ނިލަމެހި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ނިލަމެހި

ނިލަމެހި(ސައިންޓިފިކް ނަން: chromis caeruleus)ނުވަތަ (އިނގިރޭސި ބަހުން: Blue puller) އަކީ ވަރަށް ގިނައިން ބައިބަޔަށް ރާއްޖޭގެ ފަރުފަޅުތަކުގެ ގާތަކާއި މުރަކަތަކުގެ ނިވަލުގައި ދިރިއުޅޭ މަހެކެވެ. މިއީ ދިވެހިންކުރާ ދޮށީގެ މަސްވެރިކަމުގައި އެމުގެ ގޮތުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. ހުޅަގުގެ ގަދަ ދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކުން އެން ދަތިވެގެން، ކޮންމެހެން ބޭނުންކުރަން ޖެހޭ އެމެކެވެ. އާންމު ގޮތެއްގައި ނިލަމެހި އުޅެނީ މުރަކަތަކުގެ މަތީގައެވެ. ދުޝްމަނުންގެ ކިބައިން ސަލާމަތްވުމުގެ ގޮތުން މުރަކަތަކުގެ ތެރެއަށްވަދެ ރައްކާތެރިކަން ނިލަމެހި ހޯދައެވެ.

ނިލަމެއްސަކީ ކުޑަ އިސްކޮޅެއްގެ މަހެކެވެ. މަހުގެ ކަންފަތް ގަނޑު ބޮލަށްވުރެ ކުރެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހިމަކޮށް އޫވެފައި ހުރެއެވެ. މަހުގެ ކުލައަކީ ފެހި ނޫކުލައެވެ. މިކުލަ ބަނޑުދަށް ފަރާތުގައި މަޑެވެ. މަހުގެ ހުޅުނބު ތަކުގައި ކުޑަ ހުދުކުލައިގެ ތިއްކެއް ހުރެއެވެ. މަހުގެ ތުނބުން ފެށިގެން ލޮލާއި ހަމައަށް ގަދަ ފެހިކުލައަކަށްދާ ރޮނގެއް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ މަތީ ބައިގެ ކޮތަރި ތަކުގެ ކުލައަކީ މަޑުނޫ ފެހިކުލައެވެ.