ރަތްކޮތަރި ރައިވެރިމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރަތްކޮތަރި ރައިވެރިމަސް

ރަތްކޮތަރި ރައިވެރިމަސް (ސައިންޓިފިކް ނަން: Sargocentron punctatissimum)ނުވަތަ (އިނގިރޭސި ބަހުން: Speckled squirrelfish އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ތިލަ ހިސާބުތަކުގެ މުރަކަތަކާއި ގާތަކުގެ ވަށައިގެން އުޅޭ މަހެކެވެ. މިއީ އާންމު ގޮތެއްގައި ރާޅު މުގުރާ ހިސާބުގައި އުޅޭ މަހެއް ކަމުގައި ވިޔަސް ފުން ހިސާބުން ވެސް މިބާވަތުގެ މަސް ފެނިފައި ހުރެއެވެ. މިބާވަތުގެ ރައިވެރިމަސް ދުވާލުގެ ވަގުތުތަކުގައި ތިބެނީ ފިލައެވެ. ކެއުމަށްޓަކައި ރޭގަނޑު ފަރުފަރުގެ ބޭރަށް ނުކުމެއުޅެއެވެ. މިއީ ކެއުމަށް ރަގަޅު އެހެނަސް ކަށިގިނަ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 16 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 12 ނުވަތަ 13 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. މަހުގެ ކަރުތާފަތުގެ މަތީގައި 5 ބަރިޔަށް ހުންނަ ހުޅުނބުތަކެއް ހުރެއެވެ. މަހުގެ ކުލައަކީ ރިހިކުލަ އެވެ. މިރިހިކުލައާއެކު ރަތްކުލައިގެ ދަޅައެއް މަހުގައި ހުރެއެވެ. މިބާވަތުގެ ގިނަ ރައިވެރިމަހުގެ ހުޅުނބުތަކުގައި ކަޅުކުލައިގެ ތިއްކެއް ހުރެއެވެ. ނިގޫފަތް ހުންނަނީ ފަނޑު ރަތްކުލައެއްގައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތަކުގެ ދޭތެރެން ދުލިފަށްތަކުގެ މަތީބައިގައި ފާޅުކަން ބޮޑު ރަތްލައްތަކެއް ހުރެއެވެ. މަހުގެ ކާނާއަކީ އަޑީގައި އުޅޭ ދިރުންތަކެވެ.

މިމަހަށް ދިވެހިން ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގެ އެންމެ ފާޅުކަން ބޮޑު އެއް ސިފަ ކަމުގައިވާ ކޮތަރިބައިގެ ރަތްލައްތައް ފާހަގަކޮށް މިމަހަށް ރަތްކޮތަރި ރައިވެރިމަސް ކިޔާ ނަންދީފައިވަނީ އެވެ.