ރާއްޖެ ބަލި
ރާއްޖެ ބަލި އަކީ ގައިގާރިހި ގޮށްލައި ހުޅުހުޅު ދުޅަވެ ހިކޭ ބައްޔެކެވެ. މިބަލީގައި ގުދުވެސް ނިކުމެދެއެވެ. ރާއްޖެ ބަލި ޖެހިގެން ނާރުތައް ކުރުގެޅުމަށް ކިޔަނީ ނާރުގޮށްޖެހުން މިހެންނެވެ. ރާއްޖެ ބަލި ނުވަތަ ރޫމަޓޮއިޑް އާތުރައިޓިސް (Rheumatoid Arthritis) އަކީ އެއްހުޅަށްވުރެ ގިނަ ހުޅަށް އެއްފަހަރާ ދާއިމީ ސިފައެއްގައި ދުޅަވުން ކުރިމަތިކުރުވާ ބައްޔެކެވެ. ބައެއް މީހުންނަށް ރާއްޖެ ބައްޔާއެކު ފުއްޕާމޭ، ހަން، ހިތް، ލޯ، ލޭހޮޅިތައް ފަދަ ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖެ ބައްޔަކީ އާންމު ގޮތެއްގައި "އޮޓޯއިމިޔޫން ޑިސްއޯޑަރ " ނުވަތަ "އޮޓޯ އިމިޔޫން ޑިޒީޒް"(Autoimmune disease) އެކެވެ. އޮޓޯ އިމިޔޫން ޑިޒީޒް އަކީ އެމީހެއްގެ އަމިއްލަ ދިފާޢީ ނިޒާމުން އެމީހެއްގެ ހަށިގަނޑުގައިވާ ގުނަވަންތަކާ ސިލޯށި (Tissue) ތަކަށް ހަމަލާ ދިނުމުން ކުރިމަތިވާ މައްސަލަ އެކެވެ. އޮސްޓިއޯއާތުރައިޓިސް އާއި ޚިލާފަށް ރާއްޖެ ބަލީގައި އަސަރުކުރަނީ ހުޅުގެ ބަތާނަފަށު ގެ ބައިތަކަށެވެ. އެކަމުގެ ސަބަބުން ހުޅު ދުޅަވެ، ހުޅުގައި ރިއްސައި، އާޚިރު ނަތީޖާއެއްގެ ގޮތުން ހުޅުގެ ކަށިތައް ގިރި، ހުޅުގައި އައިބު އުފެދެނީ އެވެ.
ސަބަބު
[އުނިއިތުރު ގެންނަވާ]ރާއްޖެ ބައްޔަކީ ކުރިން ވެސް ބުނެވިދިޔަ ފަދައިން އޮޓޯއިމިޔޫން ޑިޒީޒް އެކެވެ. އެހެންކަމުން ރާއްޖެ ބަލި ކުރިމަތިވަނީ ދިފާޢީ ނިޒާމުން ހުޅުގެ ވަށައިގެންވާ ތުނި ދުލިފަށަލަ(Synovium) އަށް ހަމަލާ ދިނުމުންނެވެ. މިގޮތަށް ދިފާޢީ ނިޒާމުން ހުޅުގެ ތުނި ދުލިފަށަލައަށް ހަމަލާ ދިނުމުން އުފެދޭ ދުޅައިގެ ސަބަބުން، ތުނި ދުލިފަށަލަ ބޯވެ، އޭގެ ނަތީޖާއެއްގެ ގޮތުން ހުޅުގައިވާ މަޑުކަށި(Cartilage)، އަދި ހުޅުގައި ހިމެނޭ ކަށިތަކަށް ގެއްލުންދީ ހަލާކުކޮށްލައެވެ. ހުޅު އޭގެ މަގާމުގައި ހިފަހައްޓައިދޭ އެއްސުންތައް(ligaments)، އަދި ޓެންޑަންތައް(tendons)ދެރަވެ، ދޫވެ، ދެމެންޖެހޭ މިންވަރަށްވުރެ ބޮޑަށް ދެމިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ހުޅަށް ލިބިފައިވާ ބައްޓަން މަޑުމަޑުން ގޮސް ގެއްލިގެން ދެއެވެ.
މަގުފަހިކުރާ ކަންތައްތައް
[އުނިއިތުރު ގެންނަވާ]ރާއްޖެ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަންތައްތައް ހުރެއެވެ. އެގޮތުން ރާއްޖެ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކޮށްފާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. (ހ) ޖިންސް : ދެޖިންސުގެ މީހުންގެ ތެރެއިން އަންހެނުންނަށް ރާއްޖެ ބަލި ކުރިމަތިވުމުގެ ހިރާސް ފިރިހެނުންނަށްވުރެ 3-2 ގުނަ އިތުރުކަން ފާހަގަ ކުރެވެއެވެ. (ށ) އުމުރު : ކޮންމެ އުމުރެއްގައި ވެސް ރާއްޖެ ބަލި ކުރިމަތިވެދާނެ އެވެ. ނަމަވެސް އެންމެ އާންމު ގޮތެއްގައި ބަލި ފެށިގެން އަންނަނީ މެދު އުމުރުގައެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށް ރާއްޖެ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. ބަލިކުރިމަތިވެފައި ހުރިކަން އެންމެ ބޮޑަށް ފާހަގަވަނީ އުމުރުން 60 ގެ އަހަރުތަކުގެ ތެރޭގައެވެ. (ނ) އާއިލާގެ ތެރޭގައި ދައުރުވުން : އާއިލާގެ މެންބަރަކަށް ކުރިން ރާއްޖެ ބަލި ކުރިމަތިވެފައިވާ ނަމަ އެމީހަކަށް ރާއްޖެ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ. (ރ) ވާރުތަވުން : ވަކި ކަހަލަ ވިރާސީ ބަހާއެއް އުފެދުމުގައި އެމީހެއްގެ ހަށިގަނޑުގައި ހުރުމަކީ ރާއްޖެ ބަލި ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. އެގޮތުން އުފެދުމުގައި ވިރާސީ ބަހާއެއް ކަމުގައިވާ "ހިޔުމަން ލިއުކޮސައިޓިކް އެންޓިޖަން ކްލާސް 2 ޖީނަޓައިޕް"(Human Leucocytic Antigens, class 2 genotype / HLA) ހުންނަ މީހުންނަށް ރާއްޖެ ބަލި ޖެހުމުގެ ހިރާސް އިތުރުވެ. އަދި މިވިރާސީ ބަހާގެ ސަބަބުން ރާއްޖެ ބަލީގެ އުދަނގޫތައް އިތުރަށް ގޯސްވެގެން ވެސް ދެއެވެ. މިފަދަ ވިރާސީ ބަހާއެއް ހުންނަ މީހަކު ކުރާކަމަކުން ނޫނީ ދިރިއުޅޭ މާހައުލުން ހުށަހެޅޭ ކަމަކުން މިސާލަކަށް މާބޮޑަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުވެގެން ދެއެވެ. (ބ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖެ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. ޚާއްޞަ ގޮތެއްގައި ވިރާސީ ގޮތުން ބަލިކުރިމަތިވުމުގެ ހިރާސް އޮވެފައި، ދުންފަތުގެ އިސްތިއުމާލުކުރާނަމަ މިފުރުޞަތު އިތުރަށް ބޮޑުވެގެން ދެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖެ ބަލި ކުރިމަތިވުމަށްފަހު އެބަލީގެ އުނދަގޫތައް އިތުރަށް ގޯސްކުރާ ކަމެކެވެ. (ޅ) ދިރިއުޅޭ މާހައުލުން ހުށަހެޅޭ ކަންތައްތައް : މުޅިން ޔަގީން ކުރެވިފައި ނުވި ނަމަވެސް ދިރިއުޅޭ މާހައުލުގެ ތެރެއިން އެސްބެސްޓޯސް، ސިލިކާ ފަދަ މާއްދާތަކަށް ހުށަހެޅުމަކީ ރާއްޖެ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކޮށްފާނެ ކަމެއްކަމަށް ބެލެވިފައި ވެއެވެ. (ކ) އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން : އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ، ފަލަވުމަކީ ރާއްޖެ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. (އ) އެއްވެސް ވަރަކަށް ވިހާފައިނުވުން : އެއްވެސް ވަރަކަށް ދަރިމައިވެ، ވިހާފައިނުވުމަކީ ފަހަރުގައި ރާއްޖެ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކޮށްފާނެ ކަމެކެވެ.
އަލާމާތްތައް
[އުނިއިތުރު ގެންނަވާ]ރާއްޖެ ބަލީގެ އަލާމާތްތަކާ މެދު ވިސްނާއިރު ހަދާނުގައި ބަހައްޓަންޖެހޭ އެއްކަމަކީ ބައެއް ދުވަސްވަރު އަލާމާތްތައް އިތުރުވެ، ގޯސްވެފައި(flares)، އަނެއްބައި ދުވަސްވަރު އަލާމާތްތައް ކުޑަވެ، ލުއި(remissions)ވެދާނެ ކަމެވެ. ރާއްޖެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. • އެއްހުޅަށްވުރެ ގިނަ ހުޅުގައި ރިއްސުން • އެއްހުޅަށްވުރެ ގިނަ ހުޅުގައި ބީހިލުމުން ރިހުން ހުރުމާއެކު، ހޫނުކަމަކާ ދުޅައެއް ހުރުން • އެއްހުޅަށްވުރެ ގިނަ ހުޅު ހަރުއެރުން : އާންމު ގޮތެއްގައި މިކަން ބޮޑަށް ފާހަގަވާނީ ހެދުނުގެ ވަގުތާއި،ހަރަކާތެއްނުކޮށް ގިނައިރު ވުމުންނެވެ. • މަތީގައި ބަޔާންކުރެވުނު އަލާމާތްތައް ހަށިގަނޑުގެ ދެފަރާތުގެ ހުޅުތަކުގައި ވެސް ހުރުން : މިސާލަކަށް ދެއަތްތިލައިގެ ހުޅުތަކުގައި ނޫނީ ދެކަކުލުހުޅަށް މަތީގައި ބަޔާންކުރެވުނު އުދަނގޫތައް ކުރިމަތިވުން • ވާޅުވުން / ވަރުބަލިވުން • ބަރުދަން ލުއިވުން • ހުންއައުން • ކާހިތްނުވުން • ވަރުދެރަވުން ރާއްޖެ ބަލީގެ ކުރީކޮޅުގައި ނޫނީ ފެށިގެން އަންނައިރު ބަލީގެ އަސަރު ފުރަތަމަ ފެންނަނީ ހަށިގަނޑުގައިވާ ކުދި ހުޅުތަކުންނެވެ. މިސާލަކަށް އަތްތިލައާއި، ފައިތިލައިގެ ހުޅުތަކުގެ ތެރެއިން އިގިލިތަކާ، އަތްތިލަ، އަދި އިގިލިތަކާ ފައިތިލަ ގުޅުވާދޭ ހުޅުތަކުންނެވެ. ނަމަވެސް ބަލީގައި ގިނަ ދުވަސްވާވަރަކަށް ބަލީގެ އަސަރު ކަކުލުހުޅު، އަތުގެ ކުޑަހުޅު(އަތުކުރި)، ފައިގެ ކުޑަހުޅު (ތަބިކަށި)، އުޅަބޮށި، ކޮނޑުހުޅު، އަދި ޅިނދުހުޅުން ފެންނަށް ފަށައެވެ. ގިނަ ފަހަރު ބަލީގެ އަސަރު ފެންނަނީ ހަށިގަނޑުގެ ދެފަރާތުން އެއް ހުޅަކުންނެވެ. މިސާލަކަށް ކަކުލު ހުޅުންނަމަ، ދެފަރާތުގެ ކަކުލު ހުޅުން ވެސް ބަލީގެ އަސަރު ފެންނަށް ފަށައެވެ. ރާއްޖެ ބަލި ކުރިމަތިވާ މީހުންގެ ތެރެއިން %40 މީހުންނަށް ހުޅުތަކާ ގުޅުމެއް ނެތް އަލާމާތްތައް ކުރިމަތިވެ، އެމީހުންގެ ފުށުން ބަލީގެ ނިޝާންތައް ފާހަގަވާކަން ފާހަގަ ކުރެވެއެވެ. ރާއްޖެ ބަލީގެ އަސަރު ފެނިދާނެ ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކާ ސިލޯށިތަކުގެ ތެރޭގައި • ހަން • ލޯ • ފުއްޕާމޭ • ހިތް • ގުރުދާ • ފަތިނާރު ސެލޯށިތައް (ނާރވް ޓިޝޫތައް) • ކުޅުއުފައްދާ ގޮށްތައް • ކަށީގެ މަދު • ލޭހޮޅިތައް ރާއްޖެ ބަލީގެ އަލާމާތްތަކާ ނިޝާންތައް ކުރިމަތިވާ މިންވަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައެއް ފަހަރު އަލާމާތްތަކާ ނިޝާންތައް ފެނިފައި، އޭގެ ޒާތުގައި ރަނގަޅުވެ، ނޫނީ ލުއިވެ ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ދިގުލައިދިއުމުން ދިމާވެދާނެ އިތުރު މައްސަލަތައް (ނުރައްކާތައް)
[އުނިއިތުރު ގެންނަވާ]ރާއްޖެ ބަލި ހުރުމަކީ އެކަމުގެ ސަބަބުން އަންނަނިވި ކަންތައްތައް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. (ހ) ކަށިފީވުން (osteoporosis): ރާއްޖެ ބައްޔާއި، އަދި އެބަލީގެ ފަރުވާގައި ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ކަށިފީވުން ކުރިމަތިވުމުގެ ހިރާސް އިތުރުކުރެއެވެ. ކަށިފީވުމަކީ ކަށިތައް ދެރަވެ، ބަލިކަށިވެ، ރެދުލައި، ބިދުމުގެ ފުރުޞަތު އިތުރުކުރާ ބައްޔެކެވެ. (ށ) ރޫމަޓޮއިޑް ނޮޑިޔޫލް (Rheumatoid nodule): މިއީ ރާއްޖެ ބައްޔާއި ގުޅިގެން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ޚާއްޞަކޮށް ހަށިގަނޑުގައި ހުންނަ ޕްރެޝަރ ޕޮއިންޓް ތަކުގައި (މިސާލަކަށް އުޅަބޮށި ފަދަ ތަންތަން) އުފެދޭ ގޮށްގަނޑެއް ކަހަލަ އުފުލުމެއް ނޫނީ ފުއްޕުމެކެވެ. (ނ) އަނގަޔާއި، ލޯ ހިކުން : ރާއްޖެ ބަލީގެ ސަބަބުން އަނގަތެރެ އާއި، ލޮލުތެރޭގެ ތެތްކަން ދަށްވެ، އަނގަޔާއި ލޯ ހިކޭގޮތް ވެއެވެ. މިހާލަތަށް ކިޔަނީ "ޝޯގްރެން ސިންޑްރޯމް"(Sjogren’s syndrome) އެވެ. (ރ) އިންފެކްޝަން އުފެދުން (infections): ރާއްޖެ ބައްޔާއި، އެބަލީގައި ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ބަލި މީހާގެ ދިފާޢީ ބާރު ދަށްވެ، ތަފާތު އިންފެކްޝަންތަކަށް ހުށަހެޅުމުގެ ފުރުޞަތު އިތުރުވެގެންދެއެވެ. (ބ) ކާޕަލް ޓަނެލް ސިންޑްރޯމް (Carpal tunnel syndrome): ރާއްޖެ ބަލީގެ އަސަރު އަތުގެ ކުޑަހުޅަށް ކޮށްފިނަމަ، އެކަމުގެ ސަބަބުން އަތްތިލައާއި، އިގިލިތަކަށް އިހުސާސްތައް ގެންގޮސްދޭ ފަތިނާރަށް ނޫނީ ފަތިނާރު ތަކަށް ފިތޭގޮތް ވެއެވެ. މިގޮތަށް ފަތިނާރު ފިތިއްޖެނަމަ، އަތްތިލައާއި އިގިލިތަކަށް ތަދުވެ، އައްސިވާގޮތް ވާނެއެވެ. (ޅ) ހިތުގެ މައްސަލަތައް (heart problems): ރާއްޖެ ބަލީގެ ސަބަބުން ލޭހޮޅިތައް ހަރުވެ، ލޭހޮޅިތައް ބެދޭގޮތް ވެއެވެ. މިއީ ހިތުގެ މައްސަލަތަކަށް މަގުފަހިކުރާނެ ކަމެކެވެ. މީގެ އިތުރުން ހިތުގެ ވަށައިގެންވާ ތުނި ދުލިފަށަލަ(pericardium) ދުޅަވާގޮތް ވެއެވެ. (ކ) ފުއްޕާމޭގެ ބަލިތައް (Lung disease): ރާއްޖެ ބަލި ހުންނަ މީހުންނަށް ފުއްޕާމޭ ދުޅަވެ، ފުއްޕާމޭގައި ލަކުނު ހެދުމުގެ ފުރުޞަތު ބޮޑެވެ. މިގޮތަށް ދިމާވެއްޖެނަމަ، ނޭވާކުރުވެ، ނޭވާލާން އުދަނގޫވާގޮތް ވެއެވެ. (އ) ލިމްފޯމާ ޖެހުމުގެ ފުރުޞަތު ބޮޑުވުން : ރާއްޖެ ބަލި ހުންނަ މީހުންނަށް ލިމްފެޓިމް ޓިޝޫތަކަށް ޖެހޭ ކެންސަރުގެ ވައްތަރެއް ކަމުގައިވާ "ލިމްފޯމާ"(Lymphoma) ޖެހުމުގެ ފުރުޞަތު ބޮޑެވެ.
ދެނެގަތުން
[އުނިއިތުރު ގެންނަވާ]ރާއްޖެ ބަލީގެ ކުރީކޮޅު ދެނެގަތުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ ބަލީގެ ކުރީކޮޅުގައި ކުރިމަތިވާ އަލާމާތްތަކާ ނިޝާންތައް އެހެން ބަލިތަކާ ގުޅިގެން ކުރިމަތިވާ އަލާމާތްތަކާ ނިޝާންތަކާ އެއްގޮތްކަމެއް ހުންނާތީ އެވެ. ރާއްޖެ ބަލި ހުރިކަން ޔަގީންކަމާއެކު ދެނެގަނެވޭނެ، ފިޒިކަލް ޓެސްޓެއް ނުވަތަ ލޭގެ ޓެސްޓެއް އަދި ހޯދިފައެއް ނުވެއެވެ. ރާއްޖެ ބަލި ހުރިކަން ދެނެގަންނަނީ ހަށިގަނޑު ބަލާބެލުމުން ފާހަގަވާ ކަންކަމާއި، ލޭގެ ޓެސްޓުތަކާ، އެކްސްރޭ ފަދަ އިމޭޖިންގ ޓެސްޓުތަކުގެ އެހީގައެވެ. ޑޮކްޓަރުން ބަލިމީހުން ބަލާ ބެލުމުގެ ތެރޭގައި ހުޅުތަކުގައި ދުޅައެއް، ރަތްކަމެއް ، ނޫނީ ހޫނުކަމެއް ހުރިތޯ ނުވަތަ ނެތްތޯ ބަލާނެއެވެ. މަސްތަކުގެ ބާރާއި، މަސްތަކުގައި ހުންނަންޖެހޭ ރިފްލެކްސް ތައް ހުރިތޯ ބަލައި ޗެކުކުރާނެ އެވެ.
ލޭގެ ޓެސްޓުތައް
[އުނިއިތުރު ގެންނަވާ]އާންމު ގޮތެއްގައި ރާއްޖެ ބަލި ހުންނަ މީހުންގެ ލޭގެ ޓެސްޓު ހަދާއިރު "އެރިތްރޯސައިޓް ސެޑިމެންޓޭޝަން ރޭޓް" އަދި "ސީ ރިއެކްޓިވް ޕްރޮޓީން" މަތިވެފައި ހުންނަކަން ފާހަގަ ކުރެވެއެވެ. މިއީ ހަށިގަނޑުގައި އިންފްލެމޭޝަން އެއް އުފެދޭ ކަމުގެ ނިޝާނަކަށް ފަހަރުގައި ވެދާނެ އެވެ. މީގެ ލޭގެ ޓެސްޓުގެ އެހީގައި "ރޫމަޓޮއިޑް ފެކްޓަރ" އަދި "އެންޓި ސައިކްލިކް ސިޓްރުލިނޭޓަޑް އެންޓި ބޮޑީޒް" ހުރި ނެތްގޮތް ވެސް ޗެކުކުރާނެ އެވެ.
އިމޭޖިންގ ޓެސްޓުތައް
[އުނިއިތުރު ގެންނަވާ]ރާއްޖެ ބަލި ހުންނަ މީހުންނަށް އާންމު ގޮތެއްގައި ހެދޭ އިމޭޖިންގ ޓެސްޓުތަކަކީ އެކްސްރޭނެގުން، އެމްއާރުއައި ހެދުން، އަދި ސްކޭން ކުރުމެވެ.
ފަރުވާ
[އުނިއިތުރު ގެންނަވާ]ރާއްޖެ ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ނަމަވެސް ކްލިނިކަލް ދިރާސާތަކުން ދައްކާ ގޮތުގައި ޑިޒީޒް މޮޑިފައިންގ އެންޓި ރޫމެޓިކް އެޖެންޓް ގެ ގޮތުގައި ހިމެނޭ ބޭސްތައް ބޭނުންކޮށްގެން ދުރާލާ ނޫނީ ބަލީގެ ކުރީކޮޅު ފަރުވާ ފެށިއްޖެނަމަ، ބަލީގެ އުދަނގޫތައް ލުއިވުން އަވަސްވެގެން ދެއެވެ.
ބޭހުގެ ފަރުވާ
[އުނިއިތުރު ގެންނަވާ]ރާއްޖެ ބައްޔާއި ގުޅުވައިގެން ދޭ ބޭސްތައް ބަރޯސާވަނީ ބަލީގެ އުދަނގޫތައް ކުރިމަތިވެފައިވާ މިންވަރާއި، ކުރިމަތިވިތާ ހޭދަވި މުއްދަތެއްގެ މައްޗަށެވެ. (ހ) ތަދުކަނޑުވާ ބޭސްތައް (NSAIDs): ބުރޫފަން، ޕޮންސްޓަން، ނެޕްރޮކްސިކަމް، ޕައިރޮކްސިކަމް، ވޮލްޓްރަން ފަދަ ތަދުކަނޑުވާ ބޭސްތައް ރާއްޖެ ބައްޔާއި ގުޅިގެން ކުރިމަތިވާ ހުޅުގެ ރިހުން، އަދި ހުޅު ދުޅަވުން ކުޑަކުރުމަށް ދީއުޅެއެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ބަނޑަށް އުދަނގޫވުން، ހިތާއި ލޭހޮޅިތަކުގެ މައްސަލަތައް، ލޭހިލުން، ގުރުދާ އަދި ފުރަމޭގެ މައްސަލަތައް ހިމެނެއެވެ. މިބޭސްތައް އުގުޅާ ބޭހުގެ ގޮތުގައި ބޭނުންކުރުމުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަވެފައި، މަދުކަން ފާހަގަ ކުރެވެއެވެ. (ށ) ކޯޓިކޯސްޓީރޮއިޑް (Corticosteroids): މިއީ ދިފާޢީ ނިޒާމުން ހުޅުތަކަށް ހަމަލާދިނުން ކޮންޓްރޯލްކޮށްދީ، ދުޅަތިރިކޮށްދޭ ބޭސްތަކެކެވެ. ގުޅަ ބޭހުގެ ގޮތުގައި އަދި ހުޅުތަކަށް ޖަހާ އިންޖެކްޝަންގެ ގޮތުގައި ވެސް ކޯޓިކޯސްޓީރޮއިޑް ބޭނުން ކުރެވެއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ކޯޓިޒޯން އަދި ޕްރެޑްނިސޯން ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތަކުގެ ސަބަބުން ހުޅުގައި ހުންނަ ދުޅައާއި، ރިހުން ކުޑަކޮށްދެއެވެ. އަދި ހުޅަށް ގެއްލުންވުން ލަސްކޮށްދެއެވެ. މިފަދަ ބޭސްތައް ބޭނުންކުރުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ކަށިތައް ތުނިވުން، ބަރުދަން އިތުރުވުން އަދި ހަކުރުބަލި ކުރިމަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ. (ނ) ޑިޒީޒް މޮޑިފައިންގ އެންޓިރޫމެޓިކް ޑްރަގްސް (DMARDS): މިއީ އާންމު ގޮތެއްގައި ރޫމަޓޮއިޑް އާތުރައިޓިސް އަށް ނުވަތަ ރާއްޖެ ބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭސްތަކެކެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ބަލީގެ އުދަނގޫތައް އިތުރަށް ގޯސްވެގެން ދިއުން ލަސްކޮށްދީ، ދާއިމީކޮށް ހުޅުތަކަށް ގެއްލުންވުމުން ސަލާމަތްކޮށްދެއެވެ. މިބޭސްތަކުގެ ތެރޭގައި މިތޮޓްރެކްސޭޓް، ސަލްފަރސެލެޒިން، ލެފްލުނޮމައިޑް، އަދި ހައިޑްރޮކްސީކްލޮރޮކީން ފަދަ ބޭސްތައް ހިމެނެއެވެ. މިއީ ދިފާޢީ ނިޒާމުން ހުޅުތަކަށް ގެއްލުންދިނުން ކުޑަކޮށްދޭ ބޭސްތަކެކެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ފުރަމޭ ހަލާކުވުން، ފުއްޕާމޭގައި އިންފެކްޝަން ހެދުން އަދި ކަށީގެ މަދުގެ މަސައްކަތްތައް ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ. (ރ) ބަޔޮލޮޖިކް އެޖެންޓްސް(Biologic agents) : ބަޔޮލޮޖިކް އެޖެންޓްސް ނުވަތަ " ބަޔޮލޮޖިކް ރެސްޕޮންސް މޮޑިފަޔަރސް" (biologic response modifiers)އަކީ ޑިޒީޒް މޮޑިފައިންގ އެންޓިރޫމެޓިކް ޑްރަގްސް(DMARDS) ގެ އާ ފަޞްލެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި "އެބެޓެސެޕްޓް"(Abatacept) ، "އެޑެލިމިޔުމެބް"(adalimumab) ، "އެނަކިންރާ" (Anakira)، "ބެރިސިޓިނިބް" (Baricitinib)، "ސާރޓޯލިޒިޔުމެބް"(certoliziumab)، " އެޓަނަސެޕްޓް"(eternacept) ، "ގޮލިމިޔުމެބް"(golimumab)، އިންފްލިކްސިމެބް" (infliximab)، ރިޓުކްސިމެބް"(rituximab)، "ސެރިލިޔުމެބް"(Sarilumab)، "ޓޮސިލިޒިޔުމެބް"(tocilizumab)، އަދި "ޓޮފަޓިސިނިބް "(tofaticinib) ފަދަ ބޭސްތައް ހިމެނެއެވެ.
އޮޕަރޭޝަންކުރުން
[އުނިއިތުރު ގެންނަވާ]ބޭހުގެ ފަރުވާ އިން އެކަށޭނަ ނަތީޖާއެއް ނުލިބިއްޖެނަމަ، ހަލާކުވެފައިވާ ހުޅު މަރާމާތުކުރުމަށް ބައެއް ފަހަރު އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ. އޮޕަރޭޝަން ކުރުމުން ހުޅުގެ ރިހުން ކުޑަވެ، ހުޅުގެ މަސައްކަތްތައް ހަލުވިކޮށް ފަސޭހަކޮށްދެއެވެ. ރާއްޖެ ބައްޔާއި ގުޅިގެން ކުރެވޭ އޮޕަރޭޝަން ތަކުގެ ތެރޭގައި ތިރީގައިވާ އިޖުރާއާތްތަކުގެ އެކެއް ނޫނީ އެއަށްވުރެ ގިނަ ކަންތައްތައް ފުރިހަމަކުރުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. (ހ) ސައިނޮވެކްޓަމީ (Synovectomy): މީގެ މާނައަކީ ހުޅުގެވަށައިގެންވާ ތުނި ދުލިފަށަލަ ނޫނީ ހުޅުގެ ބަތާނަފަށް ވަކިކޮށް ނެގުމެވެ. މިއިޖުރާއާތު ފުރިހަމަކުރެވެނީ ކަކުލުހުޅު، އުޅަބޮށިހުޅު، ޅިނދުހުޅު، އަތުގެކުޑަހުޅު، އަދި އިގިލިތަކުގެ ހުޅުތަކަށެވެ. (ށ) ޓެންޑަން މަރާމާތުކުރުން (tendon repair): ހުޅުގައި އުފެދޭ ދުޅަޔާއި، ލިބޭ ގެއްލުމުގެ ސަބަބުން، ހުޅުގެ ވަށައިގެންވާ ޓެންޑަން ތައް ދޫވެ، ނޫނީ ފަޅައިގެން ދިއުމަކީ ވެދާނެ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ޓެންޑަން މަރާމާތުކޮށްފާނެ އެވެ. (ނ) ހުޅުއެއްކޮށްލުން (joint fusion): މިއީ އާންމުކޮށް އަތްފައިގެ އިގިލިތަކުގެ ކުދި ހުޅުތަކަށް ކޮށްއުޅޭ ކަމެކެވެ. އެގޮތުން ހުޅު އުފެދިފައިވާ ދެކަށިގަނޑުގެ ކޮޅު ބުރިކޮށްލުމަށްފަހު ދެކަށިގަނޑު ގެ ކޮޅު ގުޅި އެއްކޮށް (އެއްކަށިގަނޑެއްގެ ގޮތުގައި) ރަނގަޅުވަންދެން ގުޅުވާލާފައި ނޫނީ އައްސާލާފައި ނޫނީ ތަތްކޮށްލާފައި ބަހައްޓަނީ އެވެ. (ބ) ހުޅު ބަދަލުކުރުން (joint replacement): މިއީ ހަލާކުވެފައިވާ ހުޅުގެ ބަދަލުގައި މަސްނޫޢީ ހުޅެއް ލެއްވުމެވެ. އެގޮތުން އެންމެ އާންމު ގޮތެއްގައި ބަދަލުކުރަނީ ޅިނދު ހުޅާއި، ކަކުލުހުޅެވެ. އެގޮތުން ހުޅުގެ ހަލާކުވެފައިވާ ބައި ނެގުމަށްފަހު އެބައިގެ ބަދަލުގައި ޕްލާސްޓިކް އަދި މެޓަލް އިން ހަދާފައިވާ "ޕްރޮސްތީސިސް"(prosthesis) އެއް ލައްވަނީ އެވެ.
އެހެނިހެން ފަރުވާތައް
[އުނިއިތުރު ގެންނަވާ](ހ) ފިޒިއޮތެރަޕީ (physiotherapy): އާންމު ގޮތެއްގައި ފިޒިއޮތެރަޕީގައި މައްސަލަ ދިމާވެފައިވާ ހުޅުގެ ވަށައިގެންވާ މަސްތައް ވަރުގަދަކޮށް، ތަދުކުޑަކޮށްދީ، މައްސަލަ ދިމާވެފައިވާ ހުޅުގެ އެކިފަރާތަށް ލަންބައި، ދަމައި ހެދުމުގެ ގާބިލިއްޔަތު އިތުރުކުރުމަށް ކުރެވިދާނެ ކަސްރަތުތައް ކޮށްދީ ހަދާނެއެވެ. އަދި މިކަސްރަތުތައް ބަލިމީހާއަށް ވެސް ދަސްކޮށްދޭނެއެވެ. ފެތުމާއި، ހިނގުން ފަދަ ގަވާޢިދުން ކުރެވިދާނެ ބައެއް ކަންކަންކުރުމުން ވެސް މިފަދަ ހާލަތްތަކުގައި ލުއިކަން ހޯދިދާނެއެވެ. (ށ) އޮކިޔުޕޭޝަނަލް ތެރަޕީ (occupational therapy): އޮކިޔުޕޭޝަނަލް ތެރަޕީގެ އެހީގައި އާންމު ދިރިއުޅުމުގެ އެކި ކަންކަން ފުރިހަމަކުރުމުގައި ފަސޭހަކަމާއި، ލުއިކަން ޚިޔާރުކުރެވޭނެ ގޮތްތައް އޮކިޔުޕޭޝަނަލް ތެރަޕިސްޓް ކިޔައިދޭނެ އެވެ. މިސާލަކަށް ކަކުލު ހުޅަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވެފައިވާނަމަ، ކޮށްޅަންހުރެ ފެންވަރަށް ދަތިވާނަމަ، ފެންވަރާގަޑީގައި ފާޚާނާގައި ގޮޑިއެއް ފަދަ އެއްޗެއް ބަހައްޓައިގެން ފެންވެރިދާނެއެވެ. މިހެން ހެދުމުން ކަކުލުހުޅަށް ކުރާ ބާރު ކުޑަވެ، ތަދާއި ރިހުން ގޯސްވިޔަނުދީ ހިފަހައްޓައިދޭނެ އެވެ.
ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް
[އުނިއިތުރު ގެންނަވާ]• ގަވާއިދުން ކަސްރަތުކުރުން / ހެލިފެލިވެއުޅުން އިތުރުކުރުން • ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން • ދުންފަތުގެ އިސްތިއުމާލުނުކުރުން
ހަވާލާ
[އުނިއިތުރު ގެންނަވާ]• https://www.mayoclinic.org/diseases-conditions/rheumatoid-arthritis/symptoms-causes/syc-20353648 • https://www.cdc.gov/arthritis/basics/rheumatoid-arthritis.html