ނޫމަސް ހިބަރު
ނޫމަސް ހިބަރު (އިނގިރޭސި ބަހުން: Makaira mazara)ނުވަތަ (އިނގިރޭސި ބަހުން: Indo-Pacific blue marlin)އަކީ ހިބަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް ބާނައި އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 4.3 މީޓަރަށެވެ. މަހުގެ މަތީ ތުނބުގެ ކޮަޅަށް ފަލަވެފައި ދިގެވެ. މަހުގެ ބުރަކަށިމަތީގައި ދެކޮތަރިބައި ހުރެއެވެ. ފުރަތަމަ ކޮތަރިބައިގައި 40އާއި 45އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިކޮތަރިބައިގެ ކުރީކޮޅު ހުންނަ ކަށިތައް ފަހަތު ބައިގައި ހުންނަ ކަށިތަކަށްވުރެ ދިގުވާނެއެވެ. ބުރަކަށިމަތީ ދެވަނަ ކޮތަރިބައިގައި 6 ނުވަތަ 7 މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ވެސް ދެކޮތަރިބައި ހުރެއެވެ.
މާކަނޑުތަކުގައި އުޅޭ ތުންގަނޑު ހިބަރު އަދި ކަޅުމަސް ހިބަރު އާއި ޚިލާފަށް މިހިބަރު ވަރަށް މަދުން ނޫނީ އެތެރެވަރީގެ ކަނޑުތަކަށް އައިސްއެއް ނޫޅެއެވެ. މިއީ ދެފެން ދޭތެރޭގައި އުޅޭ މަހެކެވެ. މިބާވަތުގެ ޅަމަސް ކުދި އައިން ހަދައިގެން އުޅެއެވެ. ބޮޑެތި މަސް އުޅެނީ އެކަހެރިކޮށެވެ. މިބާވަތުގެ ހިބަރުގެ ކާނާއަކީ މަހާއި، ކަކުނި ފާނޑުގެ ސޫތްޕާއި، ބޯވަ ދިލަމަހެވެ. ބުރަކަށިމަތީގެ ކުލައަކީ ކަޅުނޫކުލައެވެ. ބަނޑުދަށްފަރާތުގައި ހުންނަނީ ރިހި ހުދުކުލައެވެ. މަހުގެ ދެއަރިމަތީގައި ވަރަށް ރީތި ނޫކުލައެއްގެ 15 ވަރަކަށް ހުރަސް ރޮނގު ހުރެއެވެ. ރާއްޖޭގައި ބާނާ މަސް ހިބަރުގެ ދެބާވަތަށް ވެސް ކިޔަނީ މަސް ހިބަރު އެވެ. ނަމަވެސް މިއީ އުފެދުމުގައި ތަފާތު ތަކެއް ހުރި ދެބާވަތެއް ކަމުން މަހުގެ އިގިރޭސި ނަމުގައި ތަފާތު ކޮށްފައިވާ ގޮތުގެ މަތިން މިމަހަށް ނޫމަސް ހިބަރު ކިޔާފައި ވަނީ އެވެ.