ރަންރޮނގު ލޮނދިމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރަންރޮނގު ލޮނދިމަސް

ރަންރޮނގު ލޮނދިމަސް (ސައިންޓިފިކް ނަން: Grammistes sexlineatus)ނުވަތަ (އިނގިރޭސި ބަހުން: Golden-stirpped soap fish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި ފަޅުތެރޭގައި ދިރިއުޅޭ މަހެކެވެ. މިއީ ކެއުމަށް ބޭނުންކުރާ މަހެއް ނޫނެވެ. މިމަހުގެ ހަންގަނޑުގެ ބޭރުގައި ހުންނަނީ ވިހަ ލޮންޖެކެވެ. މިއީ ފަރުފަޅުތަކުގައި އުޅޭ މިފަދަ ކުދިމަސް ކައިއުޅޭ ބޮޑެތި މަސްމަހުގެ ފަރާތުން ރައްކާތެރިވުމަށް އެމަހުގައި އެކުލެވޭ ސިފައެކެވެ.

މިއީ ދިވެހިންކުރާ މަސްވެރިކަމުގައި ބޭނޭ މަހެއް ނޫނެވެ. ނަމަވެސް ފަރުފަޅުގެ ބޭރުން ފީނާއުޅޭ މީހުންނަށް މިމަސް ފެނެއެވެ. މިއީ ފާނަ އާއި ވަރަށް އެއްގޮތް ސިފައެއްގައި ހުންނަ މަހެކެވެ. ވަށްކޮށެވެ.މަހުގެ މަތީ ކޮތަރިބައިގައި 7ހަރުކައްޓާއެކު 14 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ.

މަހުގެ ކުލައަކީ ގަދަމުށި ކުލައެވެ. މަހުގެ ދެފަރާތުގައި މަހުގެ ދިގަށް އާންމު ގޮތެއްގައި ރަންކުލައިގެ 5 ނުވަތަ 6 ރޮނގު ހުރެއެވެ. މިރޮނގުތައް މަހުގެ އުމުރުން ދުވަސްވާވަރަކަށް ގިނަވެއެވެ. އަދި ކުދިމަހުގައި ރޮނގު މަދުވާނެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ މުށިކުލައިގައެވެ. އެހެނިހެން ކޮތަރިތައް ހުންނަނީ ރީނދޫ ކުލައިގައެވެ.

މިމަހަށްކިޔާ ދިވެހި ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިމިހަށް ކިޔާ އިގިރޭސި ނަމާ ގުޅޭގޮތުން މަހުގައި ހިމެނޭ ޚާއްޞަ ސިފަޔަށް ވިސްނާ މިމަހަށް ރަންރޮނގު ލޮނދިމަސް ކިޔާ ނަންދީފައިވަނީ އެވެ.