ރޮނގު ތެޔޮމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރޮނގު ތެޔޮމަސް

ރޮނގު ތެޔޮމަސް(އިނގިރޭސި ބަހުން: Lepidocybium flavobrunneum)ނުވަތަ (އިނގިރޭސި ބަހުން: escolar) އަކީ އަތޮޅުން ބޭރު މާކަނޑުތަކުގައި ގާތްގަނޑަކަށް 200 މީޓަރު ފުންމިނުގެ އަޑީގައި އުޅޭ މަހެކެވެ. ވީމާ ދިވެހި މަސްވެރިންނަށް ވަރަށް މަދުން ނޫނީ މިމަސް ފެނިފައެއް ނުހުރެއެވެ. މިއީ އިސްކޮޅުން ބިޔަ މަހެކެވެ. މަހުގެ އަނގައިގައި އެއް ބަރިޔަށް ހުންނަ ދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށި މަތީގެ ފުރަތަމަ ކޮތަރިބައި ހުންނަނީ ވަރަށް ތިރިކޮށެވެ. އަދި މިކޮތަރި ބައިގައި 8 ނުވަތަ 9 ހަރުކަށި ހުރެއެވެ. ބުރަކަށި މަތީގެ ދެވަނަ ކޮތަރިބައިގައި 16 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތް ކުޑައެވެ. މަހުގެ ނިގޫފަތުގެ ދެފަރާތުގައި ދެކުޑަ ކުރަގަނޑާއި، އެއް ބޮޑު ކުރަގަނޑު ހުރެއެވެ. މަހުގައި ހުންނަނީ އެއް ހުޅުނބު ރޮނގެވެ. މިހުޅުނބު ރޮނގު ހުންނަނީ އެހެނިހެން މަސްމަހާ ޚިލާފަށް ގުދުގުދު ލާފައެވެ.

ދިވެހިންގެ ތެރޭގައި މިމަހަށް ވަކި ޚާއްޞަ ނަމެއް ކިޔައިނޫޅޭތީ، ތެޔޮ މަސް އާއި މަހުގެ ސިފަގަނޑު ވައްތަރު ވުމާއެކު، މަހުގައިވާ ޚާއްޞަ ސިފައެއް ކަމުގައިވާ ހުޅުނބު ރޮނގަށް ނިސްބަތްކޮށް މިމަހަށް ރޮނގު ތެޔޮމަސް ކިޔާފައި ވަނީ އެވެ. މިއީ 2 މީޓަރަށް ބޮޑުވާ މަހެކެވެ. މަހުގެ ކާނާއަކީ ތަފާތު ބާވަތްތަކުގެ މަހާ، ބޯވަދިލަމަހާ، ކަކުނި ފާނޑުގެ ސޫތްޕެވެ. މިއީ ކަނޑުމަހުގެ ބާވަތްތަކަށް ލޭނުއަޅާއިރު ބައެއް ފަހަރު ލޭނުގައި ބޭނޭ މަހެކެވެ. މަހުގެ މަސްގަނޑު ވަރަށް ތެޔޮވާނެއެވެ. މަހުގެ ކުލައަކީ ގަދަ މުށި ކުލައެވެ. މަހުގެ އުމުރުން ގިނަ ދުވަސްވީ ވަރަކަށް މިކުލަ ގަދަވަމުން ގޮސް ކަޅު ކުލައަކަށް ވެސް ބަދަލު ވެދެއެވެ.