ނޫޓްރަފިލް
ނޫޓްރަފިލް ނުވަތަ (އިނގިރޭސި ބަހުން: Neutrophil) އަކީ ލޭގެ ހުދު ސެލްތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭ ސެލްގެ ވައްތަރެވެ. ލޭގެ ހުދު ސެލްތަކުގެ 70-50 އިންސައްތަ ހިއްޞާކުރަނީ މިސެލްތަކެވެ. ބެކްޓީރިއާތަކާއި އިދިކޮޅަށް ހަށިގަނޑު ދިފާއުކުރުމުގައި އަސާސީ ދައުރެއް ނޫޓްރަފިލް އަދާކުރެއެވެ. ބެކްޓީރިއާ މަރާލުމުގެ ގޮތުން ނޫޓްރަފިލް ކުރާކަމަކީ ބެކްޓީރިއާ ދިރުވާލުމެވެ. މިގޮތަށް ދިރުވާލާ ދިރުވުމަށް ނުވަތަ ކާލުމަށް ފަގަސައިޓޯސިސް( Phagocytosis ) އޭ ކިޔައެވެ. ނޫޓްރަފިލް ދިރިހުންނަ މުއްދަތުގައި ގާތްގަނޑަކަށް 20-5އާއި ދެމެދުގެ އަދަދަކަށް ބެކްޓީރިއާ ދިރުވައެވެ.
ނޫޓްރަފިލްތައް ބެކްޓީރިއާތައް ދިރުވާލުމުގައި ނުވަތަ ނައްތާލުމުގައި އަންނަނިވި މަރުހަލާތައް ކަނޑަތުކުރެއެވެ.
- ނޫޓްރަފިލް ޖަރާސީމާއި ގާތްވުން
- ނޫޓްރަފިލް ޖަރާސީމްގައި ބީހުން ނުވަތަ ތަތްލުން
- ނޫޓްރަފިލްގެ ބޭރު ފަށަލަ(Cell membrane) ދެފަރާތުން ނިކުމެ ޖަރާސީމްގެ ވަށާލުން
- ޖަރާސީމް ނޫޓްރަފިލްގެ ސައިޓޮޕްލާޒަމް( Cytoplasm ) ނުވަތަ ހަތާގެ އެތެރެއަށް އައުން
ޖަރާސީމް ސެލްގެ ތެރެއަށް ވަނުމުން އެއަށް ކިޔަނީ ފަގަސޯމް( Phagosome ) އެވެ. ނޫޓްރަފިލް ގައި އެކުލެވޭ ގްރެނިއޫލްތަކާއި، ލައިސަސޯމްތައް ފަގަސޯމްގެ ބޭރުފަށަލައިގައި ތަތްވެ، އޭގައި ހިމެނޭ ޕްރޮޓިއޯލިޓިކް އެންޒައިމް( Proteolytic enzyme ) ތަކުގެ އެހީގައި ބެކްޓީރިއާ މަރާލައެވެ.
ނޫޓްރަފިލްތަކުގައި ނިއުކްލިއަސް( Nucleus ) ހުންނަނީ ބައިބައިވެފައި ނުވަތަ މަލްޓިލޯބްޑް ކޮށެވެ. ލޭގައި ހިމެނޭ ފުރިހަމަނުވާ ނޫޓްރަފިލް ތަކަށް ކިޔަނީ ބޭންޑްސް( Bands )އެވެ. ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެއް ހުރިނަމަ ނޫޓްރަފިލްތަކުގެ އަދަދު އިތުރުވެ، ބޭންޑްސްތައް ފެންނަށްހުރެއެވެ.
ދިރިހުންނަ މުއްދަތު
[އުނިއިތުރު ގެންނަވާ]ގްރެނިއުލޯސައިޓް ތައް ކަމުގައިވާ ނޫޓްރަފިލް،އީއަސިނަފިލް،ބޭސަފިލް ލޭގެ އާރަށް ވާސިލްވުމަށްފަހު 8-4ގަޑި އިރާއި، ދެމެދުގެ ވަގުތެން ވަންދެން ލޭގައި ދެމިހުރެއެވެ. އެއަށްފަހު އެކިއެކި ޓިޝޫތަކަށް ވާސިލްވެ، އެތާގައި 4 ނުވަތަ 5ދުވަސް ވަންދެން ދެމިހުރެއެވެ. ނުރައްކާތެރި ބަލިތަކުގެ ހާލަތުގައި މިމުއްދަތު ކުރުވެއެވެ.