ބަދުރު ހަނގުރާމަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބަދުރު ހަނގުރާމަ ހިނގީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުގައެވެ. މިހަނގުރާމަ ކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ ކުރީ ފަހަރެއްގައި މުސްލިމުން ދިމާކުރި ޝާމަށް ދިޔަ ގުރަޝީ ގާފިލާއެއް، މުސްލިމުން އަތުނުޖެހި ފިލައިގެންދިއުމެވެ. ދެން އެނބުރި އަންނަ ވަގުތަކަށް ބަލަބަލާ ތިބުމަށް ކީރިތި ރަސޫލާ ޠަލްޙާ ބިން ޢުބައިދުﷲ އާއި، ސަޢީދު ބިން ޒައިދު ފޮނުއްވެވި އެވެ. މިދެބޭފުޅުން އަލްޙައުރާ ކިޔުނު ހިސާބުގައި ޚަބަރު ބައްލަވަން ތިއްބަވަނިކޮށް މިހިސާބުން އަބޫ ސުފްޔާން ގެ ވެރިކަމުގެ ދަށުގައި ދަތުރުކުރަމުންދާ ގާފިލާއެއް އަންނަކަން އެނގިއްޖެ އެވެ.

މިގާފިލާގައި މުސްލިމުން ރަށުން ބޭރުކޮށް، މުދާކޮޅު ނިގުޅައިގަތް މައްކާގެ ގިނަ އަދަދެއްގެ ބޮޑުންގެ މުދަލާއި ސާމާނު ހުއްޓެވެ. 50 ހާސް ދީނާރަށްވުރެ އަގުހުރި 1000 ޖަމަލުގެ މުދާ މިގާފިލާގައި ހުރިއެވެ. އަދި ގާފިލާގެ ފާރަވެރިންގެ ގޮތުގައި ތިބީ އެންމެ 40 ހަކަށް މީހުންނެވެ.