ބަހުގެ އަސްލު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބަހުގެ އަސްލު

އިންސާނުން ބޭނުންކުރަމުން މިދާބަހަކީ ކޮންތާކުން ކިހިނެއް އައިއެއްޗެއްބާވައެވެ؟ ކޮންގަތަކުން ވާރުތަވެ ކިހިނެއްދަސްވި އެއްޗެއްބާވައެވެ؟ މީގެ އެތައްހާސް އަހަރެއް ކުރިންވެސް ބަހުގެ އަސްލަކީ ކޮބައިތޯ ހޯދަން ކުރެވުނު މަސައްކަތްތަކުން، މިއަދާ ހަމަޔަށްވެސް ބަސްއުފެދުނީ މިވެނިގޮތަކަށޭ، ބަހުގެ އަސްލަކީ ކަނޑައަޅާ ވަކިމިވެނި ބަހެކޭ ބުނެވޭވަރުގެ ހެކިތަކެއްވަނީ ނުހޯދިފައެވެ. ނަތީޖާއެއްގެ ގޮތުން އެކިއެކި ލިންގްއިސްޓުން (ބަހަވީ އެދުރުން) ބަސްއުފެދުނު ގޮތާއިމެދު ވިދާޅުވާ ވިދާޅުވުން ތަފާތެވެ. އެގޮތުން ބަހަވީ އެދުރެއް ކަމުގައިވާ ޖޯޖް ޔޫލޭއާއި (1996) މުޙައްމަދު ވަޙީދު ނަދުވީއަށް (2001) ޙަވާލާދެއްވާ ޢަޒީޒާ ޢަފީފު (2008 ވިދާޅުވެފައިވާ ހަތަރު ނަޒަރިއްޔާތިރީގައި މިވަނީއެވެ.

ތާވަލު: 1 ޖޯޖް ޔޫލޭ (1996) މުޙައްމަދު ވަޙީދު ނަދުވީ (2001) 1. ބަހަކީ އިލާހީއެއްޗެކެވެ. 2. ބަހަކީ ޤުދުރަތީ އަޑުތަކަކުން އުފެދުނު އެއްޗެކެވެ. 3. ބަހަކީ ކުރެވޭ ހަރަކާތުގެ ސަބަބުން ނެރެވޭ އަޑުތަކެކެވެ. 4. ބަހަކީ ޤުދުރަތީ ގޮތުން އިންސާނާއަށް ޚާއްޞަކުރެވިފައިވާ ވާހަކަދެއްކުމުގެ ޤާބިލްކަމެވެ. 1. ބަހަކީ އިލާހީއެއްޗެކެވެ. 2. ބަސްއުފެދުނީ ވަކިސަބަބު ތަކަކާ ލައިގެނެއްނޫނެވެ. 3. ބަސްއުފެދުނީ އިންސާނާގެ އެތެރެގައިވާ ޚާއްޞަޣަރީޒާ (instinct) ގެސަބަބުންނެވެ. 4. ބަސްއުފެދުނީ އަޑުތަކަކުންނެވެ.


ބަހަވީއެދުރުން ޤަބޫލުކުރައްވާކަމަށް މިދެބޭފުން ވިދާޅުވަނީ ގާތްގަނޑަކަށް ހަމަ ދާދި އެއްގޮތް ނަޒަރިއްޔާތަކެކެވެ. ތަފާތުވެފައިވަނީ ހަމައެކަނި ދެވަނަ ނަޒަރިއްޔާއެވެ. އެހެނަސް ޖުމްލަގޮތެއްގައި ވިދާޅުވަނީ އެކައްޗެކެވެ. ނަދުވީގެ ދެވަނަ ނަޒަރިއްޔާ ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ދަލީލެއް ލިބިފައެއްނެތެވެ. ޖޯޖު ޔޫލޭގެ ތިންވަނަ ނަޒަރިއްޔާއާއި، ނަދުވީގެ ހަތަރުވަނަ ނަޒަރިއްޔާއަށް ބަލާއިރު މިއީވެސް ގަބޫލުކުރެވޭ ނަޒަރިއްޔާތަކެއްނޫނެވެ. ސަބަބަކީ ބަހަކީ އިންސާނާގެ ބޭނުންތަކަށްވުރެ ދޮށީއެއްޗަކަށްވާކަމެވެ. ދެން ޖޯޖު ޔޫލޭގެ ދެވަނަ ނަޒަރިއްޔާއަށް ބަލާއިރު އެއީވެސް ޤަބޫލުކުރެވޭ ވާހަކައެއްނޫނެވެ. ސަބަބަކީ އިންސާނާ މަޢުނަވީ ކަންތައްތަކަށް ބޭނުންވުމުގެކުރިން އޭނާ (އިންސާނާ) މުވާޞަލާތުކުރިކަން ކީރިތި ޤުރުއާނުގެ ބަޤަރާސޫރަތުގެ ބައްތިރީސްވަނަ އާޔަތުން ސާބިތުވާތީއެވެ. ޤުރުއާނުގެ ބަޤަރާސޫރަތުގެ ބައްތިރީސްވަނަ އާޔަތުގެ ތަރުޖަމާކަމުގައި މުޙައްމަދު ޖަމީލް (1977) ވިދާޅުވަނީ "ދެން އާދަމްގެފާނު މަލާއިކަތުންނަށް އެތަކެތީގެ ނަންތައް ދަސްކޮށްދެއްވިއެވެ". ވީމާ އިންސާނީ ބޭނުންތަކާއި ޝުއޫރު ފާޅުކުރުމުގެ ކުރިންވެސް ބަސް ބޭނުންކުރެވިފައިވާކަން މިއާޔަތުން ސާބިތުވެއެވެ.

ހަމައެއާއިއެކު މިދެބޭފުޅުން ވިދާޅުވާ ބަހަކީ ޤުދުރަތީ ގޮތުން އިންސާނާއަށް ޚާއްޞަކުރެވިފައިވާ ވާހަކަދެއްކުމުގެ ޤާބިލްކަމެކެވެ. މިނަޒަރިއްޔާއަށް ތާއީދު ކުރެވެއެވެ. ސަބަބަކީ ކީރިތި ޤުރުއާނުގެ މިދަލީލުތަކުގެ އަލީގައި ﷲތަޢާލާ އާދަމްގެ ފާނަށް ބަހުގެ ޤާބިލުކަން ދެއްވުމަށްފަހު އެކަލޭގެފާނަށް ބަސް އުނގަންނައި ދެއްވިކަމަށް ޤަބޫލުކުރެވޭތީ، ބަހަކީ އިލާހީ އެއްޗެކޭ ބުނާ ތިޔަރީއާއި، ބަހަކީ ޤުދުރަތީގޮތުން އިންސާނާއަށް ޚާއްޞަކުރެވިފައިވާ ޣަރީޒާއެކޭ ބުނާ ނަޒަރިއްޔާއަށް ތާއީދުކުރެވެނީއެވެ. އަދި މިއީ އެންމެސާބިތު ކަންބޮޑު އެންމެ ވަރުގަދަ ހެކިތައް ލިބެންއޮތް ނަޒަރިއްޔާވެސް މެއެވެ. ބަހަކީ އިލާހީއެއްޗެކޭ ބުނާނަޒަރިއްޔާއަށް ދީނީ ގޮތުންލިބެންއޮތް އެންމެ ބާރުގަދަހެއްކަކީ ކީރިތިޤުރުއާނުގެ ބަގަރާސޫރަތުގެ 31 ވަނައާޔަތެވެ. އެގޮތުން ޤުރުއާނުގެ ބަޤަރާސޫރަތުގެ އެއްތިރީސްވަނަ އާޔަތުގެ ތަރުޖަމާކަމުގައި މުޙައްމަދު ޖަމީލް (1977) ހާމަކުރައްވާގޮތުގައި "އާދަމްގެ ފާނު އުފައްދަވާ އެކަލޭގެފާނަށް ހުރިހާ ނަންތަކެއް ދަސްކޮށްދެއްވީމެވެ"(ޞ. 7). އިންސާނާ އުފެއްދެވުމާއިއެކު އެކަލާގެ އެއިންސާނާއަށް މިވަނީ ބަހެއްގެ ޒަރީއާއިން އުނގަންނަވައި ދެއްވާފައެވެ. ވީމާ މިހާހިސާބުން އިތުރުޝައްކަކާއިނުލައި ބަހަކީ އިލާހީ އެއްޗެއްކަން ކޮންމެ މުސްލިމަކަށްވެސް ސާބިތުކުރެވޭނެއެވެ. ހަމައެއާއިއެކު މިނަޒަރިއްޔާއިތުރަށް ވަރުގަދަވަނީ ﷲތަޢާލާ އާދަމްގެފާނު އުފެއްދެވުމަށްފަހު އެކަލާންގެ އިންސާނާއަށް (އާދަމްގެފާނަށް) ބަސްމޮށުންތެރިކަން އުނގަންނަވައިދެއްވިކަން ކީރިތި ޤުރުއާނުން ސާބިތުވާތީއެވެ. ޤުރުއާނުގެ ރަޙުމާނު ސޫރަތުގެ ހަތަރުވަނަ އާޔަތުގެ ތަރުޖަމާކަމުގައި މުޙައްމަދު ޖަމީލު (1977) ވިދާލުވަނީ "އެކަލާނގެ އިންސާނާ އުފައްދަވާ އެއިންސާނާއަށް ބަސްމޮށުންތެރިކަން އުގަންނައިދެއްވިއެވެ" (ޞ. 926). ވީމާ މިހާހިސާބުން ބަހަކީ އިލާހީ އެއްޗެއްކަމާއި ބަސްމޮށުންތެރިކަން އުނގަންނަވައި ދެއްވީ ﷲ ތަޢާލާކަން އެއްވެސް ޝައްކަކާ ނުލައިސާބިތުވެއެވެ.