ރަންގެރި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރަންގެރި

ރަންގެރި(ސައިންޓިފިކް ނަން: Naso lituratus)ނުވަތަ (އިނގިރޭސި ބަހުން: Orangespine unicornfish)ނުވަތަ ރަންގެރި މަސް އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ގިނައިން ފެންނަ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެކެވެ. މިއީ ފަތިކޮށް ފުޅާކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ވަރަށް ކުޑައެވެ. ފަރުމަތީގައި ދާޖަހައިގެންކުރާ މަސްވެރިކަމުގައި ރަންގެރި ދަލުގައި ޖެހެއެވެ. އާންމުކޮށް ފެންނަނީ އެކަހެރިކޮށް އުޅޭތަނެވެ. މަހުގެ ކާނާއަކީ މޫދު ފެއްސެވެ. މިމަސް އެންމެ ބޮޑުވަނީ 45 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 6 ހަރުކައްޓާއެކު 27 އާއި 30 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 2 ހަރުކައްޓާއެކު 28 އާއި 30 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫކޮޅުގެ ކޮންމެ ފަރާތެއްގައި ތޫނު ދެކަށި ހުރެއެވެ. މަހުގެ ކުލައަކީ މުށި އަޅި ކުލައެކެވެ. މަހުގެ ތުނބުން ފެށިގެން ނިއްމަތި ހުންނަނީ ކަޅުކުލައިގައެވެ. އަދި މިއާ ޖެހިގެން ރީނދޫ ކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މިރޮނގު މަހުގެ އަނގައިގެ ތިރީ ކައިރިން ފެށިގެން ލޮލުގެ ދަށްފަރާތަށް ހުރެއެވެ. މަހުގެ ލޮލުގެ މަތި ހުންނަނީ ރީނދޫ ކުލައިގައެވެ. އަދި ކަރުތާފަތުގެ ތިރި ހުންނަނީ ވެސް ރީނދޫ ކުލައިގައެވެ. ނިގޫފަތުގެ ކައިރީގައި މަހުގެ ދެފަރާތުގައި ހުންނަ ކަށިތައް ހުންނަނީ އޮރެންޖް ކުލައިގައެވެ. ބުރަކަށިމަތީ ކޮތަރިބައިގެ މަތީބައި ހުންނަނީ ރީނދޫ ކުލައިގައެވެ. ތިރީބައި ހުންނަނީ ކަޅުކުލައިގައެވެ. ނިގޫފަތުގެ މަތީ ކައިރިއާއި ތިރީކައިރި ހުންނަނީ ކަޅުކުލައިގައެވެ.