Jump to content

ރަންރޮނގު ރައިވެރިމަސް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ރަންރޮނގު ރައިވެރިމަސް

ރަންރޮނގު ރައިވެރިމަސް (ސައިންޓިފިކް ނަން: Neoniphon aurolineatus)ނުވަތަ (އިނގިރޭސި ބަހުން: Yellowstriped squirrelfish)އަކީ ގިނަ ރައިވެރިމަހާ ޚިލާފަށް މާފުނުގައި އުޅޭ މަހެކެވެ. އާއްމު ގޮތެއްގައި އުޅެނީ 40 މީޓަރަށްވުރެ ފުން ފަރުތަކުގައެވެ. ވުމާއެކު ދިވެހި މަސްވެރިންނަށާއި ފަރުފަރަށްއެރި ފީނާއުޅޭ މީހުންނަށް މިއީ ގިނައިން ފެންނަ މަހެއްނޫނެވެ. މިއީ އިންޑިޔާ ކަނޑުގެ ބޮޑު ސަރަހައްދަށް ބެހިފައިވާ މަހެއް ކަމުގައި ވިޔަސް މިބާވަތް ރިކޯޑް ކުރެވިފައިވަނީ ވަރަށް މަދުންނެވެ. ދިވެހިން ރޭގަނޑު ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި މިބާވަތް ވަރަށް މަދުން ބޭނިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 12 އާއި 14 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 8 އާއި 9 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ވިދާ ފިޔާތޮށި ކުލައެކެވެ. މަހުގެ ދެފަރާތުގައި މަހުގެ ދިގަށްވާގޮތަށް ރަންކުލައިގެ ރޮނގުތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. ކަރުތާފަތްމަތީ ރަތްކުލައިގެ ފުޅާ ރޮނގެއް ބޮލުގެ ހުރަހަށް ފެންނަށް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ދެކަށިދޭތެރޭ ދުލިފަށް ހުންނަނީ ރަތް ކުލައިގައެވެ. މިއީ 22 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ.

މިއީ ދިވެހި މަސްވެރިންނަށް ގިނައިން ފެންނަ މަހަކަށް ނުވުމާއެކު މިމަހަށް ދިވެހިން ކިޔާއުޅޭ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކުމަހުގައި ހުންނަ އެންމެ ފާހަގަކުރެވޭ ސިފަޔަށް ބަލާ މަހަށްކިޔާ ޢިލްމީ ނަމާ ގުޅޭގޮތުން މިމަހަށް ރަންރޮނގު ރައިވެރިމަސް ކިޔާ ނަންދީފައިވަނީ އެވެ.