ނަލަ ފުންނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ނަލަ ފުންނަ (ސައިންޓިފިކް ނަން: Istigobius decoratus)ނުވަތަ (އިނގިރޭސި ބަހުން: Decorated goby)އަކީ ރާއްޖޭގެ ފަރުތަކުގައި އުޅޭ ކުޑަ އިސްކޮޅެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 13 ސ.މ އަށެވެ. މިބާވަތުގެ ފުންނަ 18 މީޓަރުގެ ފުންމިނުން ވެސް ފެންނަކަމަށް ވެއެވެ. މިފުންނަ ގިނައިން ފެންނަނީ އެކަހެރިކޮށް އުޅޭތަނެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ވުމާއެކު މިފުންނަ ހިފުމަށް ވަކި ޚާއްޞަ މަސްވެރިކަމެއް ނުކުރެއެވެ. މަހުގެ މައިގަނޑު ކުލައަކީ ފަނޑު މުށިކުލައެވެ. ނަމަވެސް މުޅި ފުންނައިގައި ކަޅާއި ހުދުން ތިކިތަކެއް ހުރެއެވެ. މަހުގެ ދެއަރިމަތީގައި ހުންނަ ކަޅުކުލައިގެ ތިކިތައް ހުންނަނީ ދެތިކިދެތިއްކަށް ގުޅިފައެވެ. މަހުގެ އަނގައިގެ މިޔަކަނުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 10 ނުވަތަ 11މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު 9 ނުވަތަ 10 މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 17އާއި 19އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހަށްކިޔާ ޢިލްމީ ނަމާ އިގިރޭސިނަމާ ގުޅުވާ މިމަހަށް ނަލަ ފުންނަ ކިޔާ ނަންދީފައި ވަނީއެވެ.