރަށް ނުހިފާހާލަތުގައި ލޭގައި ހުންނަ ގުލުކޯޒުގެ މިންވަރު މަތިވެގެންދެއެވެ. މިއަށް ކިޔާ އިލްމީ ނަމަކީ ހައިޕާގްލައިސީމިއާ((އިނގިރޭސި ބަހުން: Hyperglycemia)އެވެ.
މާބަނޑުވުމާއި ގުޅިގެން ކުރިމަތިވާ ހަކުރުބައްޔަށް ބަލިވެ އިންނަ ކޮންމެ އަންހެނަކުމެ ޓެސްޓްކުރުމަކީ ބޭނުންތެރި ކަމެކެވެ. އެެހެނީ ހަކުރުބަލީގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެނުމަކާއި ނުލައި، ނުވަތަ ހަކުރުބަލި މެދުވެރިވުމަށް މަގުފަހިކޮށްދޭ ކަމެއް ކުރިމަތި ނުވާ ހާލުގައިވެސް މާބަނޑުވުމުން ހަކުރުބަލީގެ މައްސަަަލަ ކުރިމަތިވެއެވެ. މާބަނޑުވުމާއި ގުޅިގެން ކުރިމަތިވާ ހަކުރު ބަލީގެ އުދަގޫ ވިހެއުމަށްފަހު ފިލައިދެއެވެ. މާބަނޑު ދުވަސްވަރު މިކަމުގެ އުދަގޫ ކުރިމަތިވާ ގިނައަންހެނުންނަށް އަހަރުތަކެއް ފަހުން ހަކުރު ބަލީގެ އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ކުރިން ބަލިވެއިދެ ހަކުރު ބަލީގެ އުދަގުލާއި ކުރިމަތިލާފައިވާނަމަ އެކަން ޑޮކްޓަރަށް ނުވަތަ ސިއްހީ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް ބަޔާންކޮށްދެން ވާނެއެވެ.
މާބަނޑު ދުވަސްވަރު ހަކުރުބަލީގެ އުދަގޫތައް މެދުވެރިވުމަށް މަގުފަހިކުރާ ކަންތައްތައް
[އުނިއިތުރު ގެންނަވާ]- ބަލިވެއިނުމުގެ ކުރިން މާބޮޑަށް ފަލަކޮށް ތިބޭމީހުން
- ކުޑަކަމުދާ ތަކެތީގައި ހަކުރުހުރުން
- ފެންދުލި ނުވަތަ ފެންކޮތަޅު ގައި ފެންގިނަވުން
- އާއިލާގައި ހަކުރުބަލީގެ މެންބަރުން ތިބުން
- ހަކުރު ބަލީގެ އުދަގޫ ކުރިން ބަލިވެއިން ފަހަރެއްގައި ތަހައްމަލުކުރަން ޖެހުން
- 4 ކިލޯ އަށްވުރެ ބަރުކުއްޖެއް ކުރިން ވިހައިފައިވުން
- އުފަންވިއިރު މަރުވެފައިވާ ކުއްޖެއް ކުރިން ވިހައިފައިވުން
- ލޭގައި ހަކުރުގެ މިންވަރު ބެލުމަށް ހަދާ ޓެސްޓްގައި ހަކުރުގެ މިންވަރު މަތިވެފައިވުން
- އެމެރިކާ އަދި ކަޅު ނަސްލުގެ މީހަކަށްވުން
ހަކުރުބަލި ހުރިތޯބެލުމަށް ޓެސްޓް ކުރާނީ ކިހިނެއް؟
[އުނިއިތުރު ގެންނަވާ]ހަކުރު ބަލި ހުރިތޯބެލުމަށް ކުރެވޭ ޓެސްޓަކީ ވަރަށް އާދައިގެ ރައްކާތެރި ޓެސްޓެކެވެ. ހަކުރު އެކުލެވޭ ދިޔާއެއްޗެއް ބުއިމަށްފަހު ލޭގެ ސާމްޕަލްއެއް ނަގައި ގުލުކޯޒު ހުރި މިންވަރު ޗެކްކުރެވެއެވެ. ލޭގައި ގުލުކޯޒުގެ މިންވަރު މަތިނަމަ އޭގެ މާނައަކީ ގުލުކޯޒުގެ މިންވަރު ކޮންޓްރޯލްކުރުމުގައި މައްސަލައެއް ހުރުމެވެ. ގުލުކޯޒުގެ މިންވަރު މަތިނަމަ ޑައިގްނޯސްޓިކް ޓެސްޓް(އިނގިރޭސި ބަހުން: Diagnostic test)އެއް ހަދަންޖެހެއެވެ. މިއީ ހަކުރުބަލި ހުރިތޯ ޔަގީންކުރުމަށް ހެދޭ ޓެސްޓެކެވެ.
ހަކުރުބަލި ހުރިމީހަކު ބަލިވެއިނުމުން ހަށިގަނޑަށް ކުރާ އަސަރު
[އުނިއިތުރު ގެންނަވާ]ހަކުރު ބަލި ކޮންޓްރޯލް ނުކުރެވޭނަމަ މާބަނޑު ދުވަސްވަރު އެކަމުގެ އުދަގޫތައް ކުރިމަތިވުމުގެ ފުރުސަތުބޮޑެވެ. މިފަދަ ބައެއް އުދަގޫތައް ނުވަތަ މައްސަލަތަކުގެ ސަބަބުން ސިޒޭރިއަން ހަދަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މާބަނޑު ދުވަސްވަރު ލޭގައި ހަކުރު އެކުލެވޭ ނިސްބަތް އެކަށޭނަގޮތެއްގައި ބެެހެއްޓުމަށް ސަމާލުކަން ދޭންޖެހެނީ މިބުނި ސަބަބާއިހުރެއެެވެ. ބަލިވެއިނުމުގެ ކުރިން ހަކުރުބަލި ކޮންޓްރޯލް ކުރެވިފައިވާނަމަ މިފަދަ މައްސަަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑައެވެ. މާބަނޑުވުމާއި ގުޅިގެން ހަކުރުބަލީގެ މައްސަލަ މެދުވެރިވެދާނެކަމަށް ލަފާކުރެވޭނަމަ ކުރިމަތިވެދާނެ މައްސަލަތަކެެއް ހުރެދާނެކަން ދަންނަށް ޖެހޭނެއެވެ. މިގޮތުން އަންނަނިވި ކަންތައްތަކުން ކުރެ ކަމެއް ކުރިމަތިވުމަކީ ވެދާނެކަމެކެވެ.
(ހ) އުފެދުމުގައި އައިބުހުރުން ނުވަތަ އުނިސިފަ ހުރުން(އިނގިރޭސި ބަހުން: Birth defects) ބަލިވެއިނުމުގެ ކުރިން ހަކުރުބައްޔަށް އެކަށޭނަފަރުވާ ލިިބިގެންފައި ނުވާނަމަ ހިތާއި،ގުރުދާއާއި، ސްޕައިނަލް ކޯޑްގައި އުނިސިފަ ނުވަތަ އައިބު ހުރުމަކީ ވެދާނެކަމެކެވެ.
(ށ) ކުޑަދަރިފުޅު އާދަޔާޚިލާފަށް ބޮޑުވުން(އިނގިރޭސި ބަހުން: Macrosmia)
މިކަން ކުރިމަތިވަނީ މައިމީހާގެ ލޭގައި ހަކުރުގެ މިންވަރު މަތިނަމައެވެ. މިއާއިގުޅިގެން ކުއްޖާގެ ހަށިގަނޑަށް ހަކުރު ވާސިލްވުން އިތުރުވެ، އާދަޔާޚިލާފަށް ކުއްޖާ ބޮޑުވެއެވެ. އާދަޔާޚިލާފަށް ކުއްޖާ ބޮޑުވުމަކީ ވިހަންއުދަގޫ ކަމެކެވެ.
(ނ) ބަލިވެ އިނުން ވިހަވުން(އިނގިރޭސި ބަހުން: Preeclampsia)
މީގެ މާނައަކީ ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުމެވެ. މިކަމުގެ ސަބަބުން އަވަހަށް ވިހަން ޖެހުން ފަދަކަމެއް ކުރިމަތިވުމަކީ ގާތްކަމެކެވެ. މިމައްސަލަ ކުރިމަތިވެއްޖެނަަމަ ހޮސްޕިޓަލުގައި ބާއްވައިގެން މައިމީހާއާއި ކުޑަދަރިފުޅުގެ ހާލަތު މޮނީޓަރ ކުރުމަކީ ބޭނުންތެރިކަމެކެވެ.
(ރ) ފެންކޮތަޅުގައި ފެން ގިނަވުން(އިނގިރޭސި ބަހުން: Hydramnios)
މިކަމުގެ ސަބަބުން ބައެއް އަންހެނުންނަށް އުދަގޫތަކާއި ކުރިމަތިވެއެވެ. ގިނަފަހަރު މިކަން ކުރިމަތިވަނީ 37ވަނަ ހަފްތާގެ ކުރިން ވިހާނަމައެވެ.
(ބ) ކުޑަކަމުދާ ނިޒާމްގެ އިންފެކްޝަން(Urinary tract infection)
އަލާމާތެއް ފެނުމަކާއި ނުލައި ކުޑަކަމުދާ ނިޒާމްގައި އިންފެކްޝަން އަށަގަތުމަކީ ވެދާނެކަމެކެވެ. ފަރުވާ ނުކުރެވިއްޖެ ނަމަ އިންފެކްޝަން މަސާނާއާއި، ގުރުދާއަށް ފެތުރި މައިމީހާއާއި، ކުޑަދަރިފުޅުގެ ހަށިގަނޑަށް ނުރައްކާވާ ހާލަތަކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
(ޅ) ރެސްޕައިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް(އިނގިރޭސި ބަހުން: Respiratory distress syndrome) މިކަމުގެ ސަބަބުން ކުއްޖާއަށް ނޭވާލުމަށް އުދަގޫވެއެވެ. ހަކުރު ބަލި ހުންނަ އަންހެނުންނަށް ލިބޭ ކުއްޖާއަށް ރެސްޕައިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
މާބަނޑު ދުވަސްވަރު ހަކުރު ހުރިނަމަ ސަމާލުކަންދޭންޖެހޭ ބައެއްކަންތައްތައް
[އުނިއިތުރު ގެންނަވާ]ހަމަހަމަ ކެއުމެއް އިޚްތިޔާރުކުރުން
[އުނިއިތުރު ގެންނަވާ]މާބަނޑު ދުވަސްވަރު ހަމަހަމަ ކެއުމެއް(Balanced diet) އިޚްތިޔާރުކުރުމަކީ މުހިއްމު ކަމެކެވެ. ކުޑަދަރިފުޅުގެ ބޮޑުވުން ބިނާވެފައި އޮންނަނީ މައިމީހާ ބޭނުންކުރާ ކާނާގެ މައްޗަށެވެ. ހަކުރު ބަލި ހުންނަނަމަ ކެއުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ބަރާބަރަށް ނުކެއުމަކީ ގުލުކޯޒުގެ މިންވަރަށް ބަދަލުގެނުވައިދޭ ކަމެކެވެ. ކާނާއިން ލިބިދޭ ހަކަތައިގެ މިންވަރު ބުރަވެފައި އޮންނަނީ މައިމީހާގެ ބަރުދަނާއި،އުމުރާއި، ހަރަކާތްތެރިވެ އުޅޭ މިންވަރާއި، ވިހެއުމުގެ މަރުހަލާއެއްގެ މައްޗަށެވެ. ގުލުކޯޒުގެ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި ކާނާ ބޭނުންކޮށް އުޅޭނެ ގޮތް ޑޮކްޓަރުން ބުނެދޭނެއެވެ. ކާނާބޭނުންކުރުމުގައި ރަގަޅި ކޮންމެ ދުވަހަކުވެސް ލުއިކޮށް ގިނަގިނައިން ކެއުމެވެ. ނިދުމުގެ ކުރިން ލުއިކެއުމެއް ބޭނުންކުރުމަކީ ނިދާފައި އޮންނަވަގުތުގައި ގުލުކޯޒުގެ މިންވަރު ސާބިތުކަންމަތީ ބެހެއްޓުމަށް މުހިއްމު ކަމެކެވެ.
ކަސްރަތުކުރުން
[އުނިއިތުރު ގެންނަވާ]އަބަދުވެސް މެދުމިންވަރަކަށް ކަސްރަތުކޮށް އުޅުމަކީ ރަގަޅުކަމެކެވެ. ޚާއްޞަކޮށް ހަކުރުބަލި ހުންނަ އަންހެނުންނަށް މިއީ ވަރަށް މުހިއްމުކަމެކެވެ. އާދައިގެ ވަރަކަށް ކަސްރަތުކޮށް އުޅުމަކީ ލޭގެ ގުލުކޯޒުގެ މިންވަރު އާދައިގެ ވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ އިންސުލިންގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. އެކި މީހުންނަށް ކަސްރަތު ކުރަންޖެހޭ މިންވަރު ތަފާތެެވެ. ޑޮަކްޓަރަކާއި މަޝްވަރާ ކުރުމުން ތިމާއާއި ގުޅޭ ކަސްރަތަކާއި، ކުރަންވީ މިންވަރު ބުނެދޭނެއެވެ.
ލޭގައި ހަކުރުހުރިވަރު ބެލުން
[އުނިއިތުރު ގެންނަވާ]ލޭގައި ހަކުރު ހުރި މިންވަރު ދުވާލަކު 4 ފަހަރު ބަލާށެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތި ޓެސްޓްކޮށް ހެދުމަކީ ބޭނުންތެރި ކަމެކެވެ. ހަމަމިހެން ހަށިގަނޑުގެ ބަރުދަން އިތުރުވަމުން އަންނަ މިންވަރު ބެލުމަކީ ވެސް ބޭނުންތެރި ކަމެކެވެ.
އިންސިޔުލިން ބޭނުންކުރުން
[އުނިއިތުރު ގެންނަވާ]ކޮންމެހެން ނަގަންޖެހިއްޖެނަމަ އިންސިޔުލިން ބޭނުންކުރުމަކީ ބޭނުންތެރި ކަމެކެވެ. މިހާރު މާބަނޑު ދުވަސްވަރު ހަކުރު ބަލި ހުރިނަމަ ދެވޭ ހަމައެކަނި ފަރުވާ އަކީ އިންސިޔުލިން އެވެ.