ރާބުޅާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރާބުޅާ

ރާބުޅާ(ސައިންޓިފިކް ނަން: Acanthurus triostegus)ނުވަތަ (އިނގިރޭސި ބަހުން: convict surgeonfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ތިލަ ހިސާބުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. ފަރުފަޅުގައި ދާއަޅައިގެންނާއި ފަޅުގެ އުރަހަފަށް ކައިރިން މޫދު ފެހިއަޅައިގެން ރާބުޅާ ބާނާއުޅެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. ރާބުޅާ އަކީ މިއާއިލާގައި އެންމެ ގިނައިން އުޅޭ ވައްތަރެވެ. މިބާވަތް އާންމު ގޮތެއްގައި އުޅޭނީ އެއް އިސްކޮޅަކުން އައިން ހަދައިގެންނެވެ. ރާބުޅާ އެންމެ ބޮޑުވަނީ 27 ސެންޓި މީޓަރަށެވެ.

ރާބުޅާ އަކީ ވަރަށް ފަތިކޮށް ހުންނަ މަހެކެވެ. މަހުގައި ވަރަށް ކުދިކުދި ހުޅުނބު ހުރެއެވެ. މަހުގެ ކަންފަތްގަނޑު ބޮލަށްވުރެ ކުރެވެ. މަހުގެ ހުރަހަށް ކަޅުކުލައިގެ 4 ރޮނގު ހުރެއެވެ. މަހުގެ ނިގޫކޮޅުގެ މަތީގަޔާއި ތިރީގައި ކަޅުކުލައިގެ ކުރު 2 ރޮނގު ނުގުޅި ހުރެއެވެ. މަހުގެ ކުލައަކީ ފެހިކުލައަކަށްދާ ރީނދޫ ކުލައެކެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލައެވެ. މަހުގެ ކޮތަރިތަކުގެ ކުލައަކީ އަޅި ކުލައެވެ. މަހުގެ ނިގޫފަތާއި މަހުގެ ދެފަރާތުގައި އެހެނިހެން ކާޅު އާއިލާގެ މަސްތަކެކޭ އެއްގޮތަށް ތޫނު ކުރަގަނޑެއް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 9 ހަރުކައްޓާއެކު 23 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 3 ހަރުކައްޓާއެކު 20 މަޑުކަށި ހުރެއެވެ. މަހުގެ ކާނާއަކީ މޫދު ފެއްސެވެ. ކުދި ރާބުޅާ ތިލަފަޅު މަތީގައި ހެދިފައި ހުންނަ ފުންކޮޅުތަކުގައި ގިނަ އަދަދަކަށް އުޅެއެވެ.