ރަތްކިރުޅި ރައިވެރިމަސް
ރަތްކިރުޅި ރައިވެރިމަސް(ސައިންޓިފިކް ނަން: Sargocentron violaceum)ނުވަތަ (އިނގިރޭސި ބަހުން: Violet squirrelfish) އަކީ ފަަރުފަޅުތަކުގެ މުރަކައާއި ގާތަކުގެ ތެރޭގައި އުޅޭ މަހެކެވެ. ދިވެހި މަސްވެރިން ރޭގަނޑުކުރާ ކެޔޮޅުކަމުގެ މަސްވެރިކަމުގައި ބޭނޭ މަހެކެވެ. މިބާވަތުގެ މަސް ދުވާލުގެ ވަގުތުތަކުގައި ތިބެނީ ގާތަކުގެ ނިވަލުގައެވެ. އަދި ރޭވެ އަނދިރިވުމުން ބައިބަޔަށް ފަރުބޭރަށް ނުކުމެއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 25 ސެންޓި މީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 13 އާއި 14 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 13 ނުވަތަ 14 މަޑުކަށި ހުރެއެވެ. މަހުގެ ކަރުތާފަތުގެ މަތީގައި 4 ބަރިޔަށް ހުންނަ ހުޅުނބުތަކެއް ހުރެއެވެ. މަހުގެ ކުލައަކީ ދަނބުކުލައަކަށްދާ ކިރުޅި ކުލައެކެވެ. މަހުގެ ހުޅުނބުތަކުގެ ކައިރިފަށް ހުންނަނީ ހުދުކުލައިގައެވެ. މަހުގެ ކަންފަތުގެ މަތީގައި ތިނެސްކަނަށް ހުންނަ ރަތްކުލައިގެ ލަފެއް ހުރެއެވެ.
ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތަކުގެ ދޭތެރޭ ދުލިފަށް ހުންނަނީ ފަނޑު ރަތްކުލައެއްގައެވެ. އެހެނިހެން ކޮތަރިތަކާ ނިގޫފަތް ހުންނަނީ މައިގަނޑު ގޮތެއްގައި ފަނޑު އަޅިކުލައެއްގައެވެ. މިއީ ވެސް އަނގަޔަށްމީރު ކާންރަގަޅު ފަރުމަހެކެވެ. ނަމަވެސް ރައިވެރިމަހުގެ ބާވަތްތަކަކީ ދިވެހިން ކެއުމަށް ޝައުގުވެރިކަން ނުދޭ ބާވަތެއްކަމުން މިބާވަތަކީ ވެސް ދިވެހިން އާންމުކޮށް ކައިއުޅޭ ބާވަތެއް ނޫނެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ކުލައަށް ވިސްނާ މިމަހަށް ރަތްކިރުޅި ރައިވެރިމަސް ކިޔާ ނަންދީފައި ވަނީ އެވެ.