ރޮނގުދެމި ވެންފުންނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރޮނގުދެމި ވެންފުންނަ (ސައިންޓިފިކް ނަން: Istiblennius lineatus)ނުވަތަ (އިނގިރޭސި ބަހުން: Lined rockskipper)އަކީ ރާއްޖޭގެ ތިލަ ފަޅުތަކާއި ފަރުމަތީގައި އުޅޭ ވެންފުންނައެކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ފަރުމައްޗަށްއެރި ކުދިމަސް ހިފަންއުޅޭ ކުދިން މަޖަލަކަށްވެގެން މިބާވަތުގެ ވެންފުންނަ ހިފާއުޅެއެވެ. މިއީ ހިފަން އުދަގޫ މަހެކެވެ. މިބާވަތުގެ ވެންފުންނަ އެންމެ ބޮޑުވަނީ 14 ސެންޓި މީޓަރަށެވެ. މަހުގެ ކުލައަކީ ފަނޑު އަލިކުލައެކެވެ. މަހުގެ ހުރަހަށް ގަދަ މުށިކުލައިގެ ރޮނގުތަކެއް ހުރެއެވެ. ނިގޫފަތާއި ދިމާގައި ހުންނަނީ ގަދަ މުށިކުލައިގެ ތިކިތަކެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކައްޓާއެކު 21 އާއި 25 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 22 އާއި 24 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތްގަނޑުގައި 14 މަޑުކަށި ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު،މަހުގެ ސިފަޔަށް ވިސްނާ، މިމަހަށް ކިޔާ ޢިލްމީ އަދި އިގިރޭސިނަމާ ގުޅުވައިގެން މިމަހަށް ރޮނގުދެމި ވެންފުންނަ ކިޔާފައި ވަނީ އެވެ. .............