ނިގޫހުދު ކާޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ނިގޫހުދު ކާޅު

ނިގޫހުދު ކާޅު(ސައިންޓިފިކް ނަން: Acanthurus thompsoni)ނުވަތަ (އިނގިރޭސި ބަހުން: Thompson's surgeonfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ގިނައިން އުޅޭ ކަނޑުކާޅު އާއިލާގެ މަހެކެވެ. މިއީ ފަތިކޮށް ހުންނަ މަހެވެ. ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫން ކަމުގައި ވިޔަސް މިއީ ކެއުމަށް އެންމެ ރަގަޅު މަހެކެވެ. ފަރުފަޅުތަކުގައި ދާއަޅައިގެންކުރާ މަސްވެރިކަމުގައި މިބާވަތުގެ މަސް ގިނައިން ހިފެއެވެ. މިއީ އައިން ހަދައިގެން ވެސް ފަރުފަޅުތަކުގެ ބޭރުގައި އުޅޭ މަހެކެވެ. ދިވެހި މަސްވެރިން އެންމަހަށް ފިލިކުރުމުން ފިލިކާންވެގެން ތޮއްޖެހޭ މަސްތަކުގެ ތެރޭގައި މިބާވަތުގެ ކާޅު ގިނައިން އުޅޭކަން ފާހަގަ ކުރެވެއެވެ. މަހުގެ އަނގަ ކުޑައެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ ހަނދުފަޅި ބުރަށް ކަފިކޮށެވެ. މިމަސް އެންމެ ބޮޑުވަނީ 27 ސެންޓި މީޓަރަށެވެ. މިމަސް އާންމު ގޮތެއްގައި އުޅެނީ 70 މީޓަރަށްވުރެ ތިލަ ހިސާބު ތަކުގައެވެ. މަހުގެ އާންމު ކާނާއަކީ ކުދި ފަނިފަކުސައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރީގައި 9 ހަރުކައްޓާއެކު 23 އާއި 26 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 3 ހަރުކައްޓާއެކު 23 އާއި 26 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ގަދަ މުށި ކުލައެވެ. ނިގޫފަތުގެ ކުލައަކީ ހުދުކުލަ އެވެ. މިއީ ދެނެގަންނަން ފަސޭހަ ސިފަތަކެއް ހުރިމަހެކެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގެ އެންމެ ފާޅުކޮށް ހުންނަ ދެނެގަތުމަށް ފަސޭހަ ސިފައެއް ކަމުގައިވާ ނިގުލުގެ ކުލައަށް ބަލާ ނިގޫހުދު ކާޅު ކިޔާފައިވަނީ އެވެ.