Jump to content

ރަތް ރީނދޫ މަސް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ރަތް ރީނދޫމަސް

ރަތް ރީނދޫމަސް (ސައިންޓިފިކް ނަން: Lutjanus boutton)ނުވަތަ (އިނގިރޭސި ބަހުން: Moluccan snapper) އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ވަަރަށް މަދުން އުޅޭ މަހެކެވެ. މިމަސް ދިވެހި މަސްވެރިން ބާނާފައި ހުއްޓައި އަދި އެއްގޮތަކަށް ވެސް ފެނިފައެއް ނެތެވެ. މިމަހުގެ ފުރަތަމަ ރިކޯޑެއް ރާއްޖޭގައި ކުރެވިފައިވަނީ 23 ނޮވެމްބަރ 1987 ގައި މާލެ އަތޮޅު ހިންމިޔާ ފަރު ކައިރީގައި 150 މީޓަރާއި 200 މީޓަރާއި ދެމެދުގެ ފުންމިނުގައި ލޭނު އަޅައިގެން ހިފި މަސްތަކުގެ ތެރޭގައި ހިމެނުނު މީގެ ދެމަހެވެ. މިއީ ދުނިޔޭގެ މަސްވެރިކަމާ ބެހޭ އިދާރާތަކުން މިސަރަހައްދުގައި ނޫޅޭކަމަށް ބަލާފައިވާ މަހެކެވެ. ވުމާއެކު މިއީ އިންޑިޔާ ކަނޑުގެ ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުން މިމަސް ފެނުނުކަމަށް ރިކޯޑް ކުރެވުނު ފުރަތަމަ ފަހަރުއެވެ.

މިމަހަށް ރަތް ރީނދޫމަސް ކިޔާފައިވަނީ މަހުގެ ޢާންމު ބައްޓަން ރީނދޫމަސް އާއި އެެއްގޮތްކަމުންނާއި، މަހުގެ ކުލައަކީ ރަތްކުލަ ކަމަށްވެފައި، މިމަސް އެންމެ ފަސޭހައިން ދެނެގަނެވޭނީ މިދެކުލަ ގުޅުވައިގެން ނަންދިނުމުން ކަމަށް ފެންނާތީ އެވެ. ކެއުމަށް ރަގަޅު މިމަސް އެންމެ ބޮޑުވާކަމަށްވަނީ 30 ސމ އަށެވެ. މަހުގެ ޢާންމު ކާނާއަކީ ކުދިމަހާއި ކަކުންޏާއި ޑިނގާއެވެ.

މަހުގެ ބުރަކަށިމައްޗާއި، ދެއަރިމަތީގެ ކުލައަކީ ރަތްކުލަ ނުވަތަ ގަދަ ފިޔާތޮށި ކުލައެވެ. ބަނޑުދަށް ފަރާތް ހުންނަނީ ހުދުކުލައިގައެވެ. މަހުގެ ދެއަރިމަތީގައި ދިގަށް ރީނދޫ ކުލައިގެ 10 ނުވަތަ 12 ރޮނގު ހުރެއެވެ. ކޮތަރިތައް ހުންނަނީ ވެސް ރީނދޫ ކުލައެއްގައެވެ.