ރަތްތިކި ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރަތްތިކި ފާނަ

ރަތްތިކި ފާނަ(ސައިންޓިފިކް ނަން: Cephalopholis leopardus)ނުވަތަ (އިނގިރޭސި ބަހުން: Strawberry hind) އަކީ ރާއްޖޭގެ ފަރުފަޅުތަކާއި، ހާހަލާއި، ތިލަތިލައިގައި ގިނައިން އުޅޭ މަހެކެވެ. ދިވެހިން ދުވާލާއި ރޭގަނޑު ކުރާ ކެޔޮޅު ކަމުގައި ވެސް މިމަސް ބޭނެއެވެ. މިއީ ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. މަހުގެ އަމިއްލަ މާހައުލުގައި އުޅޭއިރު މިމަހަކީ ވަރަށް ރީތިކޮށް ގަދަ ރަތްކުލައިގެ ތިކިތަކެއް ޖަހާފައި ހުންނަ ރަތްކުލައިގެ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކައްޓާއި، 12 ނުވަތަ 15 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 9 މަޑުކަށި ވަރަށް މަދުމަހެއްގައި 10 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބަޔާއި، ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ.

މަހުގެ މުޅި ހަށިގަނޑުގައި ހުންނަނީ ރަތްކުލައިގެ ތިކިތަކެއް ޖަހާފައެވެ. މަހުގެ މަތީ ކޮތަރި ބައިގެ ފަހަތުން މަހުގެ ނިގޫފަތުގެ ކައިރީގައި ރަތް މުށި ކުލައެއްގެ ލަފެއް ހުރެއެވެ. މަހުގެ ނިގޫފަތުގައި ވެސް ރަތް މުށި ކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ.

މިއީ އިސްކޮޅުން ކުޑަ މަހެކެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 20 ސމ އަށެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ވަކިނަމެއް ކިޔާއުޅޭ ކަމަށް ރިކޯޑްކުރެވިފައި ނެތުމާއެކު، މަހުގެ ޚާއްޞަ ސިފަތަކަށް ވިސްނާ މިމަހަށް ރަތްތިކި ފާނަ ކިޔާ ނަންދީފައި ވަނީ އެވެ.